އައްޑޫ ހިތަދޫ: އައްޑު އަތޮޅުގެ ބޮޑު ސަރަހައްދެއް ހިއްކަން ސަރުކާރުން ރާވަމުންދާއިރު، އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ވަނީ މަޝްރޫއިން އަތޮޅުގެ އެތެރެވަރިއަށް ގެއްލުންވާނެ ކަމަށް
އައްޑޫ ބިން ހިއްކުން ހުއްޓުވަން ހުށަހެޅި މައްސަލަ މީދޫ ކޯޓުން ބަލައިގެންފި
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއިން ތިމާވެއްޓަށް ގެއްލުން ލިބޭތީ އެ މަޝްރޫއު ހުއްޓުވަން އައްޑޫ މީދޫ ކޯޓަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެެ.
އެނގުން މުހިންމު - އިންޑިއާގެ ކްރެޑިޓް ލައިނެއްގެ ދަށުން ހިންގަން ތައްޔާރުވަމުންދާ މި މަޝްރޫއުގައި އައްޑޫގެ ތިން ރަށަކުން ބިން ހިއްކުމުގެ އިތުރުން ރިސޯޓު ހިންގަން މުޅިން އަލަށް ފަސް ރަށެއް އުފެއްދުމަށް ވަނީ ނިންމައިފަ އެވެ. މި މަޝްރޫއު އިން ކުރިއަށް އޮތް 50 އަހަރަށް އައްޑޫގައި ބިމުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
އެހެން ނަމަވެސް، އެ މަޝްރޫއިން އެ އަތޮޅުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ވެގެންދާނެ ކަމަށް މަޝްްރޫއިން ތިމާވެއްޓަށް ކުރާ އަސަރު ބަލަން ހެދި އީއައިއޭ ރިޕޯޓުން ވަނީ ފާހަގަކޮށްފަ އެވެ. އެހެންވެ، މަޝްރޫއު ހުއްޓާލަން ބައެއް ޖަމިއްޔާތަކުން ވެސް ވަނީ ގޮވާލައިފަ އެވެ.
ވީ ކިހިނެއް؟ - އެ މަޝްރޫއު ހުއްޓުވަން ސ.މީދޫ، މުރިގު، އަބްދުالله ނުޒައިރުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ ޕްރައިމް ސްޓްރެޓެޖީ އެޓާނީސް އެންޑް ކޮންސަލްޓެންޓްސް ލޯ ފާމުންނެވެ. ދައުވާ ރައްދުވަނީ ޕްލޭނިން މިނިސްޓްރީއަށެވެ.
އެ ލޯފާމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ މިހާރު މީދޫ ކޯޓުން ބަލައިގަނެފައިވާ ކަމަށެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ، މިހާރު އެ ޕްރޮޖެކްޓްގެ ރާވާފައިވާ ގޮތަށް އައްޑޫގެ އެތެރެވަރިން ވެލިނަގައިގެން ޕްރޮޖެކްޓް ކުރިޔަށް ގެންގޮސްފިނަމަ އެކަމުގެ ސަބަބުން އިއާދަނުކުރެވޭނެ ވަރުގެ ގެއްލުންތަކެއް އާންމު ރައްޔިތުންނަށާއި، ތިމާވެއްޓަށް އަދި އަންނަން އޮތް ޖީލުތަކަށް ކުރާނެ ކަމަށް ކަމާއި ގުޅުންހުރި ދިރާސާއިން ސާފުކޮށް އެނގެން އޮންނާތީ އަދި ކަމާއި ގުޅޭ ފަންނީ ފަރާތްތަކުން އެގޮތަށް ބުނާތީ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެކަމަކީ، ޤާނޫނު އަސާސީގެ 22 ވަނަ މާއްދާއާއި ހިލާފަށް ކުރިޔަށް ގެންދެވޭ ގެއްލުން ބޮޑު ކަމަކަށް ވާނެތީ އާންމު މަސްލަހަތު ހިމާޔަތް ކޮށް ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ކަމަށް ވެސް ބުނެފައިވެ އެވެ.
މަޝްރޫއުން ލިބޭނެ ގެއްލުންތައް އީއައިއޭ ރިޕޯޓުން:
-
ވެލި ނެގުމުން އުފެދޭ ކިސަޑުގެ ސަބަބުން މުރަކަ އާއި މަސްތައް މަރުވާން ދިމާވާނެ
-
21 ހެކްޓަރުގެ މުރަކައާއި 120 ހެކްޓަރުގެ މޫދު ވިނަ މައްޗަށް ވެލި އެޅި ނެތިގެންދާނެ
-
އައްޑު އަތޮޅަކީ ބަޔޮސްފިއާ ރިޒާވަކަށް ވާއިރު މަޝްރޫއުގެ ސަބަބުން މުޅި ރިޒާވް ހަލާކުވެގެންދާނެ
-
އައްޑޫގެ ހިމާޔަތްކޮށްފައިވާ ތިން ސަރަހައްދު ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް)، ކުޑަކަނޑު އަދި ޝިޕްރެކްއަށް ގެއްލުންވާނެ
-
އެ ސަރަހައްދުން މިޔަރާއި މަންޓާ ފަދަ ދިރުންތައް މަދުވެއްޖެ ނަމަ އައްޑޫގެ ޓޫރިޒަމަށް 17-27.4 މިލިއަން ޑޮލަރުގެ ގެއްލުންވާނެ
-
ކަނޑު ކިލަނބުވެ ދިރުންތައް މަރުވާން ފެށުމުން އެންވެރިކަމަށް އަސަރުކޮށް މަސްވެރިންނަށް ދަތިވާނެ
ސަރުކާރުން ދެކޭ ގޮތުގައި އައްޑޫގައި ހިންގާ މަޝްރޫއަކީ ކުރިއަށް އޮތް50 އަހަރަށް އެ އަތޮޅުގެ ބިމުގެ ދަތިކަން ހައްލުކޮށް، މުޅި އަތޮޅުގެ އިގްތިސާދު ކުރިއަރައިގެންދާނެ މަޝްރޫއެކެވެ. އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ރާވަމުން އަންނަ މި މަޝްރޫއަށް ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ބެލެވެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިކަމާ ގުޅިގެން ބުނެފައި ވަނީ އައްޑޫގެ ރައްޔިތުން އެދެނީ ބިން ހިއްކަން ކަމަށެވެ. އަދި މަޝްރޫއު ކުރިއަށްދާނެ ކަމަށެވެ.