ރައީސް މުހައްމަދު މުއިއްޒު، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ތަސްދީގު ކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ތަސްދީގުކޮށްފި
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު، ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މި ބިލު ތަސްދީގުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފަހު ފުރަތަމަ ފޮނުވީ 14 މެއިގަ އެވެ.
ނަމަވެސް ރައީސް ވަނީ އަލުން ވިސްނާވަޑައިގަތުަމށް އެދި، 31 މެއިގައި އެ ބިލު އަނބުރާ ފޮނުއްވާފަ އެވެ.
ކޮމިޓީ މަރުހަލާގައި އެ ބިލަށް އިސްލާހުތަކެއް ގެނައުމަށްފަހު އަލުންއެ ބިލު ފާސްކުރީ 14 ޖުލައިގަ އެވެ.
ތަފްސީލު - އެ ބިލު އެކުލަވާލާފައިވަނީ ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ހިދުމަތް ރައްކާތެރިކަމާއި ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދޭން ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި އެކަމާ ގުޅޭ އުސޫލުތައް ކަނޑައަޅައި ހިދުމަތް ދޭ ފަރާތްތަކާއި ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމުގެ މަގްސަދުގަ އެވެ.
އެ ބިލުގައިި ހިމެނޭ ބައެއް ކަންތައްތަކަކުގެ ތެރޭގައި:
-
ގުނަވަން ޓްރާންސްޕްލާންޓު ކުރުމާ ގުޅޭ އާންމު ހަމަތައް
-
ގުނަވަން ހަދިޔާކުރާ ފަރާތްތަކާއި ލިބިގަންނަ ފަރާތްތަކުގެ ހައްގު
-
ޓްރާންސްޕްލާންޓު ކުރުމުގެ އިޖުރާއަތްތަކާއި މިންގަނޑުތައް
-
ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓް ކުރުމުގެ ކުށާއި އަދަބު
-
އެ ބިލުގައި ވާ ގޮތުން ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ނިޒާމާބެހޭ ސިޔާސަތުތައް ކަނޑައަޅާނީ ރައީސް އެކުލަވާލައްވާ 'އޯގަން ޓްރާންސްޕްލާންޓް ކައުންސިލު'ން
-
ރާއްޖޭގައި އެކަން ކުރުމުގެ ހުއްދަ ދޭނީ އެ ކޮމިޓީއިން
އެ ބިލުގައިވާ ގޮތުން، ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ނިޒާމާބެހޭ ސިޔާސަތުތައް ކަނޑައަޅާނީ ރައީސް އެކުލަވާލައްވާ 'އޯގަން ޓްރާންސްޕްލާންޓް ކައުންސިލަ'ކުންނެވެ.
ރާއްޖޭގައި މި ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރާނީ 'އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ' ކިޔާ ކޮމިޓީއަކުންނެވެ.
އޭގެ އިތުރުން، ޓްރާންސްޕްލާންޓް ކުރެވޭނެ އަދި ނުކުރެވޭނެ ގުނަވަންތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން، ޓްރާންސްޕްލާންޓް ކުރެވޭނީ އެއް ވައްތަރުގެ ދެ ގުނަވަން ހުންނަ ގުނަވަންތަކާއި އެ ގުނަވަނަކުން ބައެއް ނެގިޔަސް 'ރީޖެނެރޭޓު'ވާ ގުނަވަންތައް އެކަންޏެވެ.
ނަމަވެސް މީހެއްގެ އޯވަރީއެއް ނުވަތަ ޓެސްޓިކަލްއެއް ޓްރާންސްޕްލާންޓް ނުކުރެވޭނެ ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އިންސާނީ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 180 ދުވަސް ހަމަވާ ތާރީހުގަ އެވެ.
ކޮމެންޓް