ސްޓާލިންކް އިންޓަނެޓް ދިނުމާ ގުޅޭ ގޮތުން މިނިސްޓަރު ޝައުނާ އާއި ސްޕޭސްއެކްސް ކުންފުނިން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން.

ސްޓާލިންކް އިންޓަނެޓް ރާއްޖެއަށް ދިނުމަށް މަޝްވަރާކޮށްފި

ސްޓާލިންކަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށް މިނިސްޓަރު ޝައުނާ މީގެ ކުރިން ވަނީ ވިދާޅުވެފައި
13 ފެބްރުއަރީ 2022

ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޕްރޮޖެކްޓު މެދުވެރިކޮށް ރާއްޖެއަށް ހަލުވި އިންޓަނެޓް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން، ސްޕޭސްއެކްސް ކުންފުންޏާ އެކު ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ މިއަދު މަޝްވަރާކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އޮންލައިންކޮށް މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި، އީޖާދީ އުފެއްދުންތައް އުފެއްދުމުގައި މަޝްހޫރު އީލޯން މަސްކުގެ ސްޕޭސްއެކްސް ކުންފުނީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓާލިންކްގެ މާކެޓް އެކްސެސް ޑިރެކްޓަރު ރަޔާން ގުޑްނައިޓް އެވެ.

ތަފްސީލް - އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، މިއަދުގެ ބައްދަލުވުމުގައި މުޅި ދުނިޔެއަށް ދަށް ލޭޓެންސީގައި، ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދިނުމަށް ސްޕޭސްއެކްސް ކުންފުނިން ގެންގުޅޭ ޕްލޭނާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.

އެ ބައްދަލުވުމުގެ އިތުރު ތަފްސީލެއް މިނިސްޓްރީން އާންމުނުކުރި ނަމަވެސް، ސްޕޭސްއެކްސް ކުންފުނިން އިންޓަނެޓް ފޯރުކޮށްދޭ އަގުތަކާއި ލިބޭނެ ފައިދާއާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

އެނގުން މުހިންމު - އިންޓަނެޓްގެ ހިދުމަތް ދިނުމަށް ސްޕޭސްއެކްސް އިން އެތައް ސަތޭކަ ސެޓެލައިޓެއް ފޮނުވައިގެން ތަރައްގީކުރާ ސްޓާލިންކުގެ ހިދުމަތް ބައެއް ގައުމުތަކަށް މިދިޔަ އަހަރު ޕްރީއޯޑަރަށް ހުޅުވާލި އިރު، ރާއްޖެ ވެސް ހިމެނެ އެވެ. އަދި 2023 ހިސާބުގައި ރާއްޖެއަށް ވެސް ހިދުމަތް ދެވޭނެ ކަމަށް އޭރު ވަނީ ލަފާކޮށްފަ އެވެ.

އިންޓަނެޓުގެ އަގުތަކަށް ބަދަލު ގެންނަން މިދިޔަ އަހަރު ސަރުކާރުން ނިންމި ނިންމުމާ އެކު، ސްޓާލިންކުގެ ހިދުމަތަށް ރާއްޖެއިން ހުރަސް އަޅާފާނެ ކަމުގެ ކަންބޮޑުވުން އުފެދުނެވެ. ނަމަވެސް އެ ހިދުމަތަށް ސަރުކާރުން ހުރަސްނާޅާނެ ކަމުގެ ޔަގީންކަން ޝައުނާ އޭރު ވެސް ދެއްވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި، ޓެސްލާގެ ވެސް ވެރިޔާ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އީލޯން މަސްކުގެ ސްޕޭސްއެކްސް ކުންފުނިން ސްޓާލިންކް ޕްރޮޖެކްޓަށް މިހާތަނަށް 1،900 ވަރަކަށް ސެޓެލައިޓް ލޯންޗުކޮށްފައި ވާއިރު، އިތުރު އެތައް ހާސް ސެޓެލައިޓެއް ޖައްވަށް ފޮނުވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް