މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އިން ދ. ކުޑަހުވަދޫގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި ޕްރޮގްރާމްގެ ދަށުން އެ ރަށު ކައުންސިލާ ޑަސްބިން ހަވާލުކުރަނީ. (ފޮޓޯ/މޯޕާ)
ކުޑަހުވަދޫގައި ރައްކާތެރިކަމާ އެކު ކުނި ނައްތާލަން ޕްރޮގްރާމެއް ފަށައިފި
އުކާލާ އެކި ބާވަތުގެ ކުނި ވަކިކޮށް، ރައްކާތެރި ގޮތުގައި ނައްތާލުމަށް މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އިން ދ. ކުޑަހުވަދޫގައި ޕްރޮގްރާމެއް ފަށައިފި އެވެ.
ބުނީ ކީކޭ؟ - ކުޑަހުވަދޫގައި މި ޕްރޮގްރާމު ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި މޯޕާގެ ފައުންޑަރު އަދި ޗެއާމަން، ކުރީގެ އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މި ޕްރޮގްރާމާ އެކު ކުޑަހުވަދޫ ވެގެންދާނީ ކުނި މެނޭޖު ކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތަށް ކުނި މެނޭޖުކުރާ އެންމެ ފުރަތަމަ ރަށަށް ކަމަށެވެ.
ތަފްސީލް - ކުޑަހުވަދޫގައި އެ ޕްރޮގްރާމު ފެށުމުގެ ގޮތުން ރަށު ކައުންސިލަށް ވަނީ ކުނި އަޅާނެ ޑަސްބިން ހަވާލުކޮށްފަ އެވެ. އަދި ކުނި މެނޭޖުކުރުމާ ގުޅޭޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ވެސް މޯޕާ އިން ވަނީ ކުޑަހުވަދޫގައި ކުރިއަށް ގެންގޮސްފަ އެވެ.
މޯޕާ އިން ކުޑަހުވަދޫގައި ފެށި ޕްރޮގްރާމުގެ ދަށުން:
-
ކުނި އެޅުމަށް ޖުމްލަ 1،000 ޑަސްބިން އެ ރަށަށް ހަދިޔާ ކުރާނެ
-
ކޮންމެ ގޭބީސީއަކަށް ދެ ޑަސްބިން ދޭނެ
-
ބަދިގޭގައި އުފެދޭ ކުންޏާއި ޕްލާސްޓިކް އަދި ދަގަނޑާއި ބިއްލޫރި ފަދަ ކުނި ވަކިކޮށް، އުކާލުމަށް މަގުފަހިކޮށްދޭނެ
އެނގުން މުހިންމު - ކުޑަހުވަދޫގެ ގޭގޭގައި އުފެދޭ ކުނި މެނޭޖުކުރަނީ އެ ރަށު ކައުންސިލްގެ ބެލުމުގެ ދަށުން، އެ ރަށު ވޭސްޓް މެނޭޖުމެންޓު ސެންޓަރުންނެވެ.
މި ޕްރޮގްރާމުގެ ދަށުން، އެއްކުރާ ހުރިހާ ޕްލާސްޓިކް ފުޅިއެއް މާލެ ގެނެސް ރީސައިކްލްކުރުމަށް ޕާލޭ މޯލްޑިވްސް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާނެ އެވެ.