މިއަދު ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުމުގައި އަނީސް ވާހަކަ ދައްކަނީ.

ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު 2 މިލިއަން ރުފިޔާގެ ރިޝްވަތަކަށް އެދުނު ކަމަށް މީހަކު ކޯޓުގައި ބުނެފި

މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެ ހުށަހެޅުމާ އެއްގޮތަށް ރިޝްވަތު ދިން ކަމަށް ދޭހަވާ ގޮތަށް ވެސް ކޯޓުގައި ވާހަކަ ދައްކާފައިވޭ

ސުޕްރީމް ކޯޓުން 2012ގައި ބެލި މައްސަލައެއް ބޭނުން ގޮތަކަށް ނިންމައިދޭނެ ކަމަށް ބުނެ ފަނޑިޔާރަކު ރިޝްވަތަށް އެދިވަޑައިގެންނެވި ކަމަށް އެ މައްސަލައިގައި ހިމެނޭ މީހަކު މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

މައްސަލައިގެ ފެށުން - ވިލަމެންދޫ އައިލެންޑް ރިސޯޓާއި އެރިޔަދޫ އައިލެންޑް ރިސޯޓުގައި ބޭނުންކުރި ދޯންޏަކާއި ލޯންޗަކަށް 14 އަހަރަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ 2.2 މިލިއަން ރުފިޔާ ހޯދަން އެ ދެ ރިސޯޓުގެ މިލްކުވެރިކަން އޮތް އަދި ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހ. ވާލީވިލާ ގޭގެ އަށް މީހެއްގެ މައްޗަށް ލޯންޗުގެ ވެރިފަރާތް މުހައްމަދު އަނީސް 2008ގައި އޭރުގެ މަދަނީ ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ހުކުމް ކުރީ އޭނާއާ އެއްކޮޅަށެވެ.

އޭގެ ފަހުން:

  • އެ ނިންމުމަށް ހައި ކޯޓުން ވެސް ތާއީދު ކުރި 

  • 2015ގައި ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ދައުވާ ލިބުނު މީހުންނާ އެއްކޮޅަށް

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުން ނިންމާފައިވާ  ނިންމުން އެ ކޯޓުން އަލުން ބަލައި މުރާޖައާކޮށްދޭން އަނީސްގެ ފަރާތުން ހުށަހެޅުމުން މިއަދު ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވައިފަ އެވެ.

އަނީސްގެ ފަރާތުން މުރާޖައާކޮށްދޭން އެދި ހުށަހެޅި ނުކުތާތަކުގެ ތެރޭގައި:

  • އެ މައްސަަލައަކީ ފަނޑިޔާރެއްގެ ނުފޫޒުން ނިންމި މައްސަލައެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެއް ހިމެނޭ 

  • ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުމުން އެކަން ސާފުވެގެން ނުދާނެތީ އެކަން ބަލާނެ ގޮތެއް ސާފުކުރަން ބެންޗުގެ ރިޔާސަތު ފަނޑިޔާރު މަހާޒު ސުވާލު ކުރެއްވި

އެ ނުކުތާ ސާފުކޮށްދެމުން އަނީސް ބުނީ، އެ ފަނޑިޔާރުގެ ފަރާތުން މީހަކު އޭނާއާ ބައްދަލުކޮށް، 2 މިލިއަން ރުފިޔާ ދީފި ނަމަ ބޭނުން ގޮތަކަށް މައްސަލަ ނިންމައިދޭނެ ކަމަށް ބުނި ކަމަށެވެ.

"އަޅުގަނޑު ވަރަށް މައާފާ އެއްކޮށް މި ވާހަކަ ދަންނަވަން މި ޖެހެނީ ކުރީގެ ފަނޑިޔާރަކާ ބެހޭ ގޮތުން،" ވަކި ފަނޑިޔާރެއްގެ ނަން ހާމަނުކޮށް އަނީސް ބުންޏެވެ.

އެކަމަކު، އެ ހުށަހެޅުން ގަބޫލު ނުކުރާ ކަމަށް އަނީސް ބުންޏެވެ. ސަބަބަކީ ގާނޫނީ އިމުގެ ތެރެއިން މައްސަލަ އިންސާފުން ކުރިއަށް ގެންގޮސްފި ނަމަ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުން ކަމަށް ވެސް ބުންޏެވެ. އިތުރު ހެކި ބޭނުންވާ ނަމަ ބައްދަލު ކުރި މީހާ ވެސް ބުނެފާނެ ކަމަށް އޭނާ ބުންޏެވެ.

ސުޕްރީމް ކޯޓު: ރިޝްވަތަށް އެދުނު ކަމަށް ތުހުމަތުކުރަނީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރަކަށް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޭނާ އެ ހުށަހެޅުން ގަބޫލު ނުކުރިޔަސް، އިސްތިއުނާފުކުރި ފަރާތުން އެ ފަނޑިޔާރާ ބައްދަލުކުރި ކަމަށް އަނީސް ތުހުމަތު ކުރި އެވެ. އަދި އެ ފަނޑިޔާރަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސްލަހަތު އޮންނަ ޕްލެޓިނަމް ކެޕިޓަލް ކުންފުނިން އެޅި އެޕާޓްމެންޓުތަކުގެ ތެރެއިން އެޕާޓްމެންޓެއް ވެސް ލިބުނު ކަމަށް ވިދާޅުވި އެވެ. އަދި 1 މިލިއަން ޑޮލަރު ދޭން ވެސް ވާހަކަ ދެކެވުނު ކަމަށް ބުންޏެވެ.

އެކަން އެއްވެސް މުއައްސަސާއަކަށް ހުށަހެޅިންތޯ ފަނޑިޔާރު މަހާޒު ސުވާލުކުރެއްވުމުން އަނީސް ބުނީ:

  • އެޕޮއިންޓްމެންޓު ހައްދައިގެން އޭރުގެ އުއްތަމަ ފަނޑިޔާރު ގާތުގައި އެ ވާހަކަ ދެއްކި ކަމަށް

  • އޭރުގެ ރައީސްއަށް ވެސް އެކަމާ ގުޅިގެން ސިޓީއެއް ފޮނުވި ކަމަށް

  • އެ ސިޓީތައް ވެސް އޭނާ އަތުގައި އެބަހުރި ކަމަށް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފުލުހުން ފަދަ ކަމާ ބެހޭ ފަރާތްތަކަށް އެ މައްސަލަ ހުށަހެޅިންތޯ މަހާޒު ސުވާލުކުރެއްވުމުން އަނީސް ބުނީ:

  • ޖޭއެސްސީއަށް އެ މައްސަލަ ހުށަހެޅި ކަމަށް

  • އެ ފަނޑިޔާރު އޭރު މަގާމުން ވަކިވެފައި ވުމުން އެ މައްސަލަ އެ ކޮމިޝަނުން ކުރިއަށް ނުގެންދިޔަ ކަމަށް

ފަނޑިޔާރަށް ރިޝްވަތު ހުށަހަޅައިގެން މައްސަލަ ނިންމި ކަމަށް ބުނި ވާހަކައަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބެއް ނުދެ އެވެ.

އިސްތިއުނާފު ކުރި ފަރާތުން މައްސަލަ މުރާޖައާ ކުރަން އެދޭ ސަބަބުތައް ބަޔާންކޮށް ނިމުމުން އިސްތިއުނާފު ލިބޭ ފަރާތުން މުރާޖައާ ކުރަން ނުޖެހޭ ކަމަށް ދެކޭ ސަބަބުތައް ބަޔާން ކުރި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.

ކޮމެންޓް (1)

މަހުވައި

6 މާރިޗު 2022
އަދީބުގެ ލޯޔަރަކަށް ހުރެގެން ޕީޖީއަށް ކިހާ މިލިޔަނެއްލިބުންބާ؟ އަދީބު އެފައިސާ ދިނީ ދައުލަތުން ދަވާލި ފައިސާއިންބާ؟ އެފައިސާ އޮތީ ހުދުވެފައި. ތިފައިސާވެސް އޮންނާނީ ހުދުވެފައި.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް