ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބޭފުޅުންނާ ބައްދަލުކުރުން؛ 10 މާޗު 2020 (ފޮޓޯ/މަޖިލިސް)

ސިވިލް ކޯޓު

މަޖިލީހުގެ ކޮމިޓީއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ކުރި ދައުވާ ސާބިތެއް ނުވި

މަޖިލީހުގައި ދައްކާ ވާހަކަތަކާ ގުޅިގެން ދައުވާ ނުކުރެވޭނެ ކަމަށް އިމްތިޔާޒުގެ ގާނޫނުގައި ބުނޭ
29 މާރިޗު 2022

އައިމާ ކުންފުނީގެ އަބުރާއި ނަމަށް ހުތުރުވާގޮތަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވާހަކަދެއްކި ކަމަށް ބުނެ، ސިވިލް ކޯޓަށް ހުށަހެޅި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާ ސާބިތުނުވާ ކަމަށް އިއްޔެ ހުކުމްކޮށްފި އެވެ.

މައްސަލައިގެ ފެށުން - އައިމާ ކުންފުނިން ކޯޓަށް ދިޔައީ 9 ޖޫން 2020ގައި ބޭއްވި ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެއީ އައިމާ ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރި ބިދޭސީންތަކަކަށް ލިބެންޖެހޭ ހައްގުތަކެއް ކަށަވަރުކޮށްދިނުމެއް ނެތި އެމީހުން ފުރުވާލާފައިވާ ކަމަށް ބުނެ ޓްރާންސްޕޭރެންސީން ހުށަހެޅި މައްސަލައަކާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި އައިމާއަށް އަމާޒުވާގޮތަށް ޓްރާންސްޕޭރެންސީން ދެއްކި ވާހަކަތަކެއް ކަމަށް އެ ކުންފުނިން އެންމެ ބޮޑަށް ފާހަގަކުރި ކަންތައްތަކަކީ:

  • އެ ކުންފުނިން އިންސާނީ ވަގުފާރީގެ އަމަލު ހިންގާ/ބައިވެރިވާ ކަމަށް ކުރި ތުހުމަތު

  • ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީ އަނބުރާ ގައުމަށް ފޮނުވާލިކަމަށް ކުރި ތުހުމަތު

އައިމާއިން ބުނީ، އެފަދަ ތުހުމަތުތަކެއް ކުރި އިރު، އެ ކުންފުނީގެ ފަރާތުން އެއްވެސް މައުލޫމާތެއް ހޯދާފައި ނުވާ ކަމަށެވެ. އެހެންކަމުން:

  • މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 5،000ރ. ހޯދުމަށާއި މާލީ ގެއްލުމުގެ ބަދަލު ހޯދަން އެދުނު

ތަފްސީލް - އެ ދައުވާއާ ގުޅިގެން ޓްރާންސްޕޭރެންސީން ބުނީ ދައުވާގައި ބުނެފައިވާ ވާހަކަތަކަށް އިިންކާރުކުރާ ކަމަށާއި އެއީ ސިވިލް ކޯޓުގައި އުފުލޭނެ ދައުވާއެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެގޮތުން، އެއީ ގާނޫނުއަސާސީ އާއި މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާ ހިލާފަށް ހުށަހެޅި ދައުވާއެއް ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

މަޖިލީހަށް މީހުން ހާޒިރުކުރުމާ ގުޅޭ ކަންކަން ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގެ 99 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ބުނެފައިވަނީ މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ހާޒިރުވެ ހެކިބަސް ދިނުމަށާއި މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގޭނެ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާކުރާ ކޮންމެ ސުވާލަކަށް ވެސް އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެ ކަމަށެވެ.

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާއަކީ މަޖިލީހަށް ހާޒިރުކުރާ މީހުންގެ އިމްތިޔާޒުތަކާ ގުޅޭ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ:

1. މަޖިލީހުގެ ބޭނުމަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގެ ބޭނުމަކަށް ހާޒިރުކުރެވޭ މީހަކު މަޖިލީހަށް ނުވަތަ އެ ކޮމިޓީއަށް ބަޔާނެއް ނުވަތަ މައުލޫމާތެއް ދީގެން، ގާނޫނީ ބާރެއް ލިބިފައިވާ އެއްވެސް ފަރާތަކުން އެމީހަކާ ސުވާލެއް ނުކުރެވޭނެ ކަމަށް

2. އެފަދަ ބަޔާނެއް ނުވަތަ މައުލޫމާތެއް ދީގެން އެފަދަ މީހެއްގެ މައްޗަށް ދައުވާއެއްކޮށްގެން ނުވާނެ ކަމަށާއި އަދި އެފަދަ މީހަކަށް އެއްވެސް ބާވަތެއްގެ ދައްޗެއް ނުވަތަ އުދަނގުލެއްކޮށްގެން ނުވާނެ ކަމަށް

3. މަޖިލީހުން ކުރާ ސުވާލަކަށް ޖަވާބު ދިނުމަށް ހާޒިރުކުރެވޭ މީހަކު، ނުވަތަ މަޖިލީހަށް ބަޔާނެއް ދޭ މީހަކު މަޖިލީހުގައި ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ދައްކާ ވާހަކައަކީ ނުވަތަ މަޖިލީހަށް ލިޔުމެއް، ނުވަތަ މައުލޫމާތެއް ހުށަހަޅަންޖެހޭ މީހަކު ހުށަހަޅާ ލިޔުމަކީ، ނުވަތަ ދޭ މައުލޫމާތަކީއެ މައުލޫމާތެއް ދިން މީހަކާމެދު ފަހުން ކުރެވިދާނެ އެއްވެސް ދައުވާއެއްގައި، އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ އެއްޗެއް ނޫން ކަމަށް

ޓްރާންސްޕޭރެންސީއަށް ރައްދު ދެމުން އައިމާ އިން ބުނީ، މައުލޫމާތު ސާފުނުކޮށް މީހުންނާމެދު ހަގީގަތެއް ނެތް ތުހުމަތު އުފެއްދުމަށް ދޮގު މައުލޫމާތު ދިނުމަށް ގާނޫނުއަސާސީގެ 99 ވަނަ މާއްދާ ހުއްދަ ނުކުރާ ކަމަށެވެ. އަދި އެ ކުންފުންޏާ މެދު ސައްހަ ނޫން ޝަކުވާއެއް މަޖިލީހަށް ހުށަހެޅީ ޓްރާންސްޕޭރެންސީން އަމިއްލައަށް ކަމަށާއި އެއީ މަޖިލީހުން އަންގައިގެން ކުރި ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

އެހެންކަމުން، މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު، މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނު ބޭނުންކޮށްގެން ދިފާއު ނުވެވޭނެ ކަމަށް ވެސް އައިމާއިން ބުންޏެވެ.

ބުނީ ކީކޭ؟ - އެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ، ޓްރާންސްޕޭރެންސީން މަޖިލީހަށް ޝަކުވާ ހުށަހެޅީ އޭރު ލިބިހުރި މައުލޫމާތާ ގުޅިގެން އެ ޝަކުވާ ހުށަހެޅުން މުހިންމު ކަމަށް ފެނިގެން ކަމަށެވެ. އަދި އޭގެ އިތުރު މައުލޫމާތުތައް އެހާތަނަށް ހޯދިފައި ނެތް ކަމަށް ބުނެފައިވާކަން ވެސް ހުކުމްގައި ފާހަގަކުރި އެވެ.

އެހެންކަމުން އެ ބައްދަލުވުމުގައި ޓްރާންސްޕޭރެންސީން މަޖިލީހުގެ ކޮމިޓީއަކަށް ދޮގު މައުލޫމާތެއް ދިން ކަމަށް ބެލެވެން ނެތް ކަމަށް ކޯޓުން ބުންޏެވެ.

ހަމަ އެއާއެކު، ޓްރާންސްޕޭރެންސީން މަޖިލީހުގެ ކޮމިޓީގައި ވާހަކަދެއްކީ އެކަމަށް ކޮމިޓީން އެންގުމުން ކަމަށް ވާތީ، އިމްތިޔާޒުގެ ގާނޫނުން ޓްރާންސްޕޭރެންސީއަށް އިމްތިޔާޒު ލިބިގެންވާކަމަށް ވެސް ކޯޓުން ނިންމި އެވެ.

އެހެންކަމުން، އެ މައްސަލައިގައި އައިމާއިން ކުރި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ އެ ދައުވާ ސާބިތުނުވާކަމަށް، ގާޒީ ފައްޔާޒް ޝާތިރު ނިންމެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް