މިރުޒާ މަރާލި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން.

ސުޕްރީމް ކޯޓު

މިރުޒާގެ މަރު: މަރަން ހުކުމްކޮށްފައިވާ ނަޒީފަށް މިރުޒާގެ އާއިލާއިން މައާފު ދީފި

މިރުޒާ މަރާލިކަން ސާބިތުވެފައިވާ އަބްދުﷲ ނަޒީފް އަދިވެސް އެ އަމަލު ހިންގި ކަމަށް އިންކާރު ކުރޭ

މީގެ 11 ވަރަކަށް އަހަރު ކުރިން ވިލިމާލޭ ޕާކު ތެރޭގައި ނ. މާޅެންދޫ/ވައިޓް ހައުސް، އަހްމަދު މިރުޒާ މަރާލިކަން ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ފުވައްމުލަކު/ޒާވިޔާ، އަބްދުﷲ ނަޒީފަށް، މިރުޒާގެ އާއިލާއިން މިއަދު މައާފު ދީފި އެވެ.

މައްސަލައިގެ ފެށުން - 

  • މިރުޒާ މަރާލީ 2011ގައި ވިލިމާލޭ ޕާކު ތެރޭގައި އޭނާގެ ބޮލުގައި ލަކުޑިބުރިއަކުން ޖަހައިގެން 

  • އޭނާ މަރާލިކަން ސާބިތުވެ، އަބްދުﷲ ނަޒީފް މަރަން އޮތީ ހުކުމްކޮށްފައި 

  • ކްރިމިނަލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައި 

  • މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ އިސްތިއުނާފުގެ ފަހު މަރުހަލާ

ވީ ކިހިނެއް؟ - އެ މައްސަލައިގައި މިއަދު އަޑުއެހުމެއް ބޭއްވީ މައްސަލަ ދިރާސާކުރުމުގައި ފަނޑިޔާރުންނަށް ފާހަގަކުރެވުނު ބައެއް ކަންކަން ސާފުކުރުމަށެވެ. އެގޮތުން:

  • އަހްމަދު މިރުޒާގެ ބައްޕަ އިބްރާހިމް ހަސަންގެ ސިޓީއެއް ކަމަށް ބުނެ އަބްދުﷲ ނަޒީފްގެ ފަރާތުން ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން ފަނޑިޔާރުން މައުލޫމާތު ސާފުކުރެއްވި 

  • މިރުޒާގެ އެއްބަނޑު އެއްބަފާ ތިން މީހެއްގެ ބަސް ވެސް ކޯޓުން މިއަދު ހޯދި 

ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިރުޒާގެ ބައްޕަ ކޯޓުގައި ބުނީ، ނަޒީފްގެ ކިބައިން މަރަށް މަރު ހިފުމުގެ ހައްގު ދޫކޮށްލައި އޭނާއަށް މައާފު ދިންކަން އަންގައި ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

މިރުޒާގެ ބައްޕަ ކޯޓުގައި ބުނީ ނަޒީފްގެ އާއިލާގެ ފަރާތުން އެ މައްސަލައިގައި މައާފު ދިނުމަށް އެދުނު ކަމަށާއި، އާއިލާއިން ދެއްކި ވާހަކަތަކުން "ވަރަށް ބޮޑަށް ދެރަވެގެން" ނަޒީފަށް މައާފު ދީފައިވާނެ ކަމަށެވެ.

މިރުޒާގެ އެއްބަނޑު އެއްބަފާ މީހުން ކޯޓުގައި ބުނީ ނަޒީފަށް މައާފު ދޭން ބައްޕަ އެދިފައިވާތީ އެ ތިން މީހުން ވެސް އޭނާއަށް މައާފު ދީފައިވާނެ ކަމަށެވެ.

އެނގުން މުހިންމު - މަރަށް މަރު ހިފޭނީ މަރުވި މީހާގެ ހުރިހާ ވާރިސުން އެގޮތަށް އެދޭ ނަމަ އެވެ. އެންމެ ވާރިސަކު ނަމަވެސް ގިސޯސް ހިފަން ބޭނުން ނުވެއްޖެ ނަމަ، މަރުގެ އަދަބެއް ނުދެވޭނެ އެވެ.

ކްރިމިނަލް ކޯޓާއި ހައި ކޯޓު މަރުހަލާގައި ވެސް ވާރިސުން ބުނީ މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ. މިއަދު މިރުޒާގެ ބައްޕަ އާއި އާއިލާގެ އެހެން މެމްބަރުން ނަޒީފަށް މައާފު ދިން އިރު، ކްރިމިނަލް ކޯޓުގައި މަރަށް މަރު ހިފަން ބޭނުން ކަމަށް ބުނި މިރުޒާގެ މަންމަ ވަނީ މީގެ ފަސް ވަރަކަށް އަހަރު ކުރިން މަރުވެފަ އެވެ. 

ނ. މާޅެންދޫ/ ވައިޓް ހައުސް، އަހުމަދު މިރުޒާ.

'ނުކުރާ ކުށަކަށް މައާފަށް އެދެވިދާނެތަ؟'

ވާރިސުން އޭނާއަށް މައާފު ދޭން ނިންމާފައިވާ ކަމަށް ބުނުމުން، ބެންޗުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ނަޒީފު މައާފަށް އެދުނީ ކޮން ކަމަކަށްތޯ ސާފުކޮށްދިނުމަށް އެދިފަ އެވެ. ޝަރީއަތުގެ އެންމެ ފަހު މަރުހަލާގައި މި މައްސަލަ އޮތް އިރު، މިރުޒާ މަރުވީ އޭނާ ކުރި އަމަލަކުން ނޫން ކަމަށް ބުނެ ނަޒީފު އަންނަނީ ކުށަށް އިންކާރުކުރަމުންނެވެ.

"އެހެން ކަމަށް ވެއްޖެއްޔާ މައާފު އެދެންވެގެން ކީކޭތޯ ނަޒީފުގެ ފަރާތުން ބުނީ؟ އެކަން ކުރި ކަމަށްތޯ ބުނީ؟ އޭނާގެ ފުށުން މަރުވި ކަމަށްތޯ ބުނީ،" ހުސްނުއްސުއޫދު ސުވާލުކުރެއްވި އެވެ.

މިރުޒާގެ ބައްޕަ ބުނީ އެފަދަ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި، ނަޒީފް "މިހާރު ވަރަށް ރަނގަޅަށް އުޅޭ" ކަމަށާއި "ގިޔާމަތް ދުވަހު އެކަމުން އޭނާ މިންޖުވާން އެދޭ" ކަމަށް ބުނި ކަމަށެވެ.

"ދެން އަޅުގަނޑު ވެސް ވަރަށް ދެރަވި. އަޅުގަނޑު ވެސް ހިތަށް އެރީ މިހާރު ގާތްގަނޑަކަށް ނުވަ އަހަރު ވިއްޔާ ޖަލުގައި. އެހެންވީމަ އަހަރެން ވެސް އޭނާއަށް މައާފު ދޭނީއޭ،" އިބްރާހިމް ހަސަން ބުންޏެވެ.

ނަމަވެސް، ހުސްނުއްސުއޫދު ވަނީ ނުކުރާ ކަމަކަށް މައާފު ދެވިދާނެތޯ ތަކުރާރުކޮށް ސުވާލުކުރައްވައިފަ އެވެ.

"މައާފަށް އެދުނީމަ އޭނާ އެ އޮތީ އެކަން ކޮށްފައި. ނުކުރާ ކަމަކަށް މައާފަކަށް ނޭދޭނެ. އެކަން އަޅުގަނޑަށް އެނގޭ،" އިބްރާހިމް ހަސަން ބުންޏެވެ.

ހުސްނުއްސުއޫދު ވަނީ ހަމަ އެ ސުވާލު ނަޒީފްއާ ވެސް ކުރައްވާފަ އެވެ. ނަޒީފް ބުނީ އެ މައްސަލައިގައި އޭނާގެ އާއިލާގެ ފަރާތުން މިރުޒާގެ އާއިލާގެ ކިބައިން މައާފަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް، އޭނާ އަމިއްލައަށް މައާފަށް އެދުނު ކަމަކަށް ނަޒީފް ނުބުނެ އެވެ.

ނަޒީފް އަދިވެސް ގަބޫލުކުރަނީ ކުށް ނުކުރާ ކަމަށް

ނަޒީފް ބުނީ އެ ސުވާލަށް ޖަވާބު ދޭން ބޭނުންވަނީ ވަކީލާ ވާހަކަދެއްކުމަށްފަހު ކަމަށެވެ. ފަނޑިޔާރުންގެ ސުވާލަށް ޖަވާބުދެއްވީ ނަޒީފްގެ ދިފާއީ ވަކީލު އިސްމާއީލް މުހައްމަދު ވިދާޅުވީ ނަޒީފްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންގޮސްފައި ވަނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނިންމި ނިންމުން ބަލައިނުގަންނާތީ ކަމަށެވެ.

"އޭގެ މާނައަކީ ނަޒީފް ގަބޫލެއް ނުކުރެޔޭ ނަޒީފް ކުޅަ އަމަލެއްގެ ސަބަބުން ކަމަކަށް މަރްހޫމް ނިޔާވެގެން ގޮސްފައި ވަނީ،" ވަކީލު އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޒީފު އެ ކުށް ނުކުރި ނަމަވެސް، މިހާ ގިނަ ދުވަހު ޖަލުގައި ހުންނަން ޖެހުމުންނާއި އޭނާގެ މަސްލަހަތު ހިމެނޭ ކަމަކަށް ވުމުން ނަޒީފްގެ އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކުން ދެ ފަރާތުގެ އާއިލާގެ ދެމެދު ވާހަކަ ދެއްކިދާނެ ކަމަށެވެ.

"ނަޒީފްގެ ފަރާތުން މިހާރު ކޮންމެހެން މިކަން ނުކުރި ކަމަށް ވިޔަސް، މީހަކު މަރުވެ ދިއުމާއި މި ހުރިހާ ކަންކަމުގެ މައްޗަށް ބަލާފައި އެ އާއިލާގެ ސިމްޕަތީ އާއި ބްލެސިން ހަމަ ބޭނުންވާ ކަމަށް،" ވަކީލު ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން މިރުޒާގެ އާއިލާގެ ފަރާތުން ވަނީ، ނަޒީފް ނުކުރާ ކަމަކަށް މައާފު ދިނުމަށް އާއިލާއިން އެދުނީ އޭނާއަށް ނޭނގިތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް ވަކީލު އިސްމާއީލް ވިދާޅުވީ ދެ އާއިލާގެ ދެމެދު ވާހަކަދައްކާކަން ނަޒީފަށް އެނގޭ ކަމަށެވެ. އަދި މައާފަށް އެދުނުކަން ވެސް އެނގޭ ކަމަށެވެ.

ނަޒީފްގެ ފަރާތުން މިހާރު ކޮންމެހެން މިކަން ނުކުރި ކަމަށް ވިޔަސް، މީހަކު މަރުވެ ދިއުމާއި މި ހުރިހާ ކަންކަމުގެ މައްޗަށް ބަލާފައި އެ އާއިލާގެ ސިމްޕަތީ އާއި ބްލެސިން ހަމަ ބޭނުންވާ ކަމަށް.

ނަޒީފްގެ ދިފާއީ ވަކީލު އިސްމާއީލް މުހައްމަދު 

ނަޒީފްގެ އާއިލާއިން މައާފު ހޯދުމުގެ ތެރޭގައި މިރުޒާގެ އާއިލާއަށް ބިރުދައްކައި ނޭއްގާނީ އެއްވެސް އަމަލެއް ހިންގާފައިވޭތޯ ވެސް ޝަރީއަތުން ސާފުކުރި އެވެ. މިރުޒާގެ ބައްޕަ އިބްރާހިމް ހަސަން ބުނީ ބިރުދެއްކުމުގެ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. މައާފަށް އެދުމުން ދީނީ އިލްމުވެރިޔަކާ ވާހަކަދެއްކުމަށް ފަހު، މައާފު ދިނީ އަމިއްލައަށް ބޭނުންވެގެން ކަމަށް މިރުޒާގެ ބައްޕަ ބުންޏެވެ.

މިރުޒާގެ ކޮއްކޮއަކު ބުނީ ނަޒީފްގެ އާއިލާއިން މައާފަށް އެދުނުކަން ވެސް އެނގުނީ ނޫހަކުން ހަބަރު ފެނުމުން ކަމަށާއި އާއިލާއިން ހަމައެކަނި ވާހަކަދެއްކީ ބައްޕައާ ކަމުން، އެކަން ހިނގައިދިޔަ ގޮތެއް ނޭނގޭ ކަމަށެވެ.

އެނގުން މުހިންމު - މިއަދުގެ އަޑުއެހުމުގައި ވެސް ނަޒީފް ވަނީ މިރުޒާ މަރުވީ އޭނާ ކުރި ކަމަކުން ނޫން ކަމަށް ބުނެ ދިގުކޮށް ވާހަކަދައްކައިފަ އެވެ. ސުޕްރީމް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމެވެ.

ކޮމެންޓް (1)

ފައިސަލް

29 މާރިޗު 2022
މާފް ކުރުމަކީ ވަރަށް ހެޔޮ ކަމެއް. ރަހުމަތް ލައްވާށި.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް