ހައި ކޯޓުގެ ބޭރު: އަނބިމީހާ މަރާލަން އުޅުމުގެ ތުހުމަތު ކުރެވޭ މީހަކު ދަށު ކޯޓުން ދޫކޮށްލި ނިންމުން އެ ކޯޓުން މިއަދު ވަނީ ބާތިލްކޮށްފައި (ދައުރު ފޮޓޯ)

ގެވެށި އަނިޔާ

އަނބިމީހާ މަރާލަން އުޅުނު ކަމަށް ބުނާ މީހަކު ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމައިފި

އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ދައުވާކޮށްފައި
24 ޖެނުއަރީ 2022

ނ. ލަންދޫގައި ފިރިހެނަކު އޭނާގެ އަނބިމީހާއަށް ގެވެެށި އަނިޔާކޮށް، މަރާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން އޭނާ ބަންދުކޮށްފައި ހުއްޓައި އޭނާ ބަންދުން ދޫކޮށްލަން ލަންދޫ ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ނ. ލަންދޫއަށް ނިސްބަތްވާ މީހަކު މިދިޔަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހުގެ ރޭ އޭނާގެ އަންހެނުންނަށް އަނިޔާކޮށް، އޭނާ މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލައިގައި އޭނާއާ ދެކޮޅަށް އެ ރަށު ކޯޓުން، ގެވެށި އަނިޔާ އިން ރައްކާތެރިކުރުމުގެ އަމުރެއް ނެރުނެވެ. އެ އަމުރު ނެރުނުތާ ކުޑަ އިރުކޮޅެއް ތެރޭގައި ފިރިހެންމީހާ ވަނީ އަންހެންމީހާ ދިރިއުޅުނު ގެއަށް ގޮސް ކޯޓު އަމުރު އިރާލައިފަ އެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް، ފަހުން ދައުވާ ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ބަންދު މުރާޖައާ އަޑުއެހުމެއްގައި މި މަހު 2ގައި ލަންދޫ ކޯޓުން ވަނީ އޭނާ ދޫކޮށްލަން ނިންމައިފަ އެވެ. އެ ނިންމުން ދައުލަތުން ހަައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ނިންމީ އޭނާ ދޫކޮށްލީ ގޯސްކޮށް ކަމަށެވެ.

މިހާރު އެ މީހާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމަށް އުޅުމުގެ ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކުރީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރުވަފާނެތީ އެވެ.

ލަންދޫ ކޯޓުން އޭނާ ބަންދު ކުރި އަމުރުގައި ވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ވެފައި މީގެ ކުރިން އޭނާ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު މައްސަލައިގައި އަނިޔާ ލިބިފައިވާ ފަރާތަށް ރައްކާތެރިކަން ނެތްކަން އެނގެން އޮތުމުންނާއި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން އޭނާ ބަންދު ކުރަން ފެންނަ ކަމަށެވެ.

ލަންދޫ ކޯޓުން އޭނާ ދޫކޮށްލީ:

  • މައްސަލަ ދިމާވީ ދެމަފިރިންގެ ދެމެދުގައި ކަމަށް ވެފައި އެ ދެ މީހުން މިހާރު ވަރިވެފައި ތިބުމުން

  • މީގެ ކުރިން ކުށުގެ އެއްވެސް ރެކޯޑެއް ނެތުމުން އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނާތީ

  • އޭނާ ދޫކޮށްލީ ހެކިންނާ ވާހަކަ ނުދެއްކުމަށާއި މާލެއިން އޭނާ ދިރިއުޅޭ ރަށަށް ނުދިޔުމަށް ޝަރުތުކޮށް

ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައި ވަނީ، އޭނާ ބަންދުން ދޫކޮށްލި އިރު، ކުރިން ޝަރީއަތް ނިމެންދެން ބަންދު ކުރި ސަބަބު ފިލައިދިޔަ ގޮތެއް ލަންދޫ ކޯޓުގެ އަމުރުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ. އެއީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނެތް ކަމުގެ ބާރު ލިބިދޭ އެއްވެސް ސަބަބެއް އެ އަމުރުގައި ފާހަގަކޮށްފައި ނެތުމުންނެވެ. އަދި އަނިޔާ ލިބުނު ފަރާތަށް މިހާރު ރައްކާތެރިކަން އޮތް ގޮތް ވެސް ބުނެފައި ނުވާތީ އެވެ.

ފަނޑިޔާރު ޝަފީއު ރިޔާސަތު ބެލެހެއްޓެވި މި މައްސަލައިގައި، ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު ހުސެއިން މަޒީދުގެ އިއްތިފާގުން ނިންމީ ލަންދޫ ކޯޓުން އޭނާ ދޫކޮށްލި އަމުރު ބާތިލު ކުރާށެވެ.

އެނގުން މުހިންމު - މި މައްސަލައިގައި ދައުވާ ކުރި މީހާ އޭނާގެ އަންހެނުން މަރާލަން އުޅުމުގެ އިތުރުން އޭނާއަށް އެކި ފަހަރު މަތިން ޖިސްމާނީ އަނިޔާ ދިނުމުގެ ތުހުމަތު ވެސް ކުރެވެ އެވެ. އެ ދެ މީހުންގެ 10 އަހަރުގެ ދަރިއަކު ހުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް