މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް
މެޑިކަލް އިންޝުއަރެންސްގެ އެންމެ ބޮޑު ހަރަދެއް ހިނގީ މެމްބަރު ގާސިމަށް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކަނޑައަޅާފައި އޮންނަ މެޑިކަލް އިންޝުއަރެންސް ސުކީމުން އެންމެ ގިނައިން ހަރަދު ކުރެއްވި މެމްބަރަކީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްއަށް ކަން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ހުރިހާ މެމްބަރުންގެ މެޑިކަލް އިންޝުއަރެންސްއަށް ހިނގާފައިވާ ހަރަދާ ގުޅޭ މައުލޫމާތު މަޖިލީހުގެ އިދާރާއިން ހޯދައި، ސޯޝަލް މީޑިއާގައި އެ މައުލޫމާތު އާންމު ކުރީ ނުހާދު މާހިދު އެވެ.
އޭނާ އާންމު ކުރި ލިސްޓުގައި ހިމެނެނީ މެއި 2021 އިން ފެށިގެން މެމްބަރުންގެ މެޑިކަލް އިންޝުއަރެންސްއަށް ހިނގާފައިވާ ހަރަދުގެ ތަފްސީލެވެ.
އެނގުން މުހިންމު - މެޑިކަލް އިންޝުއަރެންސްގެ ގޮތުގައި ކޮންމެ މެމްބަރަކަށް، އަހަރަކަށް ކަނޑައަޅާފައި އޮންނަނީ 24،000ރ. އެވެ. އެއީ މެމްބަރުންނާއި މެމްބަރުންގެ ޑިޕެންޑެންޓުން (އަނބިންނާއި 18 އަހަރު ނުފުރޭ ދަރިން) ވެސް ކަވަރު ވާ ގޮތަށް، އެެއިން ކޮންމެ މީހަކަށް 24،000ރ. އެވެ.
އެ ފައިސާ ހަމަޖައްސަނީ ދައުލަތުގެ ބަޖެޓުގެ ތެރެއިން މަޖިލީހަށް ކަނޑައަޅާފައި އޮންނަ ބަޖެޓުންނެވެ.
ތަފްސީލު - ނުހާދު އާންމު ކުރި ނަންބަރުތަކުން އެނގޭ ގޮތުގައި މަޖިލިސް މެމްބަރުންގެ ތެރެއިން މެއި 2021 އިން ފެށިގެން މެޑިކަލް އިންޝުއަރެންސްއަށް އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށެވެ.
ގާސިމުގެ މެޑިކަލް އިންޝުއަރެންސަށް އެ މުއްދަތުގެ ތެރޭގައި 240،000ރ. ހަރަދުކޮށްފައިވެ އެވެ. އިތުރު މެމްބަރުންނަށް ބަލާއިރު، ދެން އެންމެ ގިނައިން ހަރަދުކޮށްފައިވަނީ 144،000ރ. އެވެ. އެ އަދަދުން މެޑިކަލް އިންޝުއަރެންސަށް ހަރަދު ކޮށްފައިވާ އެއް މެމްބަރަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވި އެވެ.
މެމްބަރުންގެ މެޑިކަލް އިންޝުއަރެންސް ހަރަދު
-
މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް - 240،000ރ. (ޖޭޕީ)
-
މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް - 144،000ރ. (އެމްޑީޕީ)
-
ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު - 144،000ރ. (އެމްޑީޕީ)
-
މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު - 144،000ރ. (ޕީޕީއެމް)
-
މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު - 144،000ރ. (އެމްޑީޕީ)
-
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން - 144،000ރ. (އަމިއްލަ)
-
ގެމަނަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސައީދު - 144،000ރ. (އެމްޑީޕީ)
މީގެ އިތުރުން މެޑިކަލް އިންޝުއަރެންސަށް 120،000ރ. ހަރަދު ކުރެއްވި ނުވަ މެމްބަރަކު ވެސް އެބަތިއްބެވި އެވެ. އޭގެ ތެރޭގައި ހިމެނެނީ؛
-
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު (އެމްޑީޕީ)
-
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން (ޖޭޕީ)
-
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު (އެމްޑީޕީ)
-
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (އެމްޑީޕީ)
-
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ (އެމްޑީޕީ)
-
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ (އެމްޑީޕީ)
-
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު (އެމްޑީޕީ)
-
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ (އެމްޑީޕީ)
-
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު (އެމްޑީޕީ)
އެނގުން މުހިންމު - މެޑިކަލް އިންޝުއަރެންސްގެ ހިދުމަތަކީ މަޖިލިސް މެމްބަރުންނަށް މުސާރައިން ބޭރުން ހަމަޖައްސައިދީފައި އޮންނަ އިނާޔަތެކެވެ. އެ ހިދުމަތުގެ ދަށުން، ސާކު ސަރަހައްދާއި އާސިއާން ސަރަހައްދުން ކަނޑައަޅާފައިވާ ވަކި ގައުމުތަކުގެ އަމިއްލަ ހޮސްޕިޓަލްތަކުންނާއި ރާއްޖޭގެ ހޮސްޕިޓަލްތަކުން ހޯދާ ސިއްހީ ހިދުމަތްތައް ކަވަރު ކޮށްދެ އެވެ.
މެމްބަރުންގެ މުސާރައިގެ (ރައީސް އާއި ނައިބު ރައީސް ނުހިމަނައި) ތަފްސީލަކީ؛
-
އަސާސީ މުސާރަ: 42،500ރ.
-
ލިވިން އެލަވަންސް: 20،000ރ.
-
ކޮމެޓީ އެލަވަންސް (ހާޒިރީއަށް ބެލުމަށްފަހު): 20،000ރ.
-
ޖުމްލަ: 82،500ރ.
މެމްބަރުންނަށް ރާއްޖެއިން ބޭރުން މެޑިކަލް އިންޝުއަރެންސްގެ ހިދުމަތް ލިބޭ އިރު ވެސް، ބޮޑު މުސާރައެއް ލިބޭތީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެއީ މަޖިލީހުގެ ގަވާއިދަށް ހިޔާލު ހުށަހެޅުމަށް 2019 ގައި ހުޅުވާލި ފުރުސަތެއްގަ އެވެ.
މެމްބަރުންގެ މެޑިކަލް އިންޝުއަރެންސް އާންމުކުރި ޕޯސްޓަށް ރިޕްލައި ކުރި ބައެއް މީހުން ވެސް ވަނީ މެޑިކަލް އިންޝުއަރެންސަށް އެހާ ބޮޑެތި އަދަދުތަކުން ހަރަދު ކޮށްފައިވާތީ ނުރުހުން ފާޅުކޮށްފަ އެވެ.
ކޮމެންޓް (3)
ގަގްމް
އިސްމާލު
މުޙައްމަދު ސަޢީދު