ތިލަފުށީ ފަޅުތެރެެއިން ކުނިތަކެއް ސާފުކުރަނީ
ތިލަފުށީ ކުނިތަކެއްގެ ތެރޭގައި މީހަކު މަރުވުން: ދައުވާ ނުކުރަން ނިންމައިފި
ކ. ތިލަފުށީ ވެމްކޯ ސައިޓުގައި ހިނގި ހާދިސާއެއްގައި، ކުނިތަކެއްގެ ތެރެއަށް ވެއްޓި ބިދޭސީއަކު މަރުވި މައްސަލާގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ޖެނުއަރީ މަހު ހިނގި މި ހާދިސާގައި މަރުވީ، ބަގްލަދޭޝްއަށް ނިސްބަތްވާ އަމީން މިއާ، 24، އެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި:
-
އަމީން މިއާ ކުނިތަކެއްގެ ތެރެއަށް ވެއްޓުނީ، ކުނި ޖަމާކޮށްފައިވާ ތަނުގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އެސްކެވޭޓަރުން ޖެހި
-
ކުނިތައް އެ ތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭ އޭނާގެ ހަށިގަނޑާ އެކު ކުނިތައް ބަދަލުކުރެވި އޭނާގެ ގައިމައްޗަށް ކުނިތަކެއް އެޅުނު
-
ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ތަން ފެނޭ
-
އަމީން މިއާ ކުނިތަކެއްގެ ތެރެއިން ފެނުނީ، އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް އޭގެ ދެ ދުވަސް ފަހުން؛ އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ވެސް އޭނާގެ ހަށިގަނޑު ކުނިތަކުގެ ތެރެއިން ފެނުނު ފަހުން
އެ މައްސަލަ ތަހުގީގުކުރުމަށް ފަހު، ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލައިދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ފޮނުވީ، އެކްސްކަވޭޓަރު ދުއްވަން އިން ލަންކާއަށް ނިސްބަތްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ، 32،ގެ މައްޗަށެވެ. މި މައްސަލައާ ގުޅިގެން އޭނާ އޭރު ހައްޔަރުކުރި ނަމަވެސް މިހާރު ވަނީ ރާއްޖެއިން ޑީޕޯޓުކޮށްލާފަ އެވެ.
ބުނީ ކީކޭ؟ - ހެޝަން މަދުރަންގަށް ދައުވާ ނުކުރަން ނިންމައި މައްސަލަ އަނބުރާ ފޮނުވާލީ މިދިޔަ އޭޕްރީލު މަހެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި، އެގޮތަށް ނިންމީ، އެ ހާދިސާ ހިނގުމުގައި އޭނާގެ އިހުމާލެއް އޮތް ކަމަށް ނުފެންނާތީ އެވެ.
ޕީޖީން ބުނި ގޮތުގައި:
-
އެ ހާދިސާ ހިނގި ތަނަަށް ގޮސް، އެކަން ހިނގި ގޮތް ހެޝަން މަދުރަންގަ ލައްވާ ކުޅުވިއިރު، އެ ސަރަހައްދުގައި ހުރި އަލިކަމާއި މަސައްކަތުގެ މާހައުލު އޮތް ގޮތުން، އެ ސަރަހައްދުގައި މީހަކު ހުރިކަން އެނގޭނެ އެއްވެސް ގޮތެއް ނެތް
-
އެ ހާދިސާ ހިނގި ވަގުތު އަމީން މިއާ ހުރީ އެކްސްކަވޭޓަރާ ގާތްގަނޑަކަށް 10 ފޫޓު ދުރުގައި
-
އަމީން މިއާގެ ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ބަލާއިރު އެ ވަގުތު އެ ސަރަހައްދުގައި ހުންނަން ޖެހޭ ސަބަބެއް ނެތް؛ ކުނިގޮނޑަށް އެރުމަކީ ނުރައްކާތެރި ކަމެއް ކަމުން ވެމްކޯއިން އެކަން އޮންނަނީ މަނާ ވެސް ކޮށްފައި
-
މަރުވި އަމީން މިއާ އާއި އެކްސްކަވޭޓަރު ދުއްވި ހެޝަން މަދަރަންގަ ދެމެދު އެއްވެސް ބާވަތެއްގެ ޒާތީ ހަސަދައެއް ނުވަތަ އަދާވަތްތެރިކަމެއް އޮތްކަން ވެސް ތަހުގީގަށް ހޯދިފައެއްނުވޭ
ކޮމެންޓް