އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ފިޝަރީޒް މިނިސްޓްރީއިން ނައްތާލާފައިވާ ބައެއް ދޫނިތައް
ރާއްޖެ ގެނައި 120 ދޫނި މިނިސްޓްރީއިން މަރާލުމުން ނުރުހުން ފާޅުކުރަނީ
ރާއްޖޭގެ ދޫނި ފިހާރައަކުން ރާއްޖެއަށް އެތެރެ ކުރި ކަމަށް ބުނާ އެތެރެ ކުރުން މަނާ ދޫނިތަކެއް ހިފެހެއްޓުމަށް ފަހު ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއިން އެ ދޫނިތައް މަރާލި މައްސަލައެއް ފެންމަތިވެ އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މީގެ ހަތަރު ވަރަކަށް މަސް ކުރިން ރާއްޖެ އަށް ގެނައި އެ ދޫނިތައް ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް، އެއީ އެތެރެ ކުރުން މަނާ އެއްޗެއް ކަމަށް ވާތީ އެއާޕޯޓުގައި ހިފަަހައްޓާފައި ބެހެއްޓި އެވެ. އަދި އެންމެ ފަހުން ފިޝަރީޒް މިނިސްޓްރީއިން ވަނީ އެ ދޫނިތައް މަރާލައިފަ އެވެ. އެގޮތުން 120 ދޫނި މަރާލާފައިވެ އެވެ.
ބުނީ ކީކޭ؟ - ފިޝަރީޒް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓާ ނަސްރުﷲ ހުސެއިން މިރޭ 'ދައުރު'އަށް ވިދާޅުވީ، ދޫނިތައް ހިފެހެއްޓުމަށްފަހު ވަރަށް ގިނަ ދުވަސް ވަންދެން އެ ދޫނިތައް ގެނައި ފަރާތައް އެ ދޫނިތައް ބޭރަށް ފޮނުވާލަން ފުރުސަތު ދިން ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މިނިސްޓްރީއިން އެ ދޫނިތައް ބަލަހައްޓަމުން ދިޔަ ކަމަށެވެ.
އެކަމަކު، ދޫނިތައް ގެނައި ފަރާތުން އެ ފުރުސަތުގެ ބޭނުން ނުހިފުމުން ތާއަބަދު މިނިސްޓްރީއަށް އެ ދޫނިތައް ނުބެލެހެއްޓޭނެތީ އެކަމުގައި އޮންނަ އުސޫލުތަކުގެ ދަށުން ދޫނިތައް ނައްތާލީ ކަަމަށް ނަސްރުﷲ ވިދާޅުވި އެވެ. އެކަން ކުރީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ މިނިސްޓްރީއިން އަަލަށް ކުރި ކަމެއް ނޫން. މީގެ ކުރިން ވެސް އެތެރެ ކުރުން މަނާ އެއްޗެހި ރާއްޖެ ގެނައުމުން މިނިސްޓްރީއިން ނައްތާލާފައިވާނެ،" ނަސްރުﷲ ވިދާޅުވި އެވެ.
އާންމުންގެ ނުރުހުމާއި ރުޅި މިނިސްޓްރީއަށް
ދޫނިތައް މަރާލާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ބައެއް އާންމުން ދަނީ އެކަމާ މެދު ނުރުހުން ފާޅުކުރަމުންނެވެ. ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރާ މީހުން ބުނި ގޮތުގައި މިނިސްޓްރީއިން ހިންގީ ވަރަށް އަނިޔާވެރި ލާއިންސާނީ އަމަލެކެވެ. އަދި މިނިސްޓްރީގެ އެ އަމަލުކުށްވެރިކުރަމުން މީހުން ބުނެފައި ވަނީ އެއީ ބަލައިގަނެވޭނެ ފަދަ އަމަލެއް ނޫން ކަމަށެވެ.
ހޯމް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރު އައިޝަތު އަލައިކާ ޓްވިޓާގައި ޝުއޫރު ފާޅުކުރައްވަމުން ފާހަގަކުރެއްވީ ބަޔަކު މީހުން ކުރި ކުށެއްގެ ޝަޒާ ބާރެއް ނެތް ދޫނިތަކަށް ދިނީ ކަމަށެވެ. އަދި ނައްތާލަން އެއީ މަސްތުވާތަކެތި ނުވަތަ ނުރައްކާތެރި ހަތިޔާރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ހެރިޓޭޖް އެންޑް ކަލްޗަރަލް މިނިސްޓްރީގެ ޑިރެކްޓަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް(ލޫކަސް)އެކަމާ މެދު ނުރުހުން ފާޅުކުރަމުން ވިދާޅުވެފައި ވަނީ ވަގަށް ރާއްޖެ އެތެރެވާ މީހާ ވެސް މަރާލަނީ ނޫން ކަމަށެވެ. އަދި އެ އުސޫލުން ދިރޭ ކޮންމެ އެއްޗަކާ މެދުވެސް އަމަލު ކުރަން ޖެހޭ ކަމަށް ޝަމްއޫން ވިދާޅުވެފައިވެ އެވެ.
ގުޅުންހުރި - މީގެ ކުރިން ރާއްޖެ ގެނެސްފައިވާ ރާއްޖޭގައި ދިރިނޫޅޭ ދޫނިތަކެއް ވެސް ސަރުކާރުގެ އިދާރާތަކުން ބަލަހައްޓާފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު ފަހުކޮޅު ރާއްޖެ އައި ފްލެމިންގޯއެއް ޅ. މާކޯގައި ބެލެހެއްޓި އެވެ.