ފިރިމީހާގެ ޑްރަގް ފައިސާ ލޯންޑާކުރި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރާ ރާމިޒާ އަލީ މީގެ ކުރިން ބޭއްވި ކްރިމިނަލް ކޯޓުގެ އަޑުއެހުމެއްގައި.

ފިރިމީހާގެ ޑްރަގް ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައްސަލަ: ޓްރެފިކިންއާ ގުޅޭ ހެކިތައް ބަލައިނުގަތުމަށް އެދިއްޖެ

ދައުލަތުން ބުނީ އެ ހެކިތަކަކީ ރާމިޒާ ބޭނުންކުރި ފައިސާ އަކީ ޑްރަގް ވިޔަފާރިން ހޯދި ފައިސާކަން ސާބިތުކުރަން ހުށަހަޅާ ހެކި ކަމަށް
6 ފެބްރުއަރީ 2022

ފިރިމީހާ ޑްރަގް ވިޔަފާރިކޮށްގެން ހޯދި ފައިސާ ލޯންޑާކުރި ކަމަށް ދައުލަތުން ބުނާ ރާމިޒާ އަލީއާ ދެކޮޅަށް ހުށަހަޅާފައިވާ ބައެއް ހެކިތަކާ އެކު މައްސަލަ ކުރިއަށް ނުގެންދިއުމަށާއި އެ ހެކިތައް ބަލައިނުގަތުމަށް އޭނާގެ ފަރާތުން އެދިއްޖެ އެވެ.

މައްސަލައިގެ ފެށުން - ގދ. ތިނަދޫ/ލަކީލާސްޓް، ރާމިޒާ އަލީގެ މައްޗަށް ދައުލަތުން މަނީ ލޯންޑަރިންގެ ދައުވާ ކުރީ އޭނާގެ ފިރިމީހާ، އެ ރަށު ރަންގަލް، ހަސަން ލޫތު ޑްރަގް ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި ރާމިޒާ އޭނާގެ ފިރިމީހާގެ ފައިސާ ބޭނުންކޮށްގެން ހިންގި މުއާމަލާތްތަކަކާ ގުޅިގެންނެވެ.

ދައުލަތުން ބުނަނީ ހަސަން ލޫތު ހައްޔަރު ކުރުމުގެ ކުރިން އޭނާ ރާމިޒާ އާއި އެ ދެމަފިރިންގެ ދަރިއެއްގެ އެކައުންޓަށް އެކި ދުވަސް މަތިން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އެއީ:

  • ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށް އެކި ދުވަސް މަތިން 95،510ރ.

  • އޭނާގެ ބީއެމްއެލް އެކައުންޓަށް 194،170ރ.

  • އެ ދެމަފިރިންގެ ފިރިހެން ދަރިފުޅުގެ އެކައުންޓަށް 103،370ރ.

ކްރިމިނަލް ކޯޓު: މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އެ ހެކިތައް ބަލައިގަތުމާ މެދު ގޮތެއް ނިންމާނެ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެ އެކައުންޓުތަކުގައި ހުރި ފައިސާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ޝައްކު ކުރެވޭ ހާލަތު އޮވެ، އެ ފައިސާ ނަގައި ރާމިިޒާ އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

އެނގުން މުހިންމު - މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން ވަކި ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކުކުރެވޭ ހާލަތުގައި އަތުގައި ބަހައްޓައިފި ނަމަ ވެސް ނުވަތަ އެއިން މުއާމަލާތެއް ކޮށްފި ނަމަ ވެސް އެއީ މަނީ ލޯންޑާކުރުން ކަމަށް ބެލެވޭނެ އެވެ.

ވީ ކިހިނެއް؟ - ރާމިޒާގެ މައްޗަށް ކުރި ދައުވާގެ އިބްތިދާއީ މަރުހަލާގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި އޮތީ ދިފާއުން ޝަރީއަތުގެ މަރުހަލާގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމެވެ.

'ދައުލަތުން ހެކިތައް ކޮޕީ ޕޭސްޓް ކުރީ'

ރާމިޒާގެ ފަރާތުން ހުށަހަޅާ ކަންކަން ބަޔާން ކުރަމުން އޭނާގެ ވަކީލު އަލީ ޝާހު އެދިވަޑައިގެންނެވީ، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން މަނީ ލޯންޑަރިން ސާބިތު ކުރުމާ ނުގުޅޭ ހެކިތައް ބަލައި ނުގަނެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އެގޮތަށް ހުށަހެޅީ:

  • އެ ހެކިތަަކަކީ ދައުވާއާ ނުގުޅޭ ކަންކަމަށް ވާތީ 

  • ދައުވާއާ ނުގުޅޭ ހެކިތަކާ އެކު މައްސަލަ ކުރިއަށް ނުގެންދެވޭނެތީ 

  • އެއީ އެހެން މައްސަލައެއްގައި ހިމެނޭ ހެކިތަކެއް ކަމަށް ވާތީ؛ އެ ހެކިތައް މި މައްސަލައިގައި ދައުލަތުން "ކޮޕީ ޕޭސްޓް" ކުރީ ކަމަށް ވިދާޅުވި އަލީ ޝާހު ވިދާޅުވި

ނަމަވެސް، ދައުލަތުން ބުނީ، އެ ހެކިތަކަކީ ރާމިޒާ ލޯންޑާ ކުރި ފައިސާ އަކީ "ޕްރިޑިކޭޓް އޮފެންސް" ނުވަތަ ސާބިތު ކުރަން ކޮން ކުށެއް ކޮށްގެން ހޯދި ފައިސާކަން ސާބިތު ކުރަން ހުށަހަޅާ ހެކި ކަމަށެވެ. ރާމިޒާގެ މަައްޗަށް ކުރެވޭ ދައުވާގެ އަސާސަކީ އެ ފައިސާއަކީ ޑްރަގް ވިޔަފާރިން ލިބުނު ފައިސާކަން ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ ބޭނުންކުރުންކަން ވެސް ފާހަގަކުރި އެވެ.

ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތުގެ ތެރެއިން: މި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ޑްރަގު ވިއްކައިގެން ފިރިމީހާ ހޯދި ފައިސާ އަނބިމީހާ ބޭނުންކުރި ކަމަށް ބުނެ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ހެކިތައް ދައުލަތުން ހުށަނާޅައި ކުރިއަށްގެންދިޔަ ނަމަ ދިފާއުން ބުނާނީ އެ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ ފައިސާކަން ސާބިތުކުރަން ދައުލަތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާނެ ކަމަށް ކަމަށެވެ.

ޝާހު ވިދާޅުވީ، ދައުލަތުން އެދޭ ގޮތަށް ހެކިތަކާ އެކު މައްސަލަ ކުރިއަށްގެންދާ ނަމަ ޖިނާއީ އަދުލުގެ ނިޒާމާ ވަރަށް ބީރައްޓެހި، ވަރަށް ހުތުރު ކަންތައްތަކެއް ޕްރެކްޓިސް ކުރެވިދާނެ ކަމަށެވެ.

އެނގުން މުހިންމު - މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އެ ހެކިތައް ބަލައިގަތުމާ މެދު ގޮތެއް ނިންމާނެ އެވެ. އެ ތާރީހު ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ.

މީގެ ކުރިން އޮތް އަޑުއެހުމެއްގައި ރާމިޒާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެ ފައިސާ އަކީ ޑްރަގް ފައިސާކަން ނޭނގޭ ކަމަށް ވެސް ބުނެފައިވެ އެވެ. ވަކީލު ޝާހު އޭރު ސުވާލު އުފެއްދެވީ އާންމު ޒަރޫރީ ބޭނުންތަކަށް ފިރިމީހާ ދޭ ފައިސާ ބޭނުންކުރުން މަނީ ލޯންޑަރިން ކަމަށް ބަލާނީ ކިހިނެއްތޯ އެވެ.

ގުޅުންހުރި ކަމެއް - ރާމިޒާގެ ފިރިމީހާ އާއި އޭނާގެ ޑްރަގް ނެޓްވޯކު ކަމަށް ދައުލަތުން ބުނާ މީހުންގެ މައްޗަށް ވެސް ވަނީ ޑްރަގް ޓްރެފިކިން އާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް