ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ. (ފައިލް ފޮޓޯ/ޕީއެސްއެމް)
އަސްހަދު 1 އަހަރަށް ޖަލަށް ލާން އަނެއްކާ ވެސް ކޯޓުގައި އެދެނީ
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމަށް އެއްބަސްވެ، ކޯޓުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓު މިިނިސްޓަރު އަސްހަދު އަލީ އެ އެއްބަސްވުމާ ހިލާފުވުމުން އޭނާ އެއް އަހަރަށް ޖަލަށް ލާން ކުރިން އެ އޮފީހުން އެދިފައިވާ އެދުމަށް ގޮތެއް ނިންމަން އަލުން އެދޭނެ ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.
މައްސަލައިގެ ފެށުން - އަލީ ވަހީދުގެ ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލައި ރާއްޖެއިން ބޭރަށް ފުރަން ފުރުސަތު ދިން އެއް ސަބަބަކީ، އޭނާ ގެންނާނެ ކަމުގެ ޔަގީންކަންދީ އަސްހަދު އިގުރާރުވުމެވެ. އެގޮތުން:
-
ހަތަރު މަސްވި އިރު ވެސް އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވޭ
-
އޭނާ އަކީ ކޯޓުތަކަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެއް ކަމަށް ހައި ކޯޓުން ވެސް ވަނީ ބުނެފައި
-
މީގެ ކުރިން ދައުލަތުން ވަނީ އަސްހަދު އެއް އަހަރަށް ޖަލަށް ލާން ދެ ފަހަރެއްގެ މަތިން ލިއުމުން އެދުމުގެ އިތުރުން، ކޯޓުުގައި އަނގަބަހުން ވެސް އެ ގޮތަށް އެދިފައި
-
މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު އެކަމާ މެދު އެއްވެސް ގޮތެއް ނިންމަވާފައެއް ނުވޭ
ބުނީ ކީކޭ؟ - ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު 'ދައުރު'އަށް ވިދާޅުވީ ކުރިން ކޯޓަށް ހުށަހަޅާފައިވާ އެ ކަންކަމާ މެދު ގޮތެއް ނިންމަން ދެން އޮންނަ އަޑުއެހުމެއްގައި ވެސް ދައުލަތުން ކޯޓުުގައި އެދޭނެ ކަމަށެވެ.
ތަފްސީލް - ބަންދުން ދޫކޮށްލި މީހާ ފިލައިފި ނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެ ނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަބޮޑު މިނަށް ބަލައި ޖާމިނުވި މީހާއަށް އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ. އެކަމަށް ދެވިދާނެ އަދަބުތަކަކީ:
-
ޖާމިނުވި މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލުން
-
ދެ އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުން
-
15،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން
-
ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެ ކަމަށް ކަނޑައެޅުން
އެނގުން މުހިންމު - އަސްހަދު 15 ދުވަހަށް ޖަލަށްލާފައި ވަނީ ޖާމިނުވި އެއްބަސްވުމާ ހިލާފުވުމުުގެ އަދަބެއްގެ ގޮތުގައެއް ނޫނެވެ. ލުއި އެ އަދަބު އޭނާއަށް ލިބުނީ، އަލީ ވަހީދު 72 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރު ކުރަން އޭނާއަށް ކޯޓުން އެންގި އެންގުމާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައިގެންނެވެ.
އަސްހަދު 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރި އަޑުއެހުމަށް އޭނާ ވަޑައެއްނުގަންނަވަ އެވެ. އެކަމަށް އެއްވެސް އުޒުރެއް ވެސް ކޯޓަށް ނުދައްކަވަ އެވެ. އޭރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ކުރި އެވެ.
އިއްޔެ އަސްހަދު ވަނީ ރާއްޖެ ވަޑައިގެން ހުކުމް ތަންފީޒު ކުރަން އަމިއްލައަށް ކަރެކްޝަންސްއާ ހަވާލުވެފަ އެވެ.