ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ. (ފައިލް ފޮޓޯ/ޕީއެސްއެމް)
އަސްހަދު ހުކުމް ތަންފީޒުކޮށް ނިމުމުން ދޫކޮށްލައިފި
ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން އެ ކޯޓުން އެންގި އެންގުމާ ހިލާފުވުމުން 15 ދުވަހަށް ޖަލަށްލި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ހުކުމް ތަންފީޒުކޮށް ނިމުމުން މިއަދު ދޫކޮށްލައިފި އެވެ.
މައްސަަލައިގެ ފެށުން - އަސްހަދު ޖާމިނުވެ އެއްބަސްވި ގޮތުން، ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ހާޒިރުކޮށްދޭން އޭނާއަށް މަޖުބޫރެވެ. ނަމަވެސް، މި މައްސަލައިގައި:
-
ތުހުމަތުތައް ފެންމަތިވުމާ އެކު އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އަދި އަނބުރާ ރާއްޖެ ވަޑައެއްނުގަންނަވާ
-
28 ނޮވެމްބަރުގައި، އަލީ ވަހީދު 72 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރު ކުރަން ކްރިމިނަލް ކޯޓުން އަސްހަދަށް އެންގި
-
އެ އެންގުމާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަަލައި މިދިޔަ މަހުގެ 2ގައި އެ ކޯޓުން ވަނީ އަސްހަދު 15 ދުވަހަށް ޖަލަށް ލާފައި
ބުނީ ކީކޭ؟ - ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު އައިމިނަތު ޔުސްރީން މިއަދު 'ދައުރު'އަށް ވިދާޅުވީ އަސްހަދުގެ ހުކުމް ތަންފީޒުކޮށް ނިމުން އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ހުކުމް ކުރި އިރު ރާއްޖެއިން ބޭރުގައި ހުންނެވި އަސްހަދު ހުކުމް ތަންފީޒު ކުރަން ފެއްޓެވީ، މިދިޔަ މަހުގެ 19ގައި ރާއްޖެ ވަޑައިގެން އަމިއްލައަށް ކަރެކްޝަންސްއާ ހަވާލުވެވަޑައިގެންނެވެ.
އެނގުން މުހިންމު - ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައިގެން އަސްހަދަށް ފިޔަވަޅު އެޅިޔަސް، އޭނާ ޖާމިނުވި އެއްބަސްވުމާ ހިލާފުވެގެން ފިޔަވަޅެއް އަޅާފައި ނުވެ އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި އޭނާ އެއް އަހަރަށް ޖަލަށްލާން ދައުލަތުން ވަނީ ކޯޓުގައި ތަކުރާރުކޮށް އެދިފަ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި ވެސް އެކަމަށް އެދޭނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ބަންދުން ދޫކޮށްލި މީހާ ފިލައިފި ނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެ ނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަބޮޑު މިނަށް ބަލައި ޖާމިނުވި މީހާއަށް އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ. އެކަމަށް ދެވިދާނެ އަދަބުތަކަކީ:
-
ޖާމިނުވި މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލުން
-
ދެ އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުން
-
15،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން
-
ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެ ކަމަށް ކަނޑައެޅުން
އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކުރީ އޭނާގެ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެންނެވެ. އޭނާގެ ބަދަލުގައި ޖާމިނުވި އަސްހަދު ޖަލަށްލާން ހުކުމް ކުރި ދުވަހު އަސްހަދު ވެސް މަގާމުން ވަކިކުރި އެވެ.