އައްޑޫ ހިތަދޫގައި އަލަށް ހުޅުވި ސަދަން ކެއާ ކްލިނިިކް

އައްޑޫ

މެމްބަރު އަފީފް އާއި ހިޔަލީ ރަޝީދު ގުޅިގެން އައްޑޫގައި ކްލިނިކެއް ހުޅުވައިފި

ސަދަން ކެއާގެ ނަމުގައި ހުޅުވި އެ ކްލިނިކްގައި ބައިނަލްއަގްވާމީ ފެންވަރުގެ ލެބޯޓްރީއެއް ވަނީ ގާއިމުކޮށްފައި
17 ފެބްރުއަރީ 2022

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ އަތޮޅުގެ މެމްބަރުކަން ކުރިން ކުރެއްވި މުހައްމަދު ރަޝީދު (ހިޔަލީ ރަޝީދު) އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ގުޅިގެން 'ސަދަން ކެއާ'ގެ ނަމުގައި އައްޑޫ ހިތަދޫގައި ކްލިނިކެއް އިއްޔެ ހުޅުވައިފި އެވެ.

ތަފްސީލު - ހިތަދޫ އާރި މަގުގައި ހުންނަ ސަދަން ކެއާ ކްލިނިކުގެ ހިދުމަތް ފެށީ އެތެރެހަށީގެ ބަލިތަކުގެ ޑޮކްޓަރަކާއި ސާޖަންއެއްގެ ހިދުމަތާ އެކުގަ އެވެ. ނަމަވެސް ޑޮކްޓަރުންގެ އަދަދު ކައިރި މުސްތަގްބަލެއްގައި 11 އަށް އިތުރުކޮށް، ދަތުގެ ފަރުވާ ވެސް އެ ތަނުން ފޯރުކޮށްދިނުމަށް ވަނީ ރާވައިފަ އެވެ.

އެ ކްލިނިކްގެ ދެ ހިއްސާދާރުންނަށް ތިއްބަވަނީ ރަޝީދު އާއި މިހާރު ވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މެޑިކަލް އިކުއިޕްމަންޓްގެ ވިޔަފާާރި ކުރައްވަމުން ގެންދަވާ މެމްބަރު އަފީފް އެވެ.

ބުނީ ކީކޭ؟ - ރަޝީދު 'ދައުރު'އަށް ވިދާޅުވީ ހިދުމަތް ފުޅާކުރަން ބޭނުންވާ ވަސީލަތްތައް މިހާރު ވެސް އެ ކްލިނިކްގައި އެބަހުރި ކަމަށެވެ.

"މިކޮޅަށް އަންނަން 11 ޑޮކްޓަރުން މިހާރު ވެސް ރެޑީގައި ތިބީ. އިކޮނޮމިކް މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަ ނުލިބިގެން ލަސްވަނީ،" އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ދަތުގެ ފަރުވާ ފަށަން މިހާރު ވެސް ކްލިނިކް އޮތީ ތައްޔާރަށް ކަމަށާއި ނަމަވެސް އެކަމަށް ޑެންޓިސްޓަކު ގެންނަން ޖެހޭ ކަމަށެވެ.

އެ ކްލިނިކްގައި މިހާރު ހުޅުވި ބައިގެ އިތުރުން، ރަޝީދު ވިދާޅުވީ، އެ ތަނުގެ ފަހަތުގައި އިތުރު އިމާރާތެއް އަޅަން ފަށާފައިވާ ކަމަށެވެ.

"މިހާރު ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރިއަށްދަނީ. ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

"އާ އިމާރާތުގައި ލޭބާ ރޫމަކާއި އައިސީޔޫއެއް ވެސް ހުންނާނެ. ކުޑަކުދިންނަށް ހާއްސަ ސިއްހީ ހިދުމަތާއި ފިޒިއޮތެރަޕީ ވެސް އެ ތަނުން ދޭނެ."

އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ކްލިނިކް ހުޅުވައިދެއްވީ އައްޑޫ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އެވެ.

ބައިނަލްއަގްވާމީ ފެންވަރު ލެބޯޓްރީއެއް

އައްޑުއަށް ސިޓީއެއްގެ ދަރަޖަ ލިބިފައި އޮތް ނަމަވެސް، އަދިވެސް ބޭސްފަރުވާގެ ބައެއް ކަންކަމާއި މުހިންމު ބޮޑެތި ޓެސްޓުތައް ހަދަން އައްޑޫ މީހުން ދާން ޖެހެނީ މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށެވެ.

ނަމަވެސް، ރަޝީދު ވިދާޅުވިގޮތުގައި، ސަދަން ކެއާގައި ހުންނަ ލެބޯޓްރީން ފުލް މެޑިކަލް ޗެކަޕް ހެދޭނެ އެވެ. އޭނާ ވިދާޅުވީ އެއީ ބައިނަލްއަގްވާމީ ފެންވަރުގެ ލެބޯޓްރީއެއް ކަމަށެވެ. އެ ތަނުގެ ހިދުމަތް ރަސްމީކޮށް ފަށާނީ، އަދި އެއް މަސް ފަހުންނެވެ.

"މިއީ އައިއެސްއޯ 9001 ސަޓިފައިޑް، ދުނިޔޭގެ ފެންވަރުގެ ލެބޯޓްރީއެއް. ކޮމްޕްލީޓް މެޑިކަލް ޗެކަޕް ހެދޭނެ މި ތަނުން،" އޭނާ ވިދާޅުވި އެވެ.

ސަދަން ކެއާ ހުޅުވުމުގައި، ރަޝީދު ވިދާޅުވީ، މާލީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މެޑިކުއިޕް މޯލްޑިވްސްގެ ފަރާތުން ކަމަށެވެ. އެ ތަނުގެ އިސް ދެ ބޭފުޅުން ކަމަށްވާ ފަރުހަތު ހުސައިން ހާލިދާއި މުހައްމަދު މުފީދަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް