އެމްޑީޕީގެ މަގުމަތީ ހަރަކާތެއްގެ ތެރެއިން (ފޮޓޯ/ނައުޝަން ވަހީދު)
އައްޑޫ ސަވާހެލި ނެގުމުން އެމްޑީޕީގެ ކަންބޮޑުވުން: 'ރައްޔިތުންގެ ބިންތައް އަތުލައި ތަރައްގީއަށް ހުރަސް އެޅުން ހުއްޓާލާ'
ކައުންސިލްތަކަކީ އަމިއްލައަށް ކަންކަން ރާވައި ހިންގުމުގެ ގާނޫނީ ޖާގަ އާއި ބާރު ލާމަރުކަޒީ ގާނޫނުން ފަހި ކޮށްދީފައިވާ ވަކި ގާނޫނީ ޝަހުސެއް ކަމަށްވާއިރު، ކައުންސިލްތަކާ މަޝްވަރާކުރުމެއްނެތި ރައްޔިތުންގެ ބިންތައް އަތުލައި ތަރައްގީއަށް ހުރަސްއެޅުން ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން މިގޮތަށް ގޮވާލީ އައްޑޫ ފޭދޫ އާއި މަރަދޫފޭދޫ ކައިރީގައި އޮންނަ ސަވާހިލި، އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަން ކައުންސިލުން ބީލަމަށް ހުޅުވާލާފައިވަނިކޮށް، ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު، އައްޑޫގެ އިހްތިސާސުން ކުއްލި ގޮތަކަށް އެ ރަށް ވަކިކުރައްވާފައިވާތީ އެވެ.
އިހުތިސާސްއަށް ބަދަލު ގެނެސް، ޗާޓުގައި ސަވާހިލި މިހާރު ފާހަގަކޮށްފައިވަނީ ރިސޯޓެއް ގޮތަށެވެ. އެހެންކަމުން، އެ ރަށް ދެން އޮންނާނީ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ދަށުގަ އެވެ.
ތަފްސީލް - އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ރަށްތަކާއި ސިޓީތަކުގެ އިހުތިސާސް ކަނޑައެޅުމުގެ ބާރު ރައީސްއަށް ލިބިދީފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި ބޭނުންކުރުމަށް ކަމަށެެވެ. އެ ބާރު ބޭނުންކުރަންވާނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މަޝްވަރާއާ އެކުގައިކަން ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ބުނީ ކީކޭ؟ - "[އެމްޑީޕީ]ގެ ބޮޑު އަގުލްބިއްޔަތަކުން އާ ދައުރަކަށް އިންތިހާބުވި ސިޓީ ކައުންސިލުން، އައްޑޫގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަމުންދާ ދަނޑިވަޅެއްގައި، އައްޑޫ ކައުންސިލާއި ރައްޔިތުންގެ އެއްވެސް މަޝްވަރާއެއްނެތި އެ ސިޓީގެ އިހުތިސާސްގައިވާ ސަވާހިލި ކައުންސިލްގެ އިހުތިސާސް އިން ވަކި ކުރުމަކީ ރައީސް ޑރ. މުއިއްޒު ލާމަރުކަޒީ ގާނޫނުގެ މަގުސަދާ ސީދާ ހިލާފަށް، އަދި އައްޑޫ ރައްޔިތުންގެ ނިންމުމާ ކަނޑައެޅިގެން ދެކޮޅަށް، އަދި އައްޑޫ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް ކަމުގައި މިޕާޓީން ދެކެމެވެ،" ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނިގޮތުގައި:
-
ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެ މުހިއްމު އެއް ކަމަކީ ރައްޔިތުންނާ މަޝްވަރާކޮށް ފަސް އަހަރު ދުވަހަށް އެކުލަވާލާ ތަރައްގީ ޕްލޭނާއި އިހުތިސާސުގައިވާ ބިން ބޭނުން ކުރާނޭ ގޮތުގެ ބިނާވެށި ޕްލޭން އެކުލަވާލައި ފާސްކޮށް ހިންގުން
-
ރައީސް މުއިއްޒުގެ ވެރިކަމަށް ތިން އަހަރުވެގެންދާއިރު ރާއްޖޭގެ ރަށްތަކުގެ ތަރައްގީއަށާއި، ވަކިން ހާއްސަކޮށް އައްޑޫއަށް އެއްވެސް އެދެވޭ ތަރައްގީއެއް ގެނެސްދެވިފައެއްނުވޭ
-
ނަމަވެސް، ރައްޔިތުންގެ މަޝްވަރާއާ އެކު އައްޑޫ ކައުންސިލުން ވޭތުވެދިޔަ ފަސް އަހަރު ރައްޔިތުން ގަބޫލުކުރާ ފަދަ މަސައްކަތްތަކެއް ކޮށްދީފައިވާކަން، ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނަތީޖާއިން ސާފުކޮށް އެނގޭ
-
ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްގީގެ ޕްލޭނާއި ބިނާވެށި ޕްލޭނެއް އެކުލަވާލުމަށް ފަހު، އެ ޕްލޭންތަކަށް އެއްވެސް ބަދަލެއް ގެންނަންވާނީ ރައްޔިތުންންގެ މަޝްވަރާއާ އެކު ކަމަށް ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައި އޮތުމުގެ މާނައަކީ، ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްއަށް ބަދަލުގެނައުމަށް ރައީސްއަށް ލިބިދީފައިވާ ބާރަކީ ހިތުހުރި ގޮތަކަށް ބޭނުންކުރެވޭނެ ބާރެއްނޫންކަން
"ކައުންސިލްތަކަކީ ވަކި ގާނޫނީ ޝަހުސެއްކަމާއި އަމިއްލައަށް ކަންކަން ރާވާ ހިންގޭނޭ ގާނޫނީ ޖާގައާއި ބާރު ކައުންސިލްތަކަށް ފަހި ކޮށްދީފައިވީ ހިނދު، ރައްޔިތުންގެ ސާފު އަގުލަބިއްޔަތުން އިންތިހާބުވެފައި އޮތް އައްޑޫ ސިޓީ ކައުންސިލުގެ ނިންމުންތަކަށް ސަރުކާރުން ބޯލަނބައި، ލާމަރުކަޒީ ގާނޫނަށް ފުރިހަމައަށް އިހުތިރާމްކޮށް، ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްގީ ގެނައުމުގައި، ޑރ. މުއިއްޒުގެ ނާގާބިލް ސަރުކާރުން ހުރަހަކަށް ނުވުމަށް މި ޕާޓީންއިން ހަރުއަޑުން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
ކޮމެންޓް