ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ހުޅުލެ، ބުރާސްފަތި، 6 ޖެނުއަރީ 2022. ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަށް ހުޅުލެ އިތުރު ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ.(ދައުރު ފޮޓޯ)

ސްޓެލްކޯ

ސްޓެލްކޯގެ ކަރަންޓު ވިއުގަޔާ މައި އެއާޕޯޓް ގުޅާލައިފި

ފިފްތު ޕަވާ ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 50 މެގަ ވޯޓްގެ ކަރަންޓު އުފެއްދޭނެ ވަސީލަތް ވަނީ ގާއިމްކޮށްފައި
23 ޖެނުއަރީ 2022

މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ޓަކައި ގާއިމުކޮށްފައިވާ 'ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަށް' މައި އެއާޕޯޓް ހިންގާ ހުޅުލެ އިތުރުކޮށް އެ ގުރިޑުން އެ ރަށަށް ކަރަންޓު ދޭން ފަށައިފި އެވެ. މިއީ ސްޓެލްކޯއިން ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓަށް ކަރަންޓް ދޭން ފެށި ފުރަތަމަ ފަހަރެވެ.

އެނގުން މުހިންމު - ސްޓެލްކޯގެ ފިފްތު ޕަވާ ޕްރޮޖެކްޓުގެ ދަށުން 18 ޖުލައި 2021ގައި މާލެ އާއި ހުޅުމާލެ، ކަރަންޓު އެއް ވިއުގައަކުން ވަނީ ގުޅާލައިފަ އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯއިން ބުނީ، މި މަހު 6 ގައި އެމްއޭސީއެލްއާ އެކު ވި އެއްބަސްވުމުގެ ދަށުން، މިދިޔަ ހުކުރު ދުވަހުގެ ރޭ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަށް ހުޅުލެ އިތުރު ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އެއާޕޯޓަށް ކަރަންޓް ދެނީ އެމްއޭސީއެލް އިން ވަކިން ހިންގާ އިންޖީނުގެއިންނެވެ.

ތަފްސީލު - ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަކީ މި ފަހުން ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގި އެންމެ ބޮޑު މަޝްރޫއު އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓްރާންސްފޯމަރުތައް ވެސް ބަހައްޓާފައިވަނީ، ސްޓެލްކޯއިން ބުނި ގޮތުގައި، އެ މަޝްރޫއުގެ ދަށުންނެވެ. އެގޮތުން ބެހެއްޓީ:

  • މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ 4 ޓްރާންސްފޯމަރު

  • ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު

އެނގުން މުހިންމު - މާލެ، ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލަން ކުރިއަށްގެންދިޔަ ފިފްތު ޕަވާ ޑިވެލޮޕްމެންޓު ޕްރޮޖެކްޓް ހިންގީ ލޯނު ނަގައިގެންނެވެ. އެގޮތުން 104 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ)ގެ ތެރެއިން 76 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހޯދީ ޗައިނާގެ އެގްޒިމް ބޭންކުންނެވެ. ބާކީ ފައިސާ ހޯދީ، އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިޔަ ޑޮންގްފަންގް އިލެކްޓްރިކް ކޯޕަރޭޝަން މެދުވެރިކޮށެވެ. 

ފިފްތު ޕަވާ ޕްރޮޖެކްޓް:

  • ޖުމްލަ 50 މެގަ ވޯޓްގެ ކަރަންޓު އުފެއްދޭނެ ވަސީލަތް ގާއިމްކުރި

  • 9 މެގަވޮޓްގެ 6 އިންޖީނު ބެހެއްޓި 

  • 2 ވަނަ ފޭސްގެ ދަށުން އިތުރު 50 މެގަވޯޓުގެ ކަރަންޓު އުފައްދާނެ ޖަނެރޭޓަރުތައް ބަހައްޓާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް