11 އަހަރުގެ އަންހެންކުއްޖަކު ގްރޫމްކޮށްގެން މާލޭ ގެސްޓްހައުސްއަކަށް ގެންގޮސް، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދައުވާ ލިބޭ އަނީސް ހިލްމީ (ފޮޓޯ/ޕޮލިސް)

ކްރިމިނަލް ކޯޓު

ކުއްޖަކު ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މީހާ އޮރިޔާން ކާޑު ގެންގުޅުނުކަން ސާބިތުވެއްޖެ

އެ މައްސަލައިގައި 1 މަހުގެ ޖަލު ހުކުމެއް އިއްވިއިރު، ގްރޫމްކުރުމާއި ކުއްޖާ ގައިގައި އަތްލުމުގެ ދައުވާތަކުގެ ޝަރީއަތް އަދި ނުނިމޭ
29 މާރިޗު 2022

މާލޭގައި 2020 ވަނަ އަހަރު 11 އަހަރުގެ އަންހެންކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާ ގެސްޓްހައުސް އަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އަނީސް ހިލްމީ އޮރިޔާން ކާޑު ގެންގުޅުނުކަން މިއަދު ސާބިތުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހއ. ބާރަށު ސިލްސިލާގޭ އަނީސް ހިލްމީ ހައްޔަރުކުރީ، 12 ޖޫން 2020 ގަ އެވެ. ފުލުހުން ބުނެފައި ވަނީ ކުޑަކުއްޖާ ގެސްޓްހައުސް އަށް ގެންގޮސް ޖިންސީ ގޯނާކުރީ އެ ކުއްޖާއާ އޮންލައިންކޮށް ވާހަކަދައްކައި ގްރޫމް ކޮށްގެން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ. އެއީ:

  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ (10-14 އަހަރުގެ ޖަލު ހުކުމެއް)

  • ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ (10 އަހަރުގެ ޖަލު ހުކުމެއް)

  • އޮރިޔާންކާޑު ގެންގުޅުން (1 މަހާއި ހަ ދުވަހަށް ޖަލަށް ލުން)

ތަފްސީލް - އެ މައްސަލައިގައި އޭނާގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އުފުލީ، ތަހުގީގުގައި އޭނާގެ ފޯނު ބެލި އިރު އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާތީ އެވެ.

އަނީސް ހިލްމީ ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ކުށް ސާބިތުކުރެވޭ މިންވަރަށް ދައުލަތުން ހެކި ގަރީނާ ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުން އަނީސް ހިލްމީ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ އެއް މަހާއި، ހަ ދުވަހަށް ޖަލަށް ލާން ހުކުމްކުރި އެވެ.

އެނގުން މުހިންމު - މައްސަލައާ ގުޅިގެން އަނީސް ހިލްމީ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާގެ މައްޗަށް އުފުލި ތިން ދައުވާގެ ތެރެއިން އެއް ދައުވާ ސާބިތުވި އިރު އަނެއް ދެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަދެ އެވެ. އެ ދައުވާތަކާ ގުޅިގެން މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް