އައްޑޫ ސަވާހިލި މަތިން. (ފޭސްބުކް ފޮޓޯ/އަލީސް ކެޕްޗާ)
އައްޑޫ ކައުންސިލުން ތަރައްގީކުރަން އުޅުނު ސަވާހިލި ސަރުކާރުން އަތުލައިފި
އައްޑޫ ސިޓީ ކައުންސިލުން އެ އަތޮޅު ސަވާހިލި ތަރައްގީކުރަން ބީލަމަށް ހުޅުވާލާފައިވަނިކޮށް، ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު، އެ ސިޓީގެ އިހްތިސާސުން ކުއްލި ގޮތަކަށް އެ ރަށް ރޭ ވަކިކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ފޭދޫ އާއި މަރަދޫފޭދޫ ކައިރީގައި އޮންނަ ސަވާހިލި، އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ތަފްސީލު - ކައުންސިލުން އިއުލާންކޮށްފައިވަނިކޮށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނެސް، އިހުތިސާސުން ސަވާހިލި ވަކިކުރަން ރައީސް ގަރާރެއް ނެރުއްވީ ރޭ ދަންވަރު 12 ޖަހަން އުޅެނިކޮށެވެ.
ރައީސްގެ ގަރާރުގައި ސީދާ ވަކި ބޭނުމެއް ބަޔާންކޮށްފައި ނުވި ނަމަވެސް، ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހިލި ވަކިކުރީ، ފަތުރުވެރިކަމުގެ ބޭނުމަށެވެ.
ޗާޓުގައި ސަވާހިލި ފާހަގަކޮށްފައިވަނީ ރިސޯޓެއް ގޮތަށެވެ. އެހެންކަމުން، އެ ރަށް ދެން އޮންނާނީ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ދަށުގަ އެވެ.
އެނގުން މުހިންމު - ފަތުރުވެރިކަމަށް ހާއްސަކޮށްގެން ސަވާހިލި ތަރައްގީކުރަން އައްޑޫ ސިޓީ ކައުންސިލުން ފުރަތަމަ ނިންމީ 18 ފެބްރުއަރީ 2021ގަ އެވެ. އޭގެ ފަހުން އެކަން ދިގުލައިގެން ދިއުމަށް ފަހު، 14 ފެބްރުއަރީ 2024ގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގައި ސަވާހިލީގައި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރި ހިންގަން އިއުލާންކުރަން ނިންމި އެވެ.
އެއަށް ފަހު، އޭޕްރީލް 2025ގައި އެ ރަށް ޓޫރިސްޓު ފެސިލިޓީއެއް ތަރައްގީކޮށް، ހިންގައި މެނޭޖުކުރާނެ ބަޔަކު ހޯދުމަށް ކައުންސިލުން އިއުލާންކުރި އެވެ.
ކޮމެންޓް