ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން ވަޅުލާފައިވާ ކޭބަލަކަށް، މަގު ހެދުމަށް ކޮނުމުގެ ތެރޭގައި 17 ޖެނުއަރީ 2022ގައި ގެއްލުން ލިބިފައި. (ފޮޓޯ/ސްޓެލްކޯ)

ހިޔާ ފްލެޓްތައް

ހިޔާގައި ކަރަންޓު ލިބޭނެ ބެކަޕެއް ނެތް، ކޭބަލް ވަޅުލާފައި ހުރީ މިންގަނޑުތަކާ ހިލާފަށް

ކަރަންޓު ކެނޑުމުން އެތައް ހާސް ބަޔަކަށް ދިމާވާނެ ދަތިތައް މިއަދު ހާމަވެގެން ދިޔަ
17 ޖެނުއަރީ 2022

ހިޔާ ފްލެޓުތަކުން ކަރަންޓު ހިނގައްޖެ ނަމަ ކަރަންޓު ލިބޭނެ ބެކްއަޕް ނިޒާމެއް ނެތް ކަމާއި އެ ސަރައްހަދުގައި ކަރަންޓު ކޭބަލްތައް އަޅާފައި ހުރީ ވެސް މިންގަނޑުތަކާ ހިލާފަށްކަން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު 9:15 ހާއިރު ހިޔާ ފްލެޓުތަކުން ކަރަންޓު ކެނޑުނީ އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ކުންފުނިން، އެ މަސައްކަތް ކުރުމަށް ކޮންނަމުން ދިއުމުގެ ތެރޭގައި ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ގެއްލުން ލިބިގެންނެވެ. އެއާ އެކު، ފެން ޕަމްޕުތަކަށް ވެސް ކަރަންޓު ނުލިބި ފެން ވެސް ކެނޑުނެވެ.

ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް:

  • ކަރަންޓާއި ފެން ކެނޑުމުން ގިނަ ބަޔަކު ފްލެޓުތަކުން ބޭރަށް ނުކުމެ ތިބި

  • ބައެއް އާއިލާތައް ކުޑަކުދިން ގޮވައިގެން ޓަވަރުން ބޭރަށް ނުކުމެ ތިބި

  • ފެން ކެނޑުމުން ކުދިންނަށް ސްކޫލަށް ނުދެވި ވެސް ތިބި

  • ކައްކާނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ވެސް ފާޅުކުރި

ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން ވަޅުލާފައިވާ ކޭބަލަކަށް، މަގު ހެދުމަށް ކޮނުމުގެ ތެރޭގައި 17 ޖެނުއަރީ 2022ގައި ގެއްލުން ލިބިފައި. (ފޮޓޯ/ސްޓެލްކޯ)

ތަފްސީލު - ކަރަންޓު ކެނޑުމުން އެތައް ހާސް ބަޔަކަށް ދިމާވާނެ ދަތިތައް މިއަދު ހާމަވެގެން ދިޔަ ނަމަވެސް، ހިޔާ ފްލެޓުގެ ޓަވަރުތައް ޑިޒައިންކޮށްފައި ހުރީ، މިފަދަ ގޮތަކަށް ކަރަންޓު ކެނޑިދާނެ ހާލަތަކަށް ވިސްނައިގެންނެއް ނޫނެވެ.

އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު ސުހެއިލް އަހުމަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އެެހެން ފްލެޓުތައް ވެސް ހަދާފައި ވަނީ ބެކަޕް ކަރަންޓު ލިބޭ ގޮތަކަށް ނޫނެވެ.

"ހުޅުމާލޭގައި ހިޔާ ނޫނަސް ފްލެޓުތައް އެބަ ހުރި ދެއްތޯ. އެ ތަންތަނުގައި ވެސް ނުހުންނާނެ ބެކަޕަށް ޖަނަރޭޓަރު ބަހައްޓާފައެއް،" ސުހެއިލް ވިދާޅުވި އެވެ.

މިއަދު ހިޔާ ފްލެޓު ސަރަހައްދުން ކަރަންޓު ކެނޑުމުން އެތަނުގައި ދިރިއުޅޭ ބަޔަކު ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުމެ. (ދައުރު ފޮޓޯ/އަނޫފް ޖުނެއިދު)
މިއަދު ހިޔާ ފްލެޓު ސަރަހައްދުން ކަރަންޓު ކެނޑުމުން އެތަނުގައި ދިރިއުޅޭ ބަޔަކު ފްލެޓުން ބޭރަށް ނުކުމެ ހިޔަލުގައި މަޑުކޮށްގެން (ދައުރު ފޮޓޯ/އަނޫފް ޖުނެއިދު)

ހިޔާ ފްލެޓު ސަރަހައްދުގެ ކަަރަންޓު ނިޒާމު ގާއިމްކުރީ އެޗްޑީސީން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ ނިޒާމު ނިމުމުން ސްޓެލްކޯގެ ކަރަންޓު ވިއުގައާ ގުޅާލީ އެވެ.

އެނގިފައިވާ ގޮތުގައި، ޗައިނާ ކުންފުނިން ކަރަންޓު ކޭބަލް ވަޅުލާފައި ހުރީ އެފަދަ ކޭބަލްތައް ވަޅުލަން ޖެހޭ މިންގަނޑުތަކާ ހިލާފަށެވެ. އެކަން ހާމަވީ މިއަދު ކޭބަލް ބުރިވެގެން ކޮނުމުންނެވެ. އަދި ވަޅުލާފައި ހުރީ ވެސް ފުދޭވަރަކަށް ތިލަކޮށްކަން ފޮޓޯތަކުން ވެސް ފެންނަން ހުއްޓެވެ.

އެނގުން މުހިންމު - ކަރަންޓުގެ މައްސަލަ ދިމާވުމާ އެކު، ސްޓެލްކޯ އިން އެ މައްސަލަ ހައްލު ކުރަން މަސައްކަތް ފެށި އެވެ. މަސައްކަތް ކުރިއަށް ދިޔަ ވަރަކަށް، ބައެއް ފްލެޓުތަކަށް ކަރަންޓު ދިޔައީ ދެމުންނެވެ. ހުރިހާ ޓަވަރުތަކަށް ކަރަންޓު ދީ ނިމުނީ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް