ސްޕޯޓްސް އެރީނާއެއް ހަދަން އެފްއޭއެމަށް ދިން ބިމުގައި ހުރި ގުދަނެއް: މި ސަރަހައްދުން ފިއުޗާ ހޯމްސްއަށް ބިމެއް ދިނީ އެފްއޭއެމަށް ކޮށްދިން މަސައްކަތުގެ އަގަކަށް ކަމަށް އެ ކުންފުނިން ބުނޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އެފްއޭއެމާއި ފަޒީލްގެ ކުންފުނި މަޝްވަރާކޮށްގެން ހައްލެއް ހޯދަން ކޯޓުން ހަފުތާއެއްގެ މުއްދަތު ދީފި
ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު އިބްރާހީމް ފަޒީލް (އޮއްޕޮ)ގެ ފިއުޗާ ހޯމްސް ކުންފުންޏަށް މާފަންނު ސްޓޭޑިއަމް ސަރަހައްދުން ދޫކޮށްފައިވާ ބިމުގައި އަޅާފައިވާ އިމާރާތް ހުސްކުރަން އެންގި މައްސަލާގައި، އެފްއޭއެމްއާ އެކު މަޝްވަރާކޮށްގެން ހައްލެއް ހޯދަން އެއް ހަފުތާގެ މުއްދަތު ސިވިލް ކޯޓުން މިއަދު ދީފި އެވެ.
މައްސަލައިގެ ފެށުން - ފަޒީލްގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހިންގާ ފިއުޗާ ހޯމްސްއާ އެކު އެފްއޭއެމްގެ ކުރީގެ ލީޑަޝިޕުން 2023ގައި ހެދި އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް 2،700 އަކަފޫޓުގެ ބިމެއް ދޫކުރީ 25 އަހަރުގެ މުއްދަތަަކަށެވެ.
އެފްއޭއެމަށް ފުޓުބޯޅަ އެރީނާއެެއް ހަދަން ދޫކުރި އެ ބިމުގައި މިހާރު ދެ ބުރި އިމާރާތެއް ވަނީ އަޅައިފަ އެވެ. އެ ތަން ހުސްކުރަން އެފްއޭއެމުން ތަކުރާރުކޮށް އެދުމުން ވެސް އެ ތަން ހުސްނުކުރާތީ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އޮތީ ދީފަ އެވެ.
ވީ ކިިހިނެއް؟ - އެފްއޭއެމްެގެ މިހާރުގެ މެނޭޖްމަންޓުން ނިންމި ނިންމުމަކީ ފަޒީލްގެ ކުންފުންޏާ އެކު އެ އެސޯސިއޭޝަނުން ހެދި އެއްބަސްވުމާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ފިއުޗާ ހޯމްސްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.
އެފްއޭއެމްގެ ގައިރު ހާޒިރުގައި ވަގުތީ އަމުރެއް ނެރުމަށް ފިއުޗާ ހޯމްސްގެ ފަރާތުން އެދިފައި ވަނީ:
-
ސިވިލް ކޯޓުން ގޮތެއް ނިމެންދެން، އެފްއޭއެމްގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް
-
އިމާރާތް ހުސްކުރުމަށް އެއްވެސް ފިޔަވަޅެއް އެޅުން ހުއްޓުވަން
ތަފްސީލް - މިއަދު ސިވިލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ފިއުޗާ ހޯމްސްއަށް އެ ފަރާތުން އެފްއޭއެމަށް ކުރާ ދައުވާ ހުށަހެޅުމާއި އެފްއޭއެމްގެ ރައްދު ހުށަހެޅުމުގެ އިތުރަށް ދެ ފަރާތަށް ވަގުތީ އަމުރާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނެވެ.
މައްސަލަ ބައްލަވާ، ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދު ދެން ނިންމެވީ ކޯޓުން ބޭރުގައި މަޝްވަރާކޮށްގެން ދެ ފަރާތުން މި މައްސަލާގައި އެއްބަސްވެވޭ ހައްލެއް ހޯދަން ފުރުސަތު ދިނުމަށެވެ. އެ ގޮތުން:
-
މަޝްވަރާކޮށްގެން ސުލްހަވުމަށް ދިނީ އެއް ހަފުތާގެ ފުރުސަތު
-
ވަގުތީ އަމުރާ މެދު ގާޒީ ގޮތެއް ނިންމަވާނީ އެ މުއްދަތުގެ ތެރޭގައި ދެ ފަރާތުން މަޝްވަރާކޮށްގެން ގޮތެއް ނުހޯދިއްޖެ ނަމަ
އެނގުން މުހިންމު - ފިއުޗާ ހޯމްސްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސާލަގައި ބުނެފައިވަނީ އެ ތަނުގައި އިމާރާތެއް އެޅީ އެފްއޭއެމާ އެކު ހެދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކަމަށެވެ. ހުށަހެޅި މައްސާލަގައި ބުނެފައިވާ ގޮތުގައި:
-
އެއީ ޓާފް ދަނޑުގެ ދެކުނުގައިވާ ކުނިތައް ނެގުމާއި، ސާފުކުރުމާއި ޗޭންޖިން ރޫމެއްގެ ބޭނުމުގައި ހެދި އިމާރާތެއް
-
ކުއްޔަކާ ނުލާ ބިން ދޫކޮށްފައިވަނީ އެ މަސައްކަތުގެ ބަދަލެއްގެ ގޮތުގައި
-
އިމާރާތުގެ މަސައްކަތް ނިމެންދެން ތިރީ ފަންގިފިލާގައި ބަހައްޓާފައިވަނީ ކޮންސްޓްރަކްޝަނަށް ބޭނުންވާ އެކި މުދާ؛ އެ ތަނުގައި ހުރި މުދަލުގެ އަގު 3 މިލިއަން ރުފިޔާއަށް އަރާނެ
-
ފުރަތަމަ ފަންގިފިލާގައި އިވެންޓް ހޯލެއް ހެދުމަށް ނިންމާފައިވަނީ ވެސް ކުންފުންޏަށް މަންފާ ލިބޭނެ ގޮތަކަށް އަޅަން ވެގެން؛ ނަމަވެސް ތަން ހުސްކުރަން އެންގީ އެއިން މަންފާއެއް ވެސް ނުނެގެނީސް
-
އެ ބިމުގައި ހުރި ގާކުނޑި އާއި އިމާރާތްކުރަން ބޭނުންވާ ސާމާނުގެ ތެރެއިން ކުންޏަށް ވެފައި ހުރި ބަރު ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް ވެސް ކޮށްދިން؛ އެއީ ވެސް ބިން ދިނުމުގެ ބަދަލެއްގެ ގޮތުގައި
ކޮމެންޓް