ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރުމުގެ ރަސްމިއްޔާތުގައި ޒުލައިހާ ޝީޒާ އަދި އަހުމަދު ނިމާލް މިއަދު ފަނޑިޔާރު ކަމުގެ ހުވާ ކުރައްވަނީ. (ފޮޓޯ/ޖޭއެސްސީ)
ސިވިލް ކޯޓުގެ ގާޒީ ކަމަށް 2 ބޭފުޅަކު އައްޔަންކޮށްފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް މިއަދު ދެ ބޭފުޅަކު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ:
-
ޒުލައިހާ ޝީޒާ (ސ. ފޭދޫ/ފިތިރޯނުގެ)
-
އަހުމަދު ނިމާލް (ގއ. މާމެންދޫ/ފެހިގެ)
ސިވިލް ކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިއުލާނުކުރުމުން ކުރިމަތިލި މީހުން އިންޓަވިއު ކުރުމަށް ފަހު، އެންމެ ގާބިލީ އެ ދެ ބޭފުޅުން ކަމަށް ޖޭއެސްސީގެ ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން ލަފާ ދިނެވެ. އެ ދެ ބޭފުޅުން ގާޒީ ކަމަށް އައްޔަންކުރަން ނިންމީ މިދިޔަ މަހުގެ 16ގައި ބޭއްވި އެ ކޮމިޝަނުގެ މި އަހަރުގެ 10 ވަނަ ޖަލްސާގަ އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި އެ ދެ ބޭފުޅުންނަށް ހުވާ ލައިދެއްވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ. އަދި ފަތްކޮޅު އެރުއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސެއިނެވެ.
ޒުލައިހާ ޝީޒާ އަކީ ކާކު؟
-
ބެޗްލާސް އޮފް ލޯ (އޮނާސް) ހާސިލުކުރެއްވީ މެލޭޝިއާގެ ހެލްޕް ޔުނިވަސިޓީއިން
-
ބާކްބެކް ކޮލެޖް، ޔުނިވާސިޓީ އޮފް ލަންޑަންއިން މާސްޓާ އޮފް ލޯ އިން ކޮންސްޓިޓުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ހާސިލްކުރެއްވި
-
އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސެލް އަދި ސީނިއާ ސްޓޭޓް އެޓާނީގެ މަގާމުގައި ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވޭ
އަހުމަދު ނިމާލް އަކީ ކާކު؟
-
ނިމާލް ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) ހާސިލުކުރެއްވީ ވިލާ ކޮލެޖްއިން
-
އޭނާ ވަނީ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އަހަރަކަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައި
އެނގުން މުހިންމު - ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް 23 މީހަކު ކުރިމަތިލި އެވެ.
ގުޅުންހުރި ކަމެއް - ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި، އެ ކޯޓުގެ ގާޒީ ކަމުގައި ހުންނެވި އިރު، ސުލޫކީ މައްސަލައެއް ސާބިތުވުމުން މަގާމު ދަށްކޮށް މެޖިސްޓްރޭޓު ކޯޓަކަށް ބަދަލުކުރި އަލީ ނަސީރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.