މިއަދު ހައި ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގެ ތެރެއިން: މި އަޑުއެހުން ހައި ކޯޓުން ވަނީ ލައިވްކޮށްފައި

16 އަހަރު ކުރީގެ މަރުގެ މައްސަލައެއް: ހައި ކޯޓުން އަޑުއެހުންތައް ނިންމައި ހުކުމާ ހަމައަށް

މާމެންދުއަށް ގޮސް އުޅެނިކޮށް ގްރޫޕަކުން ހަމަލާދިން ޝިހާބު މަރުވީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން

ގއ. މާމެންދޫއަށް ގޮސް އުޅެނިކޮށް ގްރޫޕަކުން ހަމަލާ ދިނުމުގެ ސަބަބުން 2006ގައި މަރުވި މުހައްމަދު ޝިހާބުގެ މަރުގެ މައްސަލަ ހައި ކޯޓުން ދެވަނަ ފަހަރަށް ބަލަން ފަށައި މިއަދު އަޑުއެހުންތައް ނިންމާލައިފި އެވެ.

މައްސަލައިގެ ފެށުން - މީގެ ގާތްގަނޑަކަށް 16 އަހަރު ކުރިން، ޖުލައި 2006ގައި ގއ. ވިލިނގިލި، ކަނޑޮއޮޅި، ޝިހާބު މާމެންދުއަށް ގޮސް އުޅެނިކޮށް ގްރޫޕަކުން ލަކުޑިބުރި އާއި އެހެނިހެން ތަކެތިން އޭނާއަށް ހަމަލާދީ މަރާމާރީ ހިންގި އެވެ. އެ ހަމަލާގައި އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް އޭރުގެ ޖިނާއީ ކޯޓުގައި ދައުވާ ކުރި އެވެ. އެ އެންމެންގެ މައްޗަށް ކުށް ސާބިތުވެ، މަރަން 2008 ގައި ހުކުމް ކުރި ނަމަވެސް، ހައި ކޯޓުން އެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ދަށު ކޯޓަށް ފޮނުވި އެވެ. އެ މައްސަލަ ފަހުން ކްރިމިނަލް ކޯޓުން ބަލައި 2018 ވަނަ އަހަރު ހުކުމް ކުރީ އެ ހަތަރު މީހުންގެ މައްސަލަ ވެސް ކުރިއަށް ނުގެންދެވޭނެ ކަަމަށެވެ.

ނަމަވެސް އޭގެ ތެރެއިން ގއ. މާމެންދޫ ޕިންކްލައިޓް، މުހައްމަދު ޝިފްރާޒާއި އެ ރަށު މާސް، އަލީ މަސްއޫދު ސައީދުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އަދި އެ ކޯޓުން އެ މައްސަލަ ބަލަން ފަށައި މިއަދު ވަނީ އަޑުއެހުންތައް ނިންމާލައިފަ އެވެ.

ދައުލަތުން މިއަދު ބުނި ގޮތުގައި އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާނެ މިންވަރަށް ހެކި އެބަ ހުއްޓެވެ. އަދި ޝިހާބު މާރާލީ އެ ދެ މީހުން ކުރެ ކާކުކަން ސީދާ ބުނަން އެނގެން ނުޖެހޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނިގޮތުގައި، އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން، އެކަކަށް ވުރެ ގިނަ މީހުން އެއްފަހަރާ ގަސްތުގައި ހަމަލާ ދިނުމުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެންމެން ޒިންމާ ނަގަން ޖެހޭނެ އެވެ.

ދައުލަތުން އިތުރަށް ބުނީިގޮތުގައި:

  • ދައުވާ ލިބޭ މީހުންގެ ކުށުގެ ނިޔަތް ސާބިތުވެފައި ނުވި ނަމަވެސް، އަމަލު ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި އިރު، ސާބިތުވި ކުށަށް އަދަބު ކަނޑައަޅާފައި ނުވަނީ ގޯސްކޮށް

  • އެ މައްސަލަ ސާބިތުވުމާ މެދު ގޮތެއް ނުނިންމައި، މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް ނިންމާފައި ވަނީ ގޯސްކޮށް

  • ޝިހާބަށް ފަރުވާ ދިނުމުގައި ލަސްވި ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މާހިރެއްގެ ބަހެއް ނެތި އަމިއްލައަށް

ދައުލަތުން އެދުނީ ކްރިމިނަލް ކޯޓު ކުރިއަށްނުގެންދެވޭނެ ކަމަށް ނިންމި ނިންމުން ބާތިލުކޮށް އެ މީހުންގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

މަސްއޫދުގެ ވަކީލު ކޯޓުގައި ވިދާޅުވީ، ހައި ކޯޓުގައި އެ މައްސަލަ މައުލޫއީ ގޮތުން ނުބެލޭނެ ކަމަށެވެ. ސަބަބަކީ ކްރިމިނަލް ކޯޓުގެ ނިންމުމަކީ ޝަރީއަތުުގެ ކުރީގެ ނިންމުމަކަށް ވުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިކަމަށް ދައުލަތުން ދެކޮޅުހަދަ އެވެ.

އޭގެ އިތުރުން، އެ މައްސަލަ ހައި ކޯޓަށް ބަލައިގެންފައި ވަނީ އިސްތިއުނާފު މުއްދަތު ހަމަވި ފަހުން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ޝިފްރާޒް މިއަދުގެ އަޑުއެހުމަށް އައީ ވަކީލަކާ ނުލަ އެވެ. ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތަކަށް އޭނާ ތަކުރާރުކޮށް އެދުނަސް، މިއަދު މައްސަލަ ކުރިއަށްގެންދިޔައީ އޭނާއަށް ވަކީލަކު ހަމަޖައްސަން އެކަށީގެންވާ ފުރުސަތު ދިނުމުން ވެސް ވަކީލަކު އައްޔަން ނުކުރާ ކަމަށް ބަލައިގެންނެވެ. އަޑުއެހުންތައް ނިންމާލީ، އޭނާ ދައުލަތުގެ ވަކީލަކު ވެސް ހަމަޖައްސަން އެދިފައި ވަނިކޮށެވެ.

އަޑުއެހުން ނިންމާލަމުން ބެންޗުން ބުނީ، އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުމުގެ އަޑުއެހުން ކަމަށެވެ.

މި މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް