ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި އަހުމަދު މޫސާ (އައްމަޓީ) މީގެ ކުރިން ކްރިމިނަލް ކޯޓުގައި ބޭއްވި އޮންލައިން އަޑުއެހުމެއްގައި

އަހުމަދު މޫސާ އެދެނީ ދައުލަތުން ބޭނުންވާ ކޮންމެ ޝަރުތެއް ކޮށްފައި ވިޔަސް ބަންދުން ދޫކޮށްލަން

މީގެ ކުރިން އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް، ހައި ކޯޓުން ވަނީ އޭނާ ފިލައިފާނެ ކަމަށް ބަލައި އޭނާ ބަންދު ކުރަން ނިންމާފައި
21 ފެބްރުއަރީ 2022

ދައުލަތުން ކުރާ ކޮންމެ ޝަރުތެއް ކޮށްފައި ވިޔަސް ބަންދުން ދޫކޮށްލަން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ފިލި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) މިއަދު ކޯޓުގައި އެދިއްޖެ އެވެ.

މައްސަލައިގެ ފެށުން - ސީލައިފް ކުންފުނިން ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ފައިސާ އަނބުރާ ނުދެއްކި މައްސަލައިގައި އަހުމަދު މޫސާގެ މައްޗަށް ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް ދައުލަތުން ކުރެ އެވެ. އެ ދައުވާތަކަށް މީގެ ކުރިން އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.

އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، މިދިޔަ އޮކްޓޯބަރު މަހު ކްރިމިނަލް ކޯޓުން ވަނީ އަހުމަދު މޫސާގެ ދައްތަ އާއި ކޮއްކޮ ޖާމިނުކޮށް، އޭނާ ބަންދުން ދޫކޮށްލައިފަ އެވެ. އެކަަމަކު، އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ އޭނާ ބަންދު ކުރާށެވެ. އެއީ އޭނާ ފިލައިގެން ދިޔުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ބުނެ އެވެ.

ތަފްސީލު - މިއަދު އަހުމަދު މޫސާގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި އޭނާގެ ބަންދު މުރާޖައާ ކުރުމުގެ ބައި ވެސް ކުރިއަށްގެންދިޔަ އެވެ. އެ އަޑުއެހުމުގައި އޭނާގެ ފަރާތުން އެދިފައި ވަނީ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލާށެވެ.

އަހުމަދު މުސާގެ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު 'ދައުރު'އަށް ވިދާޅުވީ ދައުލަތުގެ މައިގަނޑު ކަންބޮޑުވުމަކީ އަހުމަދު މޫސާ ދޫކޮށްލައިފި ނަމަ ފިލުން ކަމަށްވާއިރު، ފިލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށް އަހުމަދު މޫސާގެ ފަރާތުން މިއަދު ކޯޓުގައި ބުނެފައިވާނެ ކަމަށެވެ.

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު: އޭނާ އެދިފައި ވަނީ ކޮންމެ ޝަރުތެއް ކޮށްފައި ވިޔަސް ބަންދުން ދޫކޮށްލަން (އައްމަޓީ)

އޭނާ ފިލާފާނެ ކަމުގެ ބިރު ނައްތާލުމަށްޓަކައި ނުވަތަ ނުފިލާނެކަން ޔަގީން ކުރުމަށް ޓަކައި ދައުލަތަށް ފެންނަ ކޮންމެ ފިޔަވަޅެއް އަޅާފައި ވިޔަސް އޭނާ ދޫކޮށްލަން އޭނާ އެދޭ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

"ދައުލަތުން ބުނި ގޮތަކަށް އެއްބަސްވެގެން ޖަލުން ނުކުންނަން އަންމަޓީ ބޭނުންވަނީ." ނިހާޔަތު ވިދާޅުވި އެވެ.

އަހުމަދު މޫސާގެ ފަރާތުން ދެކޭ ގޮތުގައި އެޅިދާނެ ފިޔަވަޅުތައް:

  • ވަކި ގަޑިތަކެއްގައި ހާޒިރުވެ ސޮއި ކުރާ ގޮތަށް ހަމަޖެއްސުން

  • މޮނިޓާ ކުރުން

  • ޕާސްޕޯޓު ހިފެހެއްޓުން

މި ފިޔަވަޅުތަކަކީ މީގެ ކުރިން ވެސް އޭނާގެ ފަރާތުން ހުށަހެޅި ކަންކަމެވެ. އެކަމަކު، އޭރު ވެސް ދައުލަތުން އެދުނީ އޭނާ ފިލައިފާނެތީ ބަންދު ދަމަހައްޓާށެވެ.

މިނިވަންވާން އަހުމަދު މޫސާ އެދޭ ސަބަބުތައް:

  • އޭނާގެ ބައްޕަ ބަލިވެ، ބޭސްފަރުވާ ކުރަން ޖެހިފައިވުން

  • އޭނާ ވެސް ބޭސްފަރުވާ ކުރަން ޖެހޭ ކަންކަން ހުރުން

  • މައްސަލައަކީ މަދަނީ މުއާމަލާތްތަކަކާ ގުޅޭ މައްސަލައަކަށްވާއިރު، އެފަދަ އެހެން މައްސަލަތަކުގައި ވެސް އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްގެން ނުގެންގުޅޭ

ދައުލަތުން މިއަދު ވެސް ވަނީ އޭނާ ޝަރުތުކޮށްފައި ވެސް ދޫކޮށްލަން ދެކޮޅު ހަދައިފަ އެވެ. ދައުލަތުން އެދުނީ އޭނާ ޝަރީއަތް ނިމެންދެން ކޮށްފައިވާ ބަންދު ދަމަހައްޓާށެވެ.

މީގެ ކުރިން ވެސް އަހުމަދު މޫސާ ދައުވާތަކަށް އިންކާރުކޮށްފައިވެ އެވެ. އެކަަމަކު، އޭނާގެ ވަކީލު ބަދަލުވުމުން، ދައުވާގައިވާ ބައެއް ކަންކަން ސާފުކުރަން އާ ވަކީލަށް ފުރުސަތުދިނެވެ. އަދި މިއަދު އެކަން ނިމުމުން އަނެއްކާ ވެސް އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

މީގެ ކުރިން އަހުމަދު މޫސާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ކުރީގެ ޕީޖީ މުހުތާޒު މުހުސިން އެވެ.

ދައުލަތުން އަހުމަދު މޫސާގެ މައްޗަށް ކުރާ ކޮންމެ ދައުވާއެއް ކޯޓުގައި އިއްވީ ވަކިވަކިންނެވެ. އެ ހުރިހާ ދައުވާތަކެއް އިއްވަން ގިނަ ވަގުތުތަކެއް ވެސް ހޭދަވި އެވެ. މިދިޔަ ސެޕްޓޭމްބަރު މަހު ދައުވާތައް އިއްވަން ބޭއްވި ފުރަތަމަ އަޑުއެހުމުގައި އިއްވުނީ 20 ދައުވާ އެވެ. އެ ދައުވާތައް އިއްވުނީ ހެނދުނުން ހަވީރަށް އަޑުއެހުން ބާއްވައިގެންނެވެ.

އެނގުން މުހިންމު - އައްމަޓީ ވަނީ ގިނަ ދުވަސްތަކެއް ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެފަ އެވެ. އެކަމަކު، އޭނާ ކޯޓުގައި ބުނެފައި ވަނީ ފިލައިގެން ނޫޅޭ ކަމަށާއި ލަންކާގައި އުޅުނީ އެ ގައުމުގެ މީހަކާ އިނދެގެން ކަމަށެވެ.

  • އޭނާ ހޯދަން 2019 ވަނަ އަހަރު އިންޓަޕޮލް ރެޑް ނޯޓިސް ވެސް ނެރުނެ

  • އަހުމަދު މޫސާ ރާއްޖެ ގެނައީ، ލަންކާގެ ފުލުހުން އޭނާ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ހައްޔަރުކުރުމުން، މާޗް މަހު ދިވެހި ފުލުހުން އެ ގައުމަށް ގޮސް

ސީލައިފުން ފައިސާ އަނބުރާ ނުދިނުމުގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާ ވެސް ކުރި އެވެ. އެ މައްސަލައިގެ ތެރެއަށް ސަރުކާރުން ވަދެ، އެ މީހުންނަށް ބަދަލުދީ، ސަރުކާރުގެ ހައުސިން މަޝްރޫއުއަކުން ފްލެޓު ގަންނަން ފުރުސަތު ދޭން ނިންމި އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް