ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް. (ފޮޓޯ/މިނިސްޓްރީ)
މަހުލޫފުގެ މައްސަލަ ބޭރުކޮށްލީ ގޯސްކޮށް ކަމަށް ނިންމައި އަލުން ބަލަން ހައި ކޯޓުން އަންގައިފި
ޔޫތު
މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރި ރިޝްވަތު
ގަބޫލުކުރެއްވުމުގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ
ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަނޑައަޅައި އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު ކްރިމިނަލް ކޯޓަށް އަންގައިފި އެވެ.
މައްސަލައިގެ ފެށުން - ދައުލަތުން މަހުލޫފުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާކުރީ:
-
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދެއްވުމުގެ ބަދަލެއްގެ ގޮތުން އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ބުނެ
-
ދައުލަތަށް އެއްބާރުލުންދީ އިއުތިރާފު އެއްބަސްވުމެއް ހަދާފައިވުމުން އަދީބު އެ ވާހަކަތައް ކިޔައިދެއްވިޔަސް، އޭނާގެ މައްޗަށް ދައުލަތުން ރިޝްވަތު ދިނުމުގެ ކުށާ ގުޅިގެން ދައުވާއެއް ނުކުރެ
-
ދައުލަތުން ބުނަނީ މަހުލޫފަށް ފައިސާ ދިނީ އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ ޗެކަކުން ކަމަށް
-
މަހުލޫފު ވިދާޅުވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތަކުން ލިބިވަޑައިގެންެނެވި ފައިސާ ކަމަށް އަދި އޭނާއަށް ދައުވާ ކުރަނީ ޒާތީ ގޮތުން ކަަމަށް
-
އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަން ދައްކަވަން މަހުލޫފު ހުށަހަޅުއްވާފައި ވަނީ ސައްހަ ރިސީޓެއް ނޫން ކަމަށް ދައުލަތުން ބުނޭ
ވީ ކިހިނެއް؟ - މި މަހުގެ 1ގައި ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލައި އެ ދައުވާ މަހުލޫފުގެ މައްޗަށް މަދަނީ މިންގަނޑުން ކުރިއަށްނުގެންދެވޭނެ ކަމަށެވެ. އެހެންވެ ދައުވާ ކޯޓުން ބޭރުކޮށްލީ އެވެ.
ކްރިމިނަލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައި ހުރި ކަންތައްތަކަކީ ހެކިވެރިންގެ އަދުލުވެރިކަމާއި ތެދުވެރިކަމާއި ހެކިބަހުގައި ހުރި ފުށޫއެރުންތައް ފަދަ ހެކިބަސް ވަޒަން ކުރުމުގައި މިނެކިރޭނެ ކަންތައްތައް ކަމުގައި ވާތީ މި ވާގިއާ އަކީ ޝަރީއަތް ހިންގުމަށް ފަހު ގޮތެއް ކަނޑައެޅުމަށް ދޫކޮށްލެވެން ޖެހޭ ވާގިއާއެއް ކަމުގައި ދެކެން.
ކްރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ބެލި މައްސަލައިގައި އެ ކޯޓުން މިއަދު ނިންމާފައި ވަނީ ކްރިމިނަލް ކޯޓުން މައްސަލަ ނިންމި އިރު މަދަނީ މިންގަނޑުން ގޮތް ނިންމާފައި ވަނީ ޝަރީއަތުގެ މަރުހަލާގައި ބަލަން ޖެހޭ ކަންތައްތަކެއް ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލަން ހައި ކޯޓުން ކްރިމިނަލް ކޯޓަށް އެންގި އެވެ.
މަދަނީ މިންގަނޑުން ބެލުން، ހައި ކޯޓުގެ ހުކުމުން ކުރުކޮށް:
-
ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން މަދަނީ މިންގަނޑުން ބަލާއިރު ބަލަނީ ދައުވާއެއް ކުރުމަށް ފުދޭވަރުގެ ހެކިތަކެއް ހުރިކަން ނުވަތަ ނޫން ކަމުގެ މައްޗަށް
-
އެގޮތަށް ބަލާއިރު ފަނޑިޔާރުން ބަލަން ޖެހޭނީ ހުށަހެޅިފައިވާ ދައުވާ އާއި އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހުރިހާ ހެކިތަކަށް
-
އެ މަރުހަލާގައި ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކިތަކަށް އެންމެ ފުނަށް ވަޒަން ކުރާކަށް ނުޖެހޭނެ
-
ހުށަހަޅާފައިވާ ދައުވާގައި ބަޔާންކުރާ ކަންތައްތައް ނުވުމަށް ވުރެ ވުން ގާތް ކަމަށް "ޕްރީޕޮންޑަރެންސް އޮފް ޕްރޮބަބިލިޓީ"ގެ ގާނޫނީ މިންގަނޑުން ފަނޑިޔާރަށް ގަބޫލުކުރެވޭ ނަމަ މައްސަލަ ކުރިއަށްގެންދަން ޖެހޭނެ
ފައިސާ ދިނީ އައްލާމް ލަތީފް މެދުވެރިކޮށް ކަމަށް އަދީބު ވިދާޅުވާ ވާހަކަތަކަށް އައްލާމް އިންކާރުކުރާ ކަމާއި ފައިސާގެ މުއާމަލާތް ހިނގި ގޮތް ތަހުގީގުގައި ބަލާފައި ނުވާތީ އެ ވާގިއާތައް ގާއިމް ނުކުރެވޭ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެ އެވެ.
އެކަމަކު، ހައި ކޯޓުގެ ހުކުމުގައި ވަނީ އެ ކަންކަން ވެސް ބަލަން ދޫކޮށްލަން ޖެހޭނީ ޝަރީއަތުގެ މަރުހަލާއަށް ކަމަށެވެ. އެ ކަންތައްތަކަކަކީ ހެކިބަސް ނެގުމާއި ވަޒަންކުރުމުގެ ކަންކަމުގެ ތެރެއިން ކުރެވޭނެ ކަމެއް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ހެކީގެ ޝަރުތުތައް ހަމަވާ ތެދުވެރި ހެކިވެރިއަކު، ފައިސާ ދީފައި ވަނީ އެސްއީޒެޑްގެ ބިލަށް ވޯޓު ދިނުމަށް ކަމަށް ބުނާ ބުނުމަށް މަދަނީ މިންގަނޑުން ބުރަދަން ނުދެވެންވީ ސަބަބެއް ސާފު ނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ކްރިމިނަލް ކޯޓުން ގޮތް ނިންމި އިރު އެ ހެކިވެރިޔާގެ ޝަރުތާ ގުޅޭ ގޮތުން އޮތް ދެބަސްވުން އެއްފަރާތް ކުރި ނަމަ މަދަނީ މިންގަނޑުގެ ބޭނުމަށް ނުކުންނާނެ ނަތީޖާ ތަފާތުވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އައްލާމް މެދުވެރިކޮށް ރިޝްވަތު ދިން ކަމަށް އަދީބު ވިދާޅުވާ ވާހަކައަށް އައްލާމް އިންކާރު ކުރާތީ އެކަން ވާނީ "ހިއާސޭ އެވިޑެންސްއަށް" ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެ އެވެ. ހެކިވެރިޔާގެ މިނިވަންކަމާއި ޝަރުތުހަމަވުމާއި ލާބަ އާއި މަންފާއެއް އޮވެގެން ދީފައިވާ ހެކި ބަޔާނެއް ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ. އެ ކަންތައްތަކަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ތެރެއިން އަދި ޝަރީއަތުގެ މަރުހަލާގެ ތެރެއިން ކަށަވަރުވެގެންދާނެ ކަންތައްތަކެއް ކަމަށް ހުކުމުގައިވެ އެވެ.
"ބުނެވިދިޔަ އެންމެހާ ކަންތައްތަކަށް ބަލާއިރު ކްރިމިނަލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައި ހުރި ކަންތައްތަކަކީ ހެކިވެރިންގެ އަދުލުވެރިކަމާއި ތެދުވެރިކަމާއި ހެކިބަހުގައި ހުރި ފުށޫއެރުންތައް ފަދަ ހެކިބަސް ވަޒަން ކުރުމުގައި މިނެކިރޭނެ ކަންތައްތައް ކަމުގައި ވާތީ މި ވާގިއާ އަކީ ޝަރީއަތް ހިންގުމަށް ފަހު ގޮތެއް ކަނޑައެޅުމަށް ދޫކޮށްލެވެން ޖެހޭ ވާގިއާއެއް ކަމުގައި ދެކެން،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެ ފައިސާ އަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގެ ތެރެއިން ލިބުނު ފައިސާ ކަމަށް މަހުލޫފު ވިދާޅުވާއިރު، އެކަން ނަފީކުރަން ދައުލަތުން ހުށަހެޅި ހެކިތަކަށް ކްރިމިނަލް ކޯޓުން ރިއާޔަތްކޮށްފައި ނުވާކަން ވެސް ހަައި ކޯޓުގެ ހުކުމުގައި ފާހަގަކުރި އެވެ. އެއީ ވެސް ދައުލަތުން ދައުވާ ސާބިތު ކުރަން ހުށަހެޅި ހެކި ކަމަށް ބެލޭނެ ކަމަށާއި، އެކަމަކު އެއިން އެއްވެސް ހެއްކަކަށް ރިއާޔަތް ނުކުރި ސަބަބު ސާފު ނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެނގުން މުުހިންމު - ފަނޑިޔާރު ފާތުމަތު ފަރުހީޒާއަށް ފެނިވަޑައިގަތީ އެ މައްސަލައިގައި ދައުލަތުން ނިންމަން އެދިފައި އޮތް ގޮތުން އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ނޭންގޭނެ ކަމަށެވެ. ފަރުހީޒާގެ ރައުޔުގައި ކްރިމިނަލް ކޯޓުން މަދަނީ މިންގަނޑުން ނިންމި ގޮތާ މެދު ފާހަގަކުރި ކަންކަމަށް ތާއީދު ކުރިޔަސް ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ އިސްފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަލީ ސަމީރަށް ފެނިވަޑައިގަތީ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އަންގާށެވެ.