ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ސްޓޭންޑުގައި ޓެކްސީތަކެއް މަޑުކޮށްގެން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރަން ޑްރައިވަރުން މަސައްކަތް ފަށައިފި
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން ޓެކްސީ ހިދުމަތުގެ އަގު ބޮޑުކުރަން ޓެކްސީ ޑްރައިވަރުން މަސައްކަތް ފަށައިފި އެވެ.
މައްސަލައިގެ ފެށުން - ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މަތިވުމާ ގުޅިގެން، ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އެސްޓީއޯ އިން ވަނީ މި އަހަރުގެ މިހާތަނަށް ދެ ފަހަރެއްގެ މަތިން ތެލުގެ އަގު ބޮޑުކޮށްފަ އެވެ. އެންމެ ފުރަތަމަ ތެލުގެ އަގު ބޮޑު ކުރީ 21 ޖެނުއަރީގަ އެވެ. އޭގެ ފަހުން މިދިޔަ އާދީއްތަ ދުވަހު އަނެއްކާ ވެސް ތެލުގެ އަގުތައް ވަނީ ބޮޑުކޮށްފަ އެވެ.
އެ ބަދަލުތަކަށް ފަހު މިހާރު އެސްޓީއޯ އިން ތެޔޮ ވިއްކާ އަގުތަކަކީ:
-
ޕެޓްރޯލް ލީޓަރެއް: 12.98ރ.
-
ޑީސަލް ލީޓަރެއް: 13.04ރ.
ޓެކްސީ ޑްރައިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ، ތެލުގެ އަގަށް އަންނަ ބަދަލުތަކާ އެކު ޓެކްސީ ހިދުމަތުގެ އަގަށް ބަދަލު ނުގެނެވޭތީ އެވެ.
އެނގުން މުހިންމު - ޓެކްސީ ހިދުމަތަށް ނަގަން ސަރުކާރުން މިހާރު ހުއްދަ ދީފައިވާ އަގުތަކަކީ:
-
މާލެ އަދި ހުޅުމާލެ ތެރޭގައި: 25ރ.
-
މާލެ-ހުޅުމާލެ ނުވަތަ ހުޅުމާލެ-މާލެ: 75ރ.
-
މާލެ-އެއާޕޯޓް ނުވަތަ ހުޅުމާލެ-އެއާޕޯޓް: 60ރ.
ވީ ކިހިނެއް؟ - ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުގެ ކަންބޮޑުވުންތަކާ އެކު އިއްޔެ ބައެއް ޑްރައިވަރުން އަމިއްލައަށް އިސްނަގައިގެން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގެ ނައިބު މުގައްރިރު، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އާ ވަނީ ބައްދަލުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ވެސް ހިއްސާކުރި މައިގަނޑު ކަންބޮޑުވުމަކީ ތެލުގެ އަގަށް އަންނަ ބަދަލާ އެކު ޓެކްސީ ހިދުމަތުގެ އަގުތަކަށް ބަދަލު ނުގެނެވޭތީ އެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ދެއްކި ވާހަކައިގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އަގާ މެދު މަޝްވަރާ ކުރުން މިރޭ
ޓެކްސީ ޑްރައިވަރުން އަމިއްލައަށް އިސް ނަގައިގެން، އެ މީހުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން މިރެ އާއި މާދަމާ ރޭ ބައްދަލުވުންތަކެއް ބާއްވަން ވަނީ ނިންމާފަ އެވެ.
މިރެ އާއި މާދަމާ ރޭ 8:30 އިން 10:30އަށް، ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމުގައި ބާއްވާ އެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރަން ރާވާފައިވާ ކަންކަމަކީ:
-
ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް މަޝްވަރާކޮށް، އެކަމާ މެދު ވޯޓަކަށް އެހުން
-
އަގުތަކަށް ގެންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ޑްރައިވަރުންގެ ހިޔާލު ހުށަހެޅުން
-
ޓެކްސީ ކުރުމުގައި ދިމާވާ ދަތިތަކާއި ޑްރައިވަރުންގެ ތެރޭގައި ހުރި މައްސަލަތައް
-
ޓެކްސީ ދާއިރާގައި އާންމުންގެ އިތުބާރު ހޯދަން ކުރެވޭނެ ކަންތައްތައް ބެލުން
ޖަމިއްޔާ އިން އިސްނުނެގިޔަސް ހަރަކާތަށް ތާއީދު
ބުނީ ކީކޭ؟ - ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާގެ ރައީސް އަބްދުﷲ އިބްރާހިމް މިއަދު 'ދައުރު'އަށް ވިދާޅުވީ ޑްރައިވަރުންގެ މަޝްވަރާ ބައްދަލުވުމެއް ބާއްވާކަން އެ ޖަމިއްޔާއަށް އެނގުނީ ނޫސްތަކުން ކަމަށެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، އެ ޖަމިއްޔާއިން ރާވައިގެން ކުރިއަށް ގެންދާ ކަމެއް ނޫނެވެ.
ނަމަވެސް، ޑްރައިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރަން އޭނާ ވެސް ވަނީ ތާއީދުކުރައްވާފަ އެވެ.
"ޕެޓްރޯލް އަގު ބޮޑުވާ މައްސަލަ މިއީ. މީގެ ތިން، ހަތަރު މަސް ކުރިން އަޅުގަނޑުމެން ވެސް މި ވާހަކަ ހިއްސާ ކުރިން މަޖިލީހާ. އެކަމަކު ހައްލެއް ނުލިބޭ،" އަބްދުﷲ އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެކްސީ ހިދުމަތަށް އެންމެ އެކަށީގެންވާ އަގަކީ ކޮބައިކަން ދެނަގަތުމަށް ދިރާސާތަކެއް ވެސް ހެދި ކަމަށެވެ. ނަމަވެސް އެ އަގު ވެސް ހުށަހެޅޭނީ ޓްރާންސްޕޯޓް މިނިސްޓްރީއާ ބައްދަލުވެގެން ކަމަށާއި އެކަން ކާމިޔާބު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެކްސީ ހިދުމަތަށް އަގު ކަނޑައެޅީ ސެންޓަރުތަކުގެ ވެރިންނާއި ޑްރައިވަރުން ހުށަހެޅި އަގު ކަމަށް ބުނެ ޓްރާންސްޕޯޓު މިނިސްޓްރީން މި ފަހުން ރައްދު ވެސް ދިން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އޭނާ ވިދާޅުވީ އެއީ ދޮގެއް ކަމަށާއި އެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީ ކޯޓަށް ވެސް ހާޒިރު ކުރި ކަމަށެވެ.
ނަމަވެސް، ޓެކްސީ ހިދުމަތަށް އެންމެ އެކަށީގެންވަނީ ކޮން އަގެއްތޯ ސުވާލު ކުރުމުން އެ އަގު ހިއްސާކުރަން އަބްދުﷲ އިބްރާހިމް ދެކޮޅު ހެއްދެވި އެވެ.
ކޮމެންޓް (1)
މުޙައްމަދު