ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތުގެ ތެރެއިން، އަތުލާގަނެވުނު 314 ކިލޯގެ މަސްތުވާތަކެތި ފުލުހުން ނައްތާލަން ތައްޔާރުވަނީ (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
ތަހުގީގު ފުރިހަމަ ނުވާތީ ޑްރަގް މައްސަލައެއް ހައި ކޯޓުން ވެސް ސާބިތެއް ނުވި
ޑްރަގް މައްސަލައެއްގައި މީހެއްގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާތީ ހައި ކޯޓުން ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައިފި އެވެ.
ވީ ކިހިނެއް؟ - ދެހާސްސޯޅަ ވަނަ އަހަރުގެ އޮގަސްޓު މަހު މާލޭގައި ޑްރަގް ގެންގުޅެ އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ގެއެއް ބަލައި ފާސްކޮށް، ފުލުހުން ޑްރަގާއި އެ ތަކެތި ވިއްކައިގެން ހޯދި ކަމަށް ބެލެވޭ ފައިސާއާ އެކު ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރު ކުރި އެވެ. އެ ދެ މީހުންގެ މައްޗަށް ކުރީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.
އެގޮތުން އެ ދައުވާގައި ފާހަގަ ކުރެވުނު ކަންކަމަކީ:
-
އޭނާ ދިރިއުޅުނު ގޭގެ ކޮޓަރިއަކުން ގިނަ އަދަދެއްގެ އެމްޑީއެމްއޭ ފެނުނު
-
އެ ކޮޓަރިން ޑްރަގް ވިއްކައިގެން ހޯދި ކަމަށް ދައުލަތުން ގަބޫލުކުރާ ފައިސާތަކެއް ވެސް ފެނުނު
އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ހެދި ގޯސްތަކަކާ ހެދި ކްރިމިނަލް ކޯޓުން ނިންމީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އެ ދެ މީހުންގެ ބައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅި ނަމަވެސް، ފަހުން އޭގެ ތެރެއިން އަންހެން މީހާގެ ބައި އަނބުރާ ގެންދިޔަ އެވެ.
އެ މީހާގެ ފަރާތުން ހައި ކޯޓުގައި ފާހަގަ ކުރި އެއް ނުކުތާއަކީ އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ތަހުގީގުގައި ތުހުމަތު ނުުކުރާ އަދި އެކަމާ ބެހޭގޮތުން ސުވާލު ނުކުރާ ކުށަކަށް ކަމަށެވެ.
ފިރިހެން މީހާގެ ބައި ބަލައި މިއަދު ހައި ކޯޓުން ހުކުމްކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓާށެވެ. އެއީ އެ މައްސަލައިގައި ހިންގާފައިވާ ތަހުގީގު ފުރިހަމަ ނުވާތީ އެވެ. އެގޮތުން ކޮޓަރިން ފެނުނު އެމްޑީއެމްއޭ ގުޅަތަކާއި ފައިސާއާ ބެހޭގޮތުން ތަހުގީގުގައި އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައި ވެސް ފާހަގަކުރީ ފުލުހުން ނެގި އޭނާގެ ބަޔާނުން ވެސް އެނގޭ ގޮތުގައި އޭނާއާ ސުވާލުކޮށްފައި ވަނީ އޭނާގެ ޖީބުގައި އޮތް "ބިޑި"އަކާއި ޑްރަގް އަޅާފައި ހުރި ތިން ސެލޯފިން ކޮޅާ ބެހޭގޮތުން ކަމެވެ. ދައުވާ ލިބުނު މީހާ ބުނެފައި ވަނީ އެއީ އޭނާ ބޭނުން ކުރަން ގެންގުޅުނު ތަކެތި ކަމަށެވެ. އަދި އެ ބަޔާނުގެ އެއްވެސް ތަނެއްގައި އޭނާ އަތުން ފެނުނު ޑްރަގްއާއި ފައިސާއާ ބެހޭގޮތުން ސުވާލުކޮށްފައި ނުވާކަން ހުކުމުގައި ފާހަގަ ކުރި އެވެ.
ދައުލަތުން ބުނެފައި ވަނީ ފުލުހުން އޭރު އެ ތަކެއްޗާ ބެހޭގޮތުން ސުވާލު ނުކުރީ ޑްރަގްގެ ތަހުލީލު ރިޕޯޓު ނުލިބޭތީ ކަމަށެވެ. އެކަމަކު، އެ ރިޕޯޓު ލިބުމުން އަލުން ގާނޫނީ އިންޒާރުދީ ސުވާލުކޮށްފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
އެހެންކަމުން، ފަނޑިޔާރު ހުސެއިން މަޒީދާއި، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާއާއި ފަނޑިޔާރު ހުސެއިން ޝަހީދުގެ އިއްތިފާގުން ނިންމީ އެ މައްސަލައިގައި ތަހުގީގު ފުރިހަމަ ނުވާތީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ.
ދަށު ކޯޓުގެ ހުކުމުގައި ފާހަގަ ކުރި ތަހުގީގުގެ ބައެއް މައްސަލަތައް:
-
ދައުވާ ލިބޭ ފަރާތުން ބުނެފައި ވަނީ ޑްރަގް ފެނުނު ކޮޓަރިއަކީ ގޭގެ އެންމެނަށް ވަދެވޭ ގޮތަށް ތަޅުދަނޑި ވެސް ބަހައްޓާފައި ހުންނަ ސްޓޯރޭޖު ކޮޓަރިއެއް ކަމަށް
-
ފިންގަޕްރިންޓް ކޮމްޕެރިސަން ރިޕޯޓެއް ހުށަހަޅާފައިވާއިރު، އޭނާގެ ފިންގާޕްރިންޓް ފެނިފައި ވަނީ ދައުވާގައި ބުނާ ފަދަ މަަސްތުވާތަކެތި އަޅާފައި ހުރި އެއްޗަކުން ނޫން
-
ޗެއިން އޮފް ކަސްޓަޑީ ފޯމު ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަހަޅާފައި ނުވޭ