ހަވީރު ނޫހުގެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ބޭއްވި އޮންލައިން އަޑުއެހުމުގެ ތެރެއިން

"ހަވީރު"ގެ މައްސަލަ ސުޕްރީމް ކޯޓަށް: ފާރޫގާއި ރަޝީދުގެ ފަރާތުން އެދުނީ މައްސަލަ މުރާޖައާ ނުކުރަން

ހަވީރުގެ ޗެއާމަން ޑރ. ޒާހިރުއާ ދެކޮޅަށް ހައި ކޯޓުން ނިންމި މައްސަލަ އޭރުގެ ސުޕްރީމް ކޯޓުން ބަލައިގެންފައެއް ނުވޭ
23 މާރިޗު 2022

ރާއްޖޭގެ އެންމެ ދުވަސް ވީ ނޫސް "ހަވީރު"ގެ މިލްކުވެރިކަމާ މެދު ހައި ކޯޓުން ނިންމި ނިންމުން ކުރީގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ނުބަލަން ނިންމި ނިންމުން މިހާރުގެ ސުޕްރީމް ކޯޓުން އަލުން މުރާޖައާ ނުކުރަން، ފާރޫގު ހަސަން އާއި އިބްރާހިމް ރަޝީދު މޫސާގެ ފަރާތުން މިއަދު އެދެފި އެވެ. 

ވީ ކިހިނެއް؟ - 'ހަވީރު'ގައި އެ ބޭފުޅުންގެ ހިއްސާއެއް އޮތް ކަމަށް ވިދާޅުވެ، ފާރޫގު އާއި ރަޝީދު ހައި ކޯޓަށް ހުށައެޅި މައްސަލަ ނިންމީ އެ ބޭފުޅުންގެ ކޮޅަށެވެ. އެކަމަކު 'ހަވީރު'ގެ ކުރީގެ މަސްއޫލުވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެކަމަކު އޭރުގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އޭގައި ބަލަން ޖެހޭނެ ކަމެއް ނެތް ކަމަށެވެ.

އަލުން ސުޕްރީމް ކޯޓަށް ޑރ. ޒާހިރުގެ ފަރާތްޕުޅުން މައްސަލަ ވެއްދުމުން، މިއަދު އޮތީ ދައުވާ ލިބޭ ފަރާތްތަކުން ޖަވާބުދާރީވުމެވެ.

ރަޝީދު މޫސާ އާއި ފާރޫގުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދުނީ އެއީ އަލުން މުރާޖާކުރަން ޖެހޭ މައްސަލައެއް ނޫން ކަމަށް ނިންމައިދޭށެވެ.

ތަފްސީލު: ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަމާއި ސްޕޯޓްސް އެންޑް ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޒާހިރު އަމިއްލައަށް ހަރަދުކުރައްވައި، އަމިއްލަ ގެދޮރު މޯގޭޖްކުރައްވައިގެން ތަރައްގީކުރި 'ހަވީރު'ގައި ފާރޫގާއި ރަޝީދުގެ ހިއްސާ އޮންނަ ކަމަށް ހުށައެޅުއްވީ، 1985 ގައި 'ހަވީރު ނިއުސް އެޖެންސީ' ކިޔާ އެޖެންސީއެއް އުފައްދަން އެ ބޭފުޅުންގެ މެދުގައި ކުރެއްވި އެގްރިމެންޓަކަށް ބިނާކުރައްވަ އެވެ. އެ އެއްބަސްވުމުގައި އޮތް ގޮތުން ހަވީރު އާއި ހަވީރުގެ ޗާޕްހާނާ ހިންގާނީ ހަވީރު ނިއުސް އެޖެންސީންނެވެ. އެކަމަކު އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރަށް އެ އެޖެންސީން ހަވީރު ހިންގުމާ ބެހޭ އެއްވެސް މަސައްކަތެއް ކުރިކަން، އެނގޭކަށް ނެތެވެ.

ސިވިލް ކޯޓުން ނިންމީ ފާރޫގާއި ރަޝީދުގެ އެއްވެސް ހިއްސާއެއް 'ހަވީރު'ގައި ނެތް ކަމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ ބޭފުޅުންގެ ހިއްސާ އޮތް ކަމަށާއި އެ ހިއްސާ ހޯދަން ކޯޓަށް ދެވޭނެ ކަމަށެވެ. އެ ހުކުމާ އެކު ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމުން، ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރެއްގައި ބުނީ ފާރޫގާއި ރަޝީދުގެ ބައިވެރިވުމެއް ނެތި ހަވީރު ނުހިންގޭނެ ކަމަށެވެ. އެ ހުކުމާ އެކު 30 މާޗު 2016 އިން ފެށިގެން 'ހަވީރު' ނެރުން ހުއްޓާލި އެވެ.

ސުޕްރީމް ކޯޓުގައި ޒާހިރުގެ ފަރާތްޕުޅުން އެދުނީ ކުރީގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިނުގަންނަން ނިންމި ނިންމުން ބާތިލްކޮށްދިނުމަށެވެ.

'މުރާޖައާ ކުރަން ޖެހޭ ފަދަ ސަބަބެއް ނުދެއްކޭ'

މިއަދު އޮތީ ރަޝީދު އާއި ފާރޫގުގެ ފަރާތުން ޖަވާބުދާރީވުމެވެ. އެ ދެ ބޭފުޅުންގެ ވަކީލު މުހައްމަދު ފައިސަލް މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ، މުރާޖައާ ކުރުމުގެ އިޖުރާއަތްތަކާ ގުޅޭ ގޮތުންނެވެ. އޭނާ ވިދާޅުވީ މި މައްސަލައިގައި މުރާޖައާ ކުރަން އެދިފައިވާ ވަނީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން މައްސަލަ މުރާޖައާ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް މުރާޖައާ ކުރެވޭނީ މައްސަލައިގައި ހިމެނޭ ފަރާތަކުން ނުވަތަ މަސްލަހަތު ހިމެނޭ ފަރާތަކުން އެކަމަށް އެދުމުން، މައްސަލައިގެ ތޮބީއަތަށް ރިއާއަތް ކުރުމާ އެކު، މައްސަލައަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް، ގާނޫނާ ހިލާފަށް ނިންމި ނިންމުމަކަށް ވުމުގެ ސަބަބުން ނުވަތަ، މައްސަލަ ނިންމާ ފަހުން އާ ހެކި ލިބިއްޖެ ނަމަ އެ ހެއްކަށް ރިއާއަތް ނުކުރުމުގެ ސަބަބުން ނުވަތަ އެ ނޫން ވެސް ސަބަބަކާ ހެދި ފާޅުކަން ބޮޑު ބޭއިންސާފެއް ފެންނަން އޮންނަ ހާލަތްތަކުގައި ކަމަށެވެ.

ފައިސަލް ވިދާޅުވި ގޮތުގައި މިއީ އެ މިންގަނޑުގެ ތެރެއަށް ފެތޭ ބޮޑު ބޭއިންސާފެއް އޮތް މައްސަލައެއްކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ މައްސަލަ ހުށަހެޅި ފަރާތަށެވެ. އެކަމަކު އެ މިންގަނޑަށް ފެތޭކަމުގެ މައްޗަށް ޒާހިރުގެ ފަރާތްޕުޅުން މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވާހަކަ ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ބޮޑު ބޭއިންސާފެއް އޮތް ކަމަށް ދެއްކިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެއީ މުރާޖައާކުރަން ނުޖެހޭ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުން ނިންމީ، ފައިސަލް ވިދާޅުވި ގޮތުގައި، އެފަދަ ސަބަބެއް ދެއްކިފައި ނުވާތީ އެވެ. 

މުރާޖައާ ކުރުމުގެ ފުރުސަތަކީ ސުޕްރީމް ކޯޓުން ނިންމާފައިވާ އެންމެހާ ނިންމުންތަކާ ބެހޭ ގޮތުންް ބަހުސްކުރަން، މައްސަލަ ނާކާމިޔާބުވި ފަރާތަށް އަލުން ލިބޭ ފުރުސަތެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ފައިސަލް ވިދާޅުވީ މި މައްސަލައިގައި ޒާހިރުގެ ފަރާތްޕުޅުން އެއްވެސް އާ ހެއްކެއް ވެސް ހުށަހަޅުއްވާފައި ނުވާ ކަމަށެވެ. އެހެންވެ، ވާހަކަ ދައްކަން ޖެހެނީ ކުރިން ވެސް ބެލި މައްސަލައިގެ ތެރޭގައި ހުށަހެޅިފައިވާ ހެއްކާއި ގާނޫނީ ނުކުތާތަކާ ބެހޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"ހަމައެކަނި ގަވައިދުގެ މި މާއްދާއަށް ބެލުމުން ވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ މި މުރާޖައާ ކުރުމަށް ފުރުސަތު ދެވިގެން ނުވާނެކަން. ސަބަބަކީ އެ ބޭފުޅުން ކުރިން ހުށަހަޅާފައި ހުރި ހެކިތަކަށް އެންމެ ފަހުން ދުވަހު ވާހަކަ ދައްކަވަމުން ގެންދިޔައީ،" ފައިސަލް ވިދާޅުވި އެވެ.

މިއީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމަކާ ގުޅިގެން ބަލާ މައްސަަލައެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މިއީ އެއްވެސް އިރެއްގައި ސުޕްރީމް ކޯޓުން މައްސަލައިގެ މައުލޫގެ ތެރެއަށް ވަދެ ބަލާފައިވާ މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެއީ މުޅި މައްސަލައިގެ މައުލޫއު ސުޕްރީމް ކޯޓުގައި ނުބެލޭނެ ސަބަބެއްކަން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ސުޕްރީމް ކޯޓުން މައްސަލަ މުރާޖައާކުރާ ނަމަ ކުރަން ޖެހޭނީ ކުރިން އެ ކޯޓަށް ހުށަހެޅުމުން ބަލައިނުގަތް އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށެވެ. އެކަމަކު މިހާރުގެ މައްސަލައިގައި ޒާހިރުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފީ ތިން ނުކުތާއަކީ މީގެ ކުރިން ހުށަހެޅި މައްސަލައިގައި ހިމެނޭ ނުކުތާތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ސިފަކުރެއްވި އެވެ. 

"މުރާޖައާ ކުރާ ފޯމެއްގައި އިސްތިއުނާފަށް ހުށަހެޅި ފޯމުގައި ހުރި ނުކުތާތައް ފިޔަވައި އިތުރު ނުކުތާތަކެއް މުރާޖައާ ފޯމެއްގައި އަލަށް ހިމަނުއްވައިގެން ހުށަހެޅުމަކީ، އިއްޒަތްތެރި ފަނޑިޔާރުން، ހަމަ ކަނޑައެޅިގެން އިޖުރާއީ ގޮތުން ބޮޑު ގޯހެއް،" ފައިސަލް ވިދާޅުވި އެވެ.

ރަޝީދާއި ފާރޫގުގެ ފަރާތުން ފައިސަލް އެދިވަޑައިގަތީ މުރާޖައާކުރަން ޖެހޭ ސަބަބެއް ދެއްކިފައި ނުވާތީ މައްސަލަ މުރާޖައާ ކުރަން ނުޖެހޭ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ހަވީރު މީޑިއާ ގްރޫޕުން ތަދައްހުލްވުމާ މެދު ކަންބޮޑުވުން

'ހަވީރު' ހުއްޓާލި އިރު އެ ނޫހުގެ މިލްކުވެރިކަން އޮތީ 'ހަވީރު މީޑިއާ ގްރޫޕް (އެޗުއެމްޖީ)ގެ ދަށުގަ އެވެ. އެ ކުންފުނީގެ ހިއްސާ އޮންނަނީ ޒާހިރުގެ ތިން ބޭފުޅުންގެ މައްޗަށެވެ. އެވެ. އެޗުއެމްޖީން ވަނީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ތެރެއަށް ތަދައްހުލްވެފަ އެވެ.

އެޗުއެމްޖީން މައްސަލައިގެ ތެރެއަށް ތަދައްހުލްވެފައިވާތީ އެކަމާ މެދު ފައިސަލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ ހަވީރު މީޑިއާ ގްރޫޕު އުފެއްދީ ސިވިލް ކޯޓުގައި މި މައްސަލަ ބަލަން ފެށުމުގެ ފަހުން ކަމަށެވެ. މި މައްސަލަ ފެށުނު އިރު އުފަން ވެސް ނުވާ ބަޔަކަށް ސުޕްރީމް ކޯޓުގެ މައްސަލައިގެ ތެރެއިން ތަދައްހުލްވެ ވާހަކަ ދައްކަން ފުރުސަތު ދޭނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތަކީ މި މައްސަލައިގެ ތެރެއިން އިތުރު ނުފޫޒެއް ފޯރުވުމުގެ ބޭނުމުގައޭ ހަވީރު މީޑިއާ ގްރޫޕުން މި މައްސަލައިގެ ތެރެއަށް ތަދައްހުލް މިވީ،" ފައިސަލް ވިދާޅުވި އެވެ.

އޭނާ އެދިވަޑައިގަތީ އެއީ އިޖުރާއީ މައްސަލައެއް ކަމަށް ބަލައި ހަވީރު މީޑިއާ ގްރޫޕަށް މައްސަލައިގައި ތަދައްހުލްވެ ބައިވެރިވުމާ ގުޅޭ ގޮތުން ފަނޑިޔާރުން ގޮތެއް ނިންމަވާށެވެ. އެކަމަކު އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ މިހާރު މައްސަލައިގެ ތެރެއަށް ތަދައްހުލްވާން ހަވީރު މީޑިއާ ގްރޫޕަށް ފުރުސަތު ދެއްވާފައިވާނެ ކަމަށާއި އެހެންކަމުން އެ ކުންފުންޏަށް މި މައްސަލައިގެ ތެރެއިން ވާހަކަ ދައްކަން ފުރުސަތު ދެއްވާނެ ކަމަށެވެ.

ޒާހިރުގެ ފަރާތްޕުޅުން ބުނެފައި ވަނީ ހައި ކޯޓުގެ ހުކުމް އައީ އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނުރަނގަޅު ނުފޫޒު ފޯރުވައިގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ފައިސަލް ވިދާޅުވީ އެގޮތަށް ތުހުމަތުކުރައްވާ ނަމަ އެއަށް ބާރު ދޭ ކަމެއް ދައްކަން ޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ ލައިވްގައި ތިބެގެން އެކިއެކި ކޯޓުތަކުގެ ފަނޑިޔާރުންނާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން އަދިވެސް ތިއްބެވިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން އެކަމާ ބެހޭ ގޮތުން ސުވާލު ކުރެވެން ޖެހޭ ކަމަށެވެ. އަދި އެހެން ތުހުމަތުކުރާ ބައި މުރާޖައާ ފޯމުން އުނިކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

އެނގުން މުހިންމު - 'ހަވީރު'އަކީ 1985 ގައި ހަވީރު ނިއުސް އެޖެންސީ އުފެއްދުމުގެ ކުރިން ވެސް ޒާހިރުގެ މަސްއޫލުވެރިކަމުގައި ހިންގަވަމުން ގެންދެވި ނޫހެކެވެ. އެ ނޫސް އުފެއްދީ 1 ޖެނުއަރީ 1979 ގަ އެވެ. ޒާހިރުގެ ފަރާތްޕުޅުން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ހަވީރު ނިއުސް އެޖެންސީގެ ދަށަށް ދުވަހަކު ވެސް ހަވީރުގެ ކަންކަން ބަދަލުކުރައްވާފައި ނުވާނެ ކަމަށެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް