ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު:އިހްތިސާސް ހިމެނޭ ކަންކަމުގައި ކޯޓުގައި ވަކާލާތު ކުރާނީ ކައުންސިލުތައް އަމިއްލައަށް ކަމަށް މިއަދު އެ ކޯޓުން ވަނީ ނިންމައިފަ . (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

އިހްތިސާސް ހިމެނޭ ކަންކަމުގައި ކޯޓުގައި ވަކާލާތު ކުރާނީ ކައުންސިލުތައް އަމިއްލައަށް: ސުޕްރީމް ކޯޓު

އޭޖީ އޮފީހުން ކައުންސިލުތައް ތަމްސީލު ކުރުމަކީ ކައުންސިލުތަކަށް ލިބިފައިވާ މިނިވަންކަމަށް ފުށޫއަރާ، އަދި ދެ ފަރާތުގެ މަސްލަހަތު ވެސް ފުށޫއަރާފާނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވޭ

ކައުންސިލުތަކުގެ އިހްތިސާސް ހިމެނޭ މައްސަލަތަކުގައި ކައުންސިލުތައް ތަމްސީލު ކުރާނީ އެޓާނީ ޖެނެރަލްގެ އޮފީހުން ނޫން ކަމަށާއި ކައުންސިލުތަކުން އަމިއްލައަށް ކަމަށް މިއަދު ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

މައްސަލައިގެ ފެށުން؟ - މި މައްސަލައަކީ އދ. ފެންފުށީ ބަންޑާރަ ގޯއްޗަކުން ބައެއް ގާނޫނާ ހިލާފަށް އުނިކޮށްފައިވާ ކަމަށް ބުނެ އެ ބައި އިތުރުކޮށްދިނުމަށް އެދި، މ. އުމާން، އައްބާސް އަލީކަލޭފާނުގެ ދައުވާކުރި މައްސަލައެކެވެ. ތިރީހަކަށް އަހަރުވެފައިވާ މި މައްސަލައިގައި ފެންފުށީ ކައުންސިލުން ހައި ކޯޓުގައި ވަކާލާތު ކުރާނެ މާލީ އަދި ފަންނީ ގާބިލުކަން ނެތުމުން އެ މައްސަލައިގައި އޭޖީ އޮފީހުން ކައުންސިލް ތަމްސީލު ކުރަން ކައުންސިލުން ބޭނުންވި އެވެ. އެކަމަކު، ކައުންސިލް ތަމްސީލު ކުރެވިދާނެ ކަމަށް އޭޖީ އޮފީހުން ގަބޫލެއް ނުކުރެ އެވެ.

ހައި ކޯޓުން އެ ބިމުގެ މައްސަލަ ބަލައި ކުރި ހުކުމުގައި ކަނޑައެޅީ:

  • ބަންޑާރަބިން ހިމެނޭ މައްސަލަތަކުގައި ކައުންސިލުތަކަށް އަމިއްލައަށް ކޯޓުގައި ތަމްސީލު ނުކުރެވޭނެ ކަމަށް

  •  އެފަދަ މައްސަލަތަކުގައި ގާނޫނީ ލަފާ ދިނުމާއި ދައުލަތް ތަމްސީލު ކުރަން ޖެހޭނީ އޭޖީ އޮފީހުން ކަމަށް

އެކަމަކު، ހައި ކޯޓުގެ ނިންމުމަކީ ލާމަރުކަޒީކޮށް ރާއްޖެ ހިންގުމަށް އޮތް ހުރަހެއް ކަމަށް އޭޖީ އޮފީހުން ދެކެ އެވެ. ކައުންސިލުތަކަކީ އަމިއްލައަށް ދައުވާކޮށް ދައުވާ ލިބުމުގެ ބާރު އޮންނާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި އޮންނަ އިރު އެ ގާނޫނު ހައި ކޯޓުން މާނަ ކުރީ ގޯސްކޮށް ކަމަށް ވެސް އެ އޮފީހުން ދެކެ އެވެ.

ހައި ކޯޓުގެ ހުކުމުގައި އެގޮތަށް ކަނޑައެޅި ބައި އެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުގެ ހުކުމް ބާތިލު ކުރާށެވެ.

ދައުލަތް ހިންގުމުގެ ނިޒާމު ބަދަލު ކުރަމުން އައިސް، ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެކަމަކު ސަރުކާރާ ވަކިން އުފައްދާފައިވާ ގާނޫނީ ޝަހުސުތައް ވެސް އުފައްދާފައިވާކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަ ކުރި އެވެ.

އެގޮތަށް، އަތޮޅުތަކާއި ސީދާ ސަރުކާރުން ހިންގުމުގެ ބަދަކުގައި ރަށްތަކާއި އަތޮޅުތައް އެ ސަރަހައްދެއްގެ ރައްޔިތުން އިންތިހާބު ކުރާ ބަޔަކު ހިންގާ ގޮތަށް މި ފަހުން ގާނޫނަށް ބަދަލުގެނެސްފައިވާކަން ހުކުމުގައި ފާހަގަ ކުރި އެވެ.

ކައުންސިލުތަކަކީ ސަރުކާރާ ވަކިން އުފައްދާފައިވާ މުދާ މިލްކު ކުރުމާއި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހުސުތައް ކަމަށް މި ފަހުން ގާނޫނަށް ގެނައި ބަދަލުން ކަނޑައަޅާފައިވާކަން ވެސް ފާހަގަ ކުރި އެވެ.

"އެހެންކަމުން، ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ތެރޭގައި ހިމެނޭ ކަންކަމުގައި ލޯކަލް ކައުންސިލެއްގެ މައްޗަށް އުފުލޭ ދައުވާތަކާއި އެ ކައުންސިލުން ކުރާ ދައުވާތަކާއި ހިންގާ މައްސަލަތަކުގައި އެ ކައުންސިލަތައް ތަމްސީލު ކުރާނީ އެ ކައުންސިލެއް އަމިއްލައަށް. ކައުންސިލުން އަމިއްލައަށް ގާނޫނީ ވަކީލުން އައްޔަންކޮށްގެން ނުވަތަ ނުކޮށް." ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

އެޓާނީ ޖެނެރަލް އަކީ، ސަރުކާރުގެ އިސް ވަކީލަކަށް ވާތީ އޭޖީ އޮފީހުން ކައުންސިލުތައް ތަމްސީލު ކުރުމަކީ ކައުންސިލުތަކަށް ލިބިފައިވާ މިނިވަންކަމަށް ފުށޫއަރާ، އަދި ދެ ފަރާތުގެ މަސްލަހަތު ވެސް ފުށޫއަރާފާނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

އެ މައްސަލައިގައި ހުކުމް ކުރީ، މައްސަލަ ބެއްލެވި ފަނޑިޔާރުން ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދުގެ އިއްތިފާގުންނެވެ.

އެނގުން މުހިންމު - ހައި ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ފާހަގަ ކުރީ، ކައުންސިލްތަކަކީ ގާނޫނުން އުފައްދާ ވަކިވަކި ސަރުކާރުތަކެއް ނޫން ކަމާއި ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއް ކަމެވެ. އެހެންވެ، ބަންޑާރަ ބިން ހިމެނޭ މައްސަލަތަކުގައި ދައުލަތުގެ މަސްލަހަތު އޮންނާނެތީ، ދައުލަތުގެ މަސްލަހަތު ހިމެނޭ މިބާވަތުގެ މައްސަލަތަކުގައި ގާނޫނީ ލަފާދިނުމާއި އަދި ދައުލަތް ތަމްސީލުކުރުމަކީ ބަންޑާރަ ނައިބުގެ ވާޖިބުތަކުގެ ތެރޭގައި ނުހިމަނައި ދޫކޮށްލެވޭނެ ކަންތައްތަކެއް ނޫން ކަމަށް ހައި ކޯޓުން ނިންމާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް