ހަމަލާގައި ބައިވެރިވި ކަމަށް ބުނާ ތަހުމީން (ކ) އާއި މުޖާޒް (ވ): މުޖާޒުގެ މައްޗަށް ދެ ދައުވާއެއް އުފުލުއިރު، ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ނަޝީދަށް ދިން ހަމަލާ: ދައުވާ ލިބޭ މީހުން އެކަހެރިކޮށް ބޭތިއްބުމަކީ ޓޯޗާ ކަމަށް ބުނެފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި 6ގައި ޓެރަރިސްޓު ހަމަލާއެއް ދިން ކަމަށް ދައުލަތުން ބުނާ މީހުން އެކަހެރިކޮށް ބަންދުކޮށްފައި ގިނަ ދުވަހު ބޭތިއްބުމަކީ ޓޯޗާގެ އަމަލެއް ކަމަށް މިއަދު ދިފާއީ ވަކީލަކު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސައިކަލެއްގައި ހަރުކުރި އައިއީޑީއެއް ގޮއްވާލައި ނަޝީދަށް ދިން ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ދައުލަތުން ބުނާ ހަ މީހެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލައިގައި އަޑުއެހުމެއް ނުބޭއްވި ގިނަ ދުވަސްތަކެއް ފަހުން މިއަދު ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ.
ޝަރީއަތް ކުރިއަށްދާ މީހުންނާއި ދައުވާތައް:
-
ތަހުމީން އަހުމަދު (ފޮޅޭމާ/ގއ. ކޮނޑޭ): ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ
-
މުޖާޒު އަހުމަދު (މއ. ފޭރުގެ/ކ. މާލެ): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ
-
އަލީ ހައިޝަމް (ނޫރީގެ/ނ. މަނަދޫ): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
އިސްހާގު (މއ. ކުދެހިގެ/ކ.މާލެ): ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
ފަހުމީ އަލީ ހުދުރުވާގެ/ގއ. ވިލިނގިލި): ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
މުހައްމަދު ނާޒިމް(އަސަރީގެ/އއ. މާޅޮސް): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ
އެ މައްސަލައިގައި މިއަދުގެ އަޑުއެހުމުގައި، ދައުލަތުން ނެރެދޭން އެދިފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރުމާ މެދު ގޮތެއް ނިންމަން އޮތީ ހަމަޖެހިފަ އެވެ. ދައުލަތުން ވަނީ 100 ސަފުހާއަށް ވުރެ ގިނަ ލިޔުމުގެ ބައިތައް ސިއްރު ކުރަން އެދިފަ އެވެ. އެކަމަކު، މިއަދު ބައެއް ވަކީލުން ލިޔެކިޔުންތައް ލިބުމުގައި ހުރި މައްސަލަތަކާއި ދައުވާތަކުގައިވާ ކަންކަން ސާފު ކުރުމަށް ގިނަ ސުވާލުތަކެއް ހުރުމުން އަޑުއެހުން ދިގުލައިގެން ދިޔަ އެވެ. އެހެންވެ، ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރުމާ މެދު މިއަދު ގޮތެއް ނުނިންމަ އެވެ.
'15 ދުވަހަށް ވުރެ ގިނަ ދުވަހު އެކަހެރި ކުރުމަކީ ޓޯޗާ'
މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން ދައުވާ ލިބޭ މުޖާޒު އަހުމަދު އޭނާ ބަންދުކޮށްފައި ހުރި ގޮޅިއާ މެދު ކަންބޮޑުވުން ފާޅުކުރި އެވެ.
އޭނާ ބުނީ އޭނާ ބަހައްޓާފައި ހުންނަނީ އެކަހެރިކޮށް ވަކި ގޮޅިއެއްގައި ކަމަށާއި އެކަނި ހުންނަން ޖެހޭތީ ނަފްސާނީ މައްސަލަތައް ދިމާވާ ކަމަށެވެ. އެކަމަށް ނަފްސާނީ ޑޮކްޓަރަކަށް ދައްކަން އެދިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާ އަކީ ޕައިލްސްއަށް ފަރުވާ ހޯދާ މީހެއްކަން ވެސް އޭނާ ފާހަގަކުރި އެވެ.
މި ކަންބޮޑުވުން ފަހުމީ އަލީ ވެސް ފާހަގަ ކުރި އެވެ. އޭނާ ބުނީ ގޮޅީގައި އެކަނި ނިދާފައި އޮންނަ އިރު އޮފިސަރުން ވަދެ އޭނާގެ ސާމާނު ހާވައި ގައިގައި އަތްލައި ވެސް ހަދާ ކަމަށެވެ.
މުހައްމަދު ނާޒިމް ބުނީ އޭނާ ބަހައްޓާފައި ހުންނަ ގޮޅިއަށް ލިބޭ ފެނަކީ ބޯން އެކަށީގެންވާ ފެނެއް ނޫން ކަމަށެވެ. އަދި އެ ފެނުން ލަނީ ތެރަސް ރަހަ ކަމަށް އޭނާ ކިޔައިދިނެވެ.
މިކަމާ ގުޅިގެން ނާޒިމްގެ ވަކީލު ހަމްޒާ ލަތީފު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާއެއްގައިވާ ގޮތުން އެކަހެރިކޮށް 15 ދުވަހަށް ވުރެ ގިނަ ދުވަހު މީހަކު ބަންދުކޮށްފައި ބެހެއްޓުމަކީ ޓޯޗާގެ އަމަލެކެވެ. އެހެންވެ، އެފަދަ އަމަލެއް ކުރާ ދައުލަތުގެ ހުރިހާ މުއައްސަސާއެއް އެ މުއާހަދާގެ ދަށުން ޖަވާބުދާރީކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ ދައުވާ ލިބޭ މީހުން އެކަހެރިކޮށް ބަންދު ކުރަން ނިންމާފައި ވަނީ ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ތައްޔާރުކުރި އެ މީހުންގެ އެސެސްމެންޓަށް ރިއާޔަތްކޮށް ކަމަށެވެ.
ކުށްތަކުގެ ތުހުމަތު ކުރެވޭ އެހެން މީހުންނަށް، މީހުންނާ އެކު ގޮޅީގައި އުޅުމުގެ ފުރުސަތު ލިބޭ ކަމަށް ބުނެ ދައުވާ ލިބޭ މީހުން އެދުނީ އެހެން މީހުންނާ އެކު އުޅެވޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ. އާ އެސެސްމެންޓެއް ހަދައިގެން ވިޔަސް ބަދަލުކޮށްދޭން އެ މީހުން އެދުނެވެ.
ދިފާއުން ފާހަގަކުރި ކަންބޮޑުވުންތައް ސާފުކުރަން ބެންޗުން ދައުލަތަށް އެންގި އެވެ. އެކަމަކު، ވަކި ގޮޅިއަކަށް ބަދަލުކުރަން ކޯޓަށް ނޭންގޭނެ ކަމަށް ވެސް ބުންޏެވެ.
ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ
މިއަދުގެ އަޑުއެހުމުގައި އިސްހާގުގެ ވަކީލު އަހުމަދު ޔާމީން ވަނީ ލިޔުންތައް ބަލާލަން ކޯޓުން ފުރުސަތު ދިނަސް، އެއީ ލިޔުންތައް ދިރާސާ ކުރަން ލިބޭ ފުރުސަތެއްތޯ ސުވާލުކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ދައުވާގައިވާ އިބާރާތުގެ ސަބަބުން ބައެއް ކަންކަން ސާފު ނުވާ ކަމަށާއި ދައުވާގައި އުނިކަމެއް އެބަ ހުރި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެގޮތުން:
-
ދައުލަތުގެ ދައުވާގައިވާ އިބާރާތުގެ ސަބަބުން، ނަޝީދު އަވަހާރަކޮށްލަން ގޮއްވާލީ އައިއީޑީއެއްގެ ބަދަލުގައި އަދުހަމް އަހުމަދު ރަޝީދު ކަމަށް ދޭހަވާ ކަމަށް؛ އިންސާނަކު ގޮއްވާލާނީ ކިހިނެއްތޯ އޭނާ ސުވާލު ކުރެއްވި
-
ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު އެކަން ސާފުކޮށްދެއްވަމުން ވިދާޅުވީ ދައުވާގައި ވަނީ އަދުހަމް ގޮއްވާލި ވާހަކަ ނޫންކަން ވަރަށް ސާފު ކަމަށް
-
ދައުލަތުގެ ވަކީލު ނައުޝާދު ވަނީ ވަކިވަކިން ދައުވާގައިވާ އިބާރާތްތައް ކިޔައިދެއްވައި ދަައުވާ ސާފުކޮށްދެއްވާފައި
ވަކީލް ޔާމީން އިތުރަށް ސުވާލުތައް ކުރެއްވި ނަމަވެސް ދައުވާ ސާފުކޮށްދެވޭ ވަރު ކުރެވިއްޖެ ކަމަށް ނިންމައި ދައުވާއަށް ޖަވާބުދާރީވާން ބެންޗުން އެންގުމުން އިސްހާގުގެ ފަރާތުން ތިން ދައުވާއަށް ވެސް އިންކާރު ކުރާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ދައުވާ ލިބޭ މީހުންގެ ތެރެއިން ދައުވާއަށް ޖަވާބުދާރީ ނުވެ ހުރި އިސްހާގު ވެސް މިއަދު ދައުވާއަށް އިންކާރު ކުރުމާ އެކު ބެންޗުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށާއި މައްސަލައިގައި މިހާތަނަށް ދައްކާފައި ހުރި ވާހަކަތަކަށް ބަލައި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ.
ދައުވާ ލިބޭ ހުރިހާ އެންމެން ވެސް ދައުވާއަށް ޖަވާބުދާރީވެ، އިންކާރުކޮށްފައިވާތީ، އެ މީހުންނަށް ދިފާއީ ހެކި ހުށަހަޅަން ބެންޗުން 15 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުން ގާޒީ އާދަމް މުހައްމަދު މިއަދު ވަނީ މައްސަލަ ދިގުލައިގެންދާކަން ފާހަގަކުރައްވައިފަ އެވެ. މި މައްސަލައިގެ އަޑުއެހުމެއް ނުބާއްވައި ގިނަ ދުވަސްތަކެއް ހޭދަވި ނަމަވެސް، ދައުލަތުގެ ލިޔުންތަކާއި ސީޑީތަތަކުގެ ތެރެއިން ނުދައްކަން ދައުލަތުން އެދިފައިވާ ބައިބަޔާ ނުލައި ލިޔުންތަކާއި ސީޑީތައް ދައްކަން އިދާރީ 10 އަޑުއެހުމެއް ބާއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ބެންޗުން ވަނީ ކުރިއަށް އޮތް ދެ މަހު މައްސަލައިގައި ހިމެނޭ ވަކީލުންގެ މަސައްކަތުގެ ތާވަލު އޮތް ގޮތް ކޯޓާ ހިއްސާ ކުރަން އެދިފަ އެވެ. އެއީ އެ ވަކީލުންގެ އެހެން މައްސަލަތަކުގެ އަޑުއެހުންތަކާ ފުށޫ ނާރާ ގޮތަށް ކުރިއަށް އޮތް ދެ މަހަށް އަޑުއެހުންތައް ތާވަލު ކުރުމަށެވެ.
ފަހުމީ އަލީގެ ވަކީލެއް މިއަދުގެ އަޑުއެހުމަށް ވަޑައިނުގަންނަވަ އެވެ. ބެންޗުން ބުނި ގޮތުގައި އެ ވަކީލު ވަނީ މައްސަލައިން އަމިއްލައަށް ތަނާޒުލްވެފަ އެވެ. އެހެންވެ، އާ ވަކީލަކު ހަމަޖައްސަން ވަކިން ފޯނު ކޯލެއް ކުރުމުގެ ފުރުސަތު ދިނުމަށް ފަހުމީ އެދުނެވެ. އެގޮތަށް ފޯނު ކޯލެއް ދިނުމަށް ކޯޓުން ކަރެކްޝަންސްއަށް ސިޓީ ފޮނުވާނެ ކަމަށް ބެންޗުން ބުންޏެވެ.
ދައުވާ ލިބޭ ތަހުމީންގެ ވަކީލު ވެސް ބަދަލުވުމުން މިއަދު ވަޑައިގެންނެވީ އާ ވަކީލެކެވެ. އެ ވަކީލަށް އަދި މައްސަލައިގެ ލިޔުންތައް ހަވާލެއް ނުކުރެވެ އެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުން ބަލާ ބެންޗުގައި ތިއްބަވަނީ ގާޒީ އާދަމް މުހައްމަދުގެ އިތުރުން ސޮފްއަތު ހަބީބާއި މުހައްމަދު މިސްބާހު އެވެ.
އެނގުން މުހިންމު - މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު (ހިޔާ/ވ. ތިނަދޫ) 23 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ. އޭނާ ވަނީ ކުށަށް އިއުތިރާފުވެ، އަދަބަށް ލުއި ލިބޭ ގޮތަށް ދައުލަތާއެކު އެއްބަސްވުމެއް ހަދައިފަ އެވެ. އަދި އޭނާ ބައެއް ކަންކަން ދައުލަތަށް ކިޔައިދީފައިވާކަން ވެސް އެނގިފައިވެ އެވެ.
ހަމަލާ ދިނުމުގައި އަބްދުﷲ އަލިމަނިކު (ބަހާރުގެ/ހއ. މޮޅަދޫ) އާއި މުހައްމަދު ތަސްލީމް (އަލަނާސިގެ/ހއ. ހޯރަފުށި) ބައިވެރިވި ކަމަށް ދައުލަތުން ބުނި ނަމަވެސް އެ މީހުންގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. އެ މީހުންގެ މައްސަލަ މިހާރު ވަނީ ޝަރީއަތުގެ މަރުހަލާއަށް ގޮސްފަ އެވެ.