އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންކަން ކުރިން ކުރެއްވި ހަސަން ލަތީފް، އަދި ފައްޔާޒް އިސްމާއިލް(ފޮޓޯ/އެމްޑީޕީ)

މުވައްޒަފުން ވަޒީފާއިން ވަކިކުރަންވާނީ ގޮތެއް ހޯދައިދީފައި: އެމްޑީޕީ

އެމްޑީޕީން މިއަދު ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން %33 އަށް މުވައްޒަފުން މަދުކުރާނަމަ 14،733 މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް
6 ގަޑިއިރު ކުރިން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33އަށް މަދުކޮށްފި ނަމަ، 14،000އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށާއި އެ މުވައްޒަފުންނަށް ގޮތެއް ހޯދައިނުދީ އެކަން ނުކުރުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީން މިކަމަށް ގޮވާލީ، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އަންގާފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ބުނީ ކީކޭ؟ - މި ބައްދަލުވުމުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، އެ އަދަދަށް މުވައްޒަފުން މަދުކުރާ ނަމަ، ގާތްގަނޑަށް 14،733 މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހާ ގިނަ އަދަދެއްގެ ރައްޔިތުންތަކެއްގެ ހައްގު ނިގުޅައިގަންނަންވާނީ ދުރާލާ ޕްލޭންތަކެއްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެެވެ.

"އެ މީހުން ވަޒީފާތަކުން ކަނޑައި ނަގައި އެއްލާލާއިރު ބައްލަވައި، އެއީ ކިތައް މީހުންނަށް ބަރޯސާވާ އާމްދަނީ ހޯދާ ބައެއްތޯ. ސާދަ ހާސް މުވައްޒަފުންގެ އާމްދަނީ، މަދުވެގެން 5000 މީހުންގެ ދިރިއުޅުމާ ގުޅުން އެބަހުރި. ފަސް ހާސް މީހުންނަކީ ރާއްޖޭގެ އާބާދީގެ %20، %25،" މިދިޔަ އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުން:

  • ކޮވިޑުގެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ވެސް މިދިޔަ އެމްޑީޕީ ސަރުކާރުގައި ވަޒީފާ ގެއްލުނު 22،945 މީހުން ބެލެހެއްޓި

  • އެކަންކުރީ ރައްޔިތުންނަށް ސާފުކޮށް ކިޔައިދިން، ހާމަކަން ބޮޑު، ވަރަށް ރަނގަޅު ޕްރޮގްރާމެއްގެ ދަށުން؛ އެ ޕްރޮގްރާމަށް 4 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރި

  • އޭގެ ސަބަބުން އެތައް އާއިލާތަކެއް އަދި ވިޔަފާރިތައް ސަލާމަތްވެ، އަނބުރާ އިގްތިސޯދު އަރައިގަންނަން ވެސް އެހީވެދިން

  • އެހެންކަމުން، ޕީސީބީން ރައިޓް ސައިޒް ކުރަނީ ކަމަށް ބުނެ މިހާރު މިކުރާ ކަމަކީ ރޯންގް ސައިޒް ކުރުން

ފައްޔާޒު އިތުރަށް ވިދާޅުވީ، 14،000އެއްހާ މީހުންގެ ވަޒީފާ އަތުލައި އެ މީހުން މަގުމަތިކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެހެން އެކަން ކުރާ ނަމަ، އެކަން އެގޮތަށްވީ ސަބަބު ހޯދަންޖެހޭ ކަމަށެވެ. އެހާ ހިސާބަށް ދިއުމުގައި ކުންފުނިތަކުގެ އިސްވެރިން ވެސް ޒިންމާ ނަގަންޖެހޭނެކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީީ، އާދައިގެ މުވައްޒަފުންގެ ވަޒީފާއާ ކުޅެންޖެހޭނީ، އެ ނުބައި ހެދި އެތަންތަނުގެ އިސްވެރިން ވަޒީފާތަކުން ދުރުކުރުމަށް ފަހު ކަމަށެވެ.

"[ޕީސީބީގެ ރައީސް މުހައްމަދު] ނިޒާރު ޕީސީބީގައި ހުންނަވައިގެން ގާނޫނީ ގޮތުން ލިބޭ ބާރެކޭ ކިޔާފައި ދިވެހި 14،733 މީހުން މަގުމައްޗަށް އެއްލާލާފައި، 5000 ދިވެހި ރައްޔިތުން ބިކަކުރާއިރުގައި އެއީކީ ނިޒާރަކަށް އޮތް ބާރެއް ނޫން. ނިޒާރަށް މަޖުބޫރުވެގެން މީހަކު ކުރާ ކަމަށް ވަންޏާ އިސްތިއުފާދީފައި ގެއަށް ވަޑައިގަންނަވަންޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން %33 މުވައްޒަފުން ކަނޑާލަން ޕީސީބީން އެންގީ އެއްވެސް ކަހަލަ އިވެލުއޭޝަނެއް ހަދައި ކުންފުނިތަކުގެ ހާލަތު އެއްވެސް ވަރަކަށް ވަޒަންކޮށްފައިތޯ ވެސް ފައްޔާޒު ސުވާލު އުފެއްދިވި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ކުރެއްވި ހަސަން ލަތީފު ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އަދަދު މަދުކުރުމަށް މުވައްޒަފުން ކަނޑަނީ އެއްވެސް ހަމައެއް އުސޫލެއް ވެސް ނެތި ކަމަށާއި ޕްރޮބޭޝަންގައި ތިބި މުވައްޒަފުން ބައިތިއްބާފައި، ވަޒީފާގައި 15 އެތައް އަހަރެއްވީ މުވައްޒަފުން ކަނޑާލުމަކީ އިންސާފެއް ނޫން ކަމަށެވެ. އެކަންކުރަންޖެހޭނީ ދުރާލައި ގޮތްތަކެއް ރާވައި މުވައްޒަފުންނަށް ދެރައެއް ނުލިބޭނެ ގޮތަކަށް އޭނާ ވިދާޅުވި އެވެ. 

ސަރުކާރު ހިއްސާވާ ކުންފުނިތަކުން %33 މަދުކުރާ ނަމަ، ބައެއް ކުންފުނިތަކުން ކަނޑާލާނެ އަންދާޒާކުރެވޭ މިންވަރުގެ ހިސާބުތަކެއް ވެސް ހަސަން ހިއްސާކުރެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • އެސްޓީއޯގައި ތިބީ 4،100 މުވައްޒަފުން؛ 1،350 މުވަައްޒަފުން ކަނޑާލާނެ

  • ފެނަކައިގައި ތިބީ 7،900 މުވައްޒަފުން؛ 2،607 މުވަައްޒަފުން ކަނޑާލާނެ

  • އެމްއޭސީއެލްގައި ތިބީ 4290 މުވައްޒަފުން؛ 1،416 މުވައްޒަފުން ކަނޑާލާނެ

  • އެގްރޯގައި ތިބީ 210 މުވައްޒަފުން؛ 69 މުވައްޒަފުން ކަނޑާލާނެ

  • އާރްޑީސީގައި ތިބީ 3900 މުވައްޒަފުން؛ 1،287 މުވައްޒަފުން ކަނޑާލާނެ

  • އެފްޑީސީގައި ތިބީ 580 މުވައްޒަފުން؛ 191 ކަނޑާލާނެ

  • ހައްޖު ކޯޕަރޭޝަންގައި ތިބީ 46 މުވައްޒަފުން؛ 15 މުވައްޒަފުން ކަނޑާލާނެ

  • ޕޯސްޓް ލިމިޓެޑްގައި ތިބީ 310؛ 102 މުވައްޒަފުން ކަނޑާލާނެ

  • ވެމްކޯގައި ތިބީ 3600 މުވައްޒަފުން؛ 1،180 މުވައްޒަފުން ކަނޑާލާނެ

ހަސަން ވިދާޅުވީ، އެ މުވައްޒަފުން ކަނޑާލަން ނިންމީ ކޮންގޮތަކަށް ބަލާފަތޯ އާއި އެތަނެއްގެ މަަސައްކަތްތަކަށް ހަގީގަތުގައި ބޭނުންވާ މުވައްޒަފުންގެ އަދަދު ވެސް ޕީސީބީން ބުނެދޭންޖެހޭ ކަމަށެވެ. މީގެ އިތުރުން، ކޮންމެހެން ކަނޑާލަންޖެހޭ ނަމަ، އެ މީހަކަށް ގޮތެއް ހަމަޖައްސައިދިނުމާއި އެފަދަ މުވައްޒަފުންނަށް ޕްރޮގްރާމެއް ހިންގުމާއި އެ މީހުންނަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލައި އެ ދާއިރާއަކުން ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ކަންކަން ކޮށްދެވޭނެ ފަދަ ގޮތަކަށް އެކަން ކުރަން ސަރުކާރަށް ގޮވާލި އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް