އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި މަނަވަރު.
އޮސްޓްރޭލިއާއިން ހަދިޔާކުރި 'އިމާދުއްދީން' މަނަވަރު ކޮމިޝަންކޮށްފި
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ކޮމިޝަންކޮށް، ބޭނުންކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި އުޅަނދަކީ، ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދުވުމަށް އެމަނިކުފާނުވެފައިވާ ވައުދުފުޅުގެ ދަށުން، އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެއް ކަމަށް އެމްއެންޑީއެފްއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ރާއްޖެ އާއި ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ މިއުޅަނދަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އާ އުޅަނދެކެވެ.
ތަފްސީލު - ރޭ އެމްޕީއެލް ހުޅުމާލެ ޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަނަވަރު ކޮމިޝަންކޮށް، ނަން ކަޝްފުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެގޮތުން އެ މަނަވަރަށް ދީފައިވާ ނަމަކީ 'އިމާދުއްދީން' އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ އެ އުޅަނދު ބައްލަވާލައްވައި މަނަވަރުގެ މެހެމާނުންގެ ފޮތުގައި ސޮއިކުރައްވާފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ކަނޑާއި ވަޔާއި އެއްގަމުން ދިފާއުކުރެވޭނެ ވަރުގެ ގާބިލު އަސްކަރިއްޔާއަކަށް ދިވެހި ގައުމީ ދިފާއީ ބާރު ހެދުމަކީ ރައީސް މުއިއްޒު އެންމެ މުހިންމު ސިޔާސަތު ކަމަށެވެ.
އެ ސިޔާސަތުގެ ދަށުން ދިވެހި އަސްކަރިއްޔާ ޒަމާނީކޮށް، ކަނޑުގެ ބާރެއް އުފައްދަވާނެކަން ރައީސް ވަނީ މީގެ ކުރިން އިއުލާން ކުރައްވާފަ އެވެ.
އެކަން ހާސިލްކުރަން މީގެ ކުރިން ސަރުކާރުން ކޮށްފައިވާ ބައެއް ކަންތައްތަކަށް ހިލްމީ ވަނީ އަލިއަޅުވާލައްވާފަ އެވެ.
އެނގުން މުހިންމު - އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ތިން މަސްދުވަހުގެ ހާއްސަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ފުރިހަމަކޮށްފަ އެވެ.
އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި މި އުޅަނދާ އެކު:
-
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ
-
ކަނޑުމަތީގައި ހިންގާ ގައިރުގާނޫނީ އަމަލުތައް ހުއްޓުވުމުގެ ގާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ
-
ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ގާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ
-
މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް
ކޮމެންޓް