29 މެއި 2024: ޖުވެނައިލް ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ރަނގަޅަށް ތަންފީޒުނުކުރާ ސަބަބު ހޯދަން މަޖިލީހަށް

ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި 9 ކަންބޮޑުވުމެއް ފާހަގަކޮށް ޖަވާބު ހޯދަން ހެލްތު އަދި ވެލްފެއާ މިނިސްޓްރީ މަޖިލީހަށް ހާޒިރުކޮށްދޭން އެދިފައިވޭ
15 ގަޑިއިރު ކުރިން

ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު އެންމެ ފުރިހަމައަށް ތަންފީޒުކުރެވެމުންނުދާ ސަބަބު ހޯދަން ހެލްތު މިނިސްޓްރީ އާއި ވެލްފެއާ މިނިސްޓްރީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - އެކަމަށް އެދި ހުށަހެޅުއްވީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މިއަދު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ، ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނަކީ، ކުޑަކުދިން ކުރާ ކުށްތަކަށް ޖަވާބުދާރީވުމުގައި އެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށް، އިސްލާހުކުރުމަށް ބާރުއަޅާ ޒަމާނީ ގާނޫނެއް ކަމަށެވެ. 

ނަމަވެސް އެ ގާނޫނު ތަންފީޒުކުރުމުގައި ބައެއް ކަންކަން ގާނޫނުގައިވާ ގޮތަށް ފުރިހަމައަށް ކުރިއަށް ނުދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

ތަފްސީލް - ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އެކަން ރަނގަޅަށް ނުކުރެވޭ ސަބަބު ހޯދަން، މި ސިޓީގައި ނުވަ ކަމެއް ފާހަގަކޮށް ޖަވާބު ހޯދަން އެދިފައިވެ އެވެ.

އެގޮތުން ކަމާބެހޭ މިނިސްޓްރީތައް ހާޒިރުކޮށް ޖަވާބު ހޯދަން އެދިފައިވާ ކަންކަމަކީ:

  • ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި ރިހެބިލިޓޭޝަން ސެންޓަރުތައް ގާނޫނުގައިވާ މިންގަނޑަށް އަދިވެސް ގާއިމުވެފައި ނެތުން؛ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ނިމޭނީ ކޮން އިރަކުންތޯ

  • ކުށްކުރާ ކުދިން މުޖުތަމައުއަށް އަހުލުވެރިކުރުވުމަށް ހިންގަންޖެހޭ ޑައިވާޝަން ޕްރޮގްރާމްތައް ހިންގަމުން ނުދިއުން؛ އެ މަސައްކަތުގެ އަދާހަމައަކީ ކޮބައިތޯ

  • ކުޑަކުދިންގެ މައްސަލަތަކަށް ހާއްސަ މުވައްޒަފުން ނެތުން؛ އެކަމަށް ހައްލު ހޯދަން ކުރަމުންދަނީ ކޮން ކަމެއްތޯ

  • ކުޑަކުދިންނަށް ބޭނުންވާ އިސްލާހީ ފަރުވާ ދޭނެ މަރުކަޒުތައް ނެތުމުގެ ސަބަބުން ކުޑަކުދިން ގިނަ ދުވަހު ބަންދުގައި ތިބޭތިބުމަށް ހައްލު ހޯދަން ކުރަނީ ކޮން ކަމެއްތޯ

  • ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް ކަނޑައެޅުމުން އެއަށް ވުރެ ހަގު ކުދިން ކުރާ ކުށްތަކަށް އިސްލާހީ ފިޔަވަޅު އަޅަން އުނދަގޫތަކެއް ހުރުން؛ އެކަމަށް ހައްލު ހޯދަން ކުރަމުންދަނީ ކޮން ކަމެއްތޯ

  • ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ މުވައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ކުޑަވުމުން މައުލޫމާތު ބަދަލުކުރުމާއި މަސައްކަތް ވިލަރެސް ކުރަން ލަސްވުން؛ ހައްލު ހޯދަން ކުރަމުންދަނީ ކޮން ކަމެއްތޯ

  • ކުޑަކުދިންގެ ނާޖާއިޒް ފައިދާ ނަގާ ފަރާތްތަކާމެދު އެޅޭ ފިޔަވަޅުތައް މަދުވުން؛ ފިޔަވަޅުތައް އިތުރުކުރެވިފައިވޭތޯ

  • ކުޑަކުދިންގެ އަދަލުގެ ގާނޫނު ތަންފީޒުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ޖަސްޓިސް (ޑީޖޭޖޭ)އަށް އެކަށީގެންވާ ބަޖެޓާއި މުވައްޒަފުން އަދި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދޭތޯ

  • ކުޑަކުދިންގެ އަދަލުގެ ގާނޫނު ތަންފީޒުކުރުމަށް ކުރާ މަސައްކަަތްތައް މޮނިޓާ ކުރުމަށް ޗިލްޑްރެން އެމްބަޑްސްޕާސަންގެ އޮފީހާއި އެޗްއާރްސީއެމްއިން ކުރަމުންދަނީ ކޮން ކަމެއްތޯ

  • ކުޑަކުދިންގެ ގާނޫނު ތަންފީޒުކުރުމުގައި އެހެން ގާނޫނެއްގެ ސަބަބުން އެއްވެސް ގޮންޖެހުމެއް ކުރިމަތިވޭތޯ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް