ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިިދިޔަ ބުރާސްފަތި ދުވަހު ށ. ކޮމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ރައީސްގެ އަރިހުގައި. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

240 ވޯޓުގެ ތަފާތަކުން ކޮމަންޑޫ ދާއިރާގެ ގޮނޑި ރާޝިދަށް

މިއަދު ވޯޓުލުން ކުރިއަށް ދިޔައިރު، ސަރުކާރާއި އެމްޑީޕީއިން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށް ޕީޕީއެމްއާއި އެމްއެންޕީއިން ވަނީ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައި
5 ފެބްރުއަރީ 2022

ފޯރިގަދަ އިންތިހާބަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދު ކާމިޔާބު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހެނދުނު 8 - ހަވީރު 4 އަށެވެ. އެ އިންތިހާބުގައި ރާޝިދުގެ އިތުރުން ދެން ވާދަ ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓު ހަންނާން އިދުރީސް އެވެ.

ތަފްސީލު - އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ އާންމުކޮށްފަ އެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3،309 މީހުންގެ ތެރެއިން %88.61 (2،932 މީހުން) ވަނީ ވޯޓުލާފަ އެވެ. އޭގެ ތެރެއިން:

  • ސައްހަ ވޯޓު - 2،885

  • ބާތިލު ވޯޓު - 47

އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް މިއަދު ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް މިއަދު ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ވަކިވަކި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ތަފްސީލު

  • މުހައްމަދު ރާޝިދު (އެމްޑީޕީ) - 1،401

  • މޫސާ ފަތުހީ އާދަމް (ޕީޕީއެމް) - 1،161

  • އަބްދުލްހަންނާނު އިދުރީސް (އެމްއެންޕީ) - 323

އިންތިހާބުގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުން މިއަދު ވޯޓުލައްވަނީ (ކ-ވ): ޕީޕީއެމްގެ ފަތުހީ، އެމްޑީޕީގެ ރާޝިދު އަދި އެމްއެންޕީގެ ހަންނާނު.

އެ އިންތިހާބުގައި ވޯޓު ލާން މާލޭ، އިސްކަންދަރު ސްކޫލުގައި ބެހެއްޓި ދެ ފޮށިން ވެސް ކުރި ހޯއްދެވީ ރާޝިދެވެ. އަދި ކޮމަންޑޫ ދާއިރާގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން ދެ ފޮށި ފިޔަވައި އެހެން ފޮށިތަކުން ކުރި ހޯއްދެވީ ވެސް ރާޝިދެވެ.

މިއަދު އިންތިހާބު ކުރިއަށް ދިޔައިރު، ސަރުކާރާއި އެމްޑީޕީއިން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށް ޕީޕީއެމްއާއި އެމްއެންޕީއިން ވަނީ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފަ އެވެ.

އެ މައްސަލައިގައި އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މާލޭގެ ވޯޓުލާ މަރުކަޒު ކައިރީގައި މުޒާހަރާ ވެސް ކުރި އެވެ. ވޯޓުލާން ކަނޑައަޅާފައި އޮތް ވަގުތު ހަމަވި ފަހުން، ވޯޓުލާ މަރުކަޒުގެ ބޭރުގައި އެމްޑީޕީއާއި ޕީޕީއެމް ސަޕޯޓަރުންގެ މެދުގައި މައްސަލަ ހޫނުވެ، ދެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ވަނީ ގެންގޮސްފަ އެވެ.

ވޯޓުލުން ނިމި، ވޯޓު ގުނުން ކުރިއަށްދިޔަ އިރު ވެސް ދެ ޕާޓީގެ ފަރާތުން އެ ތަނަށް ގޮސް ތިބި މޮނީޓަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ވަނީ ބަދަލުކޮށްފަ އެވެ. 

އެނގުން މުހިންމު - މަޖިލީހުގެ މި ދައުރުގައި މީގެ ކުރިން ވެސް ކޮމަންޑޫ ދާއިރާ ތަމްސީލު ކުރެއްވީ އެމްޑީޕީ ބޭފުޅެއް ކަމަށްވާ ހުސައިން ވަހީދެވެ. އަދި ދައުރުގެ މެދު ތެރެއިން ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ، ހުސައިން ވަހީދު އަވަހާރު ވުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް