ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތަސް އޮންލައިންކޮށް ޝަރީއަތް ކުރެވޭނެ: ސުޕްރީމް ކޯޓު
ކޮވިޑް-19އާ ގުޅިގެން އިއުލާނު ކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިޔަސް އޮންލައިންކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތަކުގެ އަޑުއެހުންތައް ބޭއްވުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޯޓުތަކުން އަމަލު ކުރާނެ ގޮތްތައް ބަޔާންކޮށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 'ޕްރެކްޓިސް ޑައިރެކްޝަން'އެއް ނެރުނެވެ. އެ އިރުޝާދުގައި އޮތީ ޓެކްނޮލޮޖީގެ ވަސީލަތްތައް ހުރި ނަމަ، އެ ހާލަތުގައި އޮންލައިންކޮށް އޯޑިއޯ ވީޑިއޯ ލިންކުގެ އެހީގައި ޝަރީއަތް ކުރެވޭނެ ކަމަށެވެ.
ތަފްސީލް - ސުޕްރީމް ކޯޓުން މިއަދު ނެރުނު އާ އިރުޝާދުގައި ބުނީ، މިދިޔަ އާދީއްތަ ދުވަހު ސަރުކާރުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ އެކު، ކުރިން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންއަށް އަމަލު ކުރުން އެ ދުވަހު ނިމުމަކަށް އަައިސްފައިވާ ކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ނެތަސް، އޮންލައިންކޮށް އަޑުއެހުންތައް ކުރިއަށްގެންދިޔުމާ ގުޅޭ އިދާރީ އަދި އިޖުރާއީ ކަންތައްތައް ކުރިއަށްގެންދިޔުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަކަށް ލިބިގެންވާ ކަމަށް އިރުޝާދުގައި ބުންޏެވެ.
އެކަމަކު، އެގޮތަށް އަޑުއެހުންތައް ބާއްވަންވާނީ އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ނުހިންގޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި އަދުލުއިންސާފުގެ ހަމަތައް ނުގެއްލޭ ގޮތުގެ މަތިން ކަމަށް ވެސް ވެ އެވެ.
ކީއްވެ؟ - ވީޑިއޯ ކޮންފަރެންސްކޮށް އަޑުއެހުން ބޭއްވުމުގެ ސަބަބުން އަވަސްކަމާއި ފަސޭހަކަމާއެކު، އަދި ހަރަދުކުޑަ ނިޒާމެއްގެ ތެރެއިން އަދުލުއިންސާފަށް ވާސިލުވުމުގެ މަގު ފަހިވެ، ހަލުވިކަމާއެކު ޝަރީއަތްތައް ހިންގައި މައްސަލަތައް ނިންމުމަށް މަގުފަހިވެފައިވާކަން ފާހަަގަކުރެވޭ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.
އެނގުން މުހިންމު - ކޮވިޑްގެ ހާލަތާ ގުޅިގެން ފާއިތުވި ދެ އަހަރު ތެރޭގައި މާލެ ސަރަހައްދުގެ ކޯޓުތަކުގެ ގިނަ އަޑުއެހުންތައް ބާއްވާފައި ވަނީ އޮންލައިންކޮށެވެ. ބައެއް ފަހަރު މައްސަލައިގައި ހިމެނޭ އެންމެން އެކި ތަންތަނުގައި ތިބެގެން އޮންލައިންކޮށް އަޑުއެހުން ބޭއްވި އެވެ. އަދި އެއްބައި މީހުން ކޯޓަށް ހާޒިރުކޮށްގެން ވެސް ޝަރީއަތް ބާއްވަ އެވެ.
ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށްގެންދަން ފެށި ފަހުން އޮންލައިންކޮށް ބައެއް އަޑުއެހުންތައް ކޯޓުތަކުން ލައިވް ވެސް ކުރެ އެވެ. އެގޮތުން، މަރުގެ މައްސަލަތަކާއި އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ފަދަ އާންމު މަސްލަހަތާ ގުޅުންހުރި މައްސަލަތައް ކްރިމިނަލް ކޯޓު އަދި ހައި ކޯޓުން ވެސް ލައިވް ކުރެ އެވެ. ސުޕްރީމް ކޯޓުން މިހާރު އާންމު އުސޫލެއްގެ ގޮތުން އެ ކޯޓުން ލައިވް ކުރަން ގާނޫނުން ހުރަހެއް ނެތް ހުރިހާ އަޑުއެހުމެއް ވެސް ލައިވް ކުރެ އެވެ.