އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް. (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

އެޗްޑީސީ

އެޗުޑީސީން މުވައްޒަފުން ވަކިކުރަނީ ނޯޓިސް ވެސް ނުދީ، ގާނޫނާ ހިލާފަށް: ފައްޔާޒު

ފައްޔާޒު ވިދާޅުވި ގޮތުގައި، އެތައް އަހަރަކު ހިދުމަތްކޮށްފައި ތިބި ގާބިލު މުވައްޒަފުން ވަކިކޮށް، ސިޔާސީ އެކްޓިވިސްޓުންނަށް މަގާމުތައް ދަނީ ދެމުން
57 މިނިޓު ކުރިން

ކުންފުނި 'ރައިޓް ސައިޒް' ކުރުމުގެ ނަމުގައި އެޗުޑީސީން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދަނީ ނޯޓިސް ވެސް ނުދީ، ގާނޫނާ ހިލާފަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށާއި ތައުލީމާއި ހުނަރާއި ގާބިލުކަމަށް ބަލައިގެން ވަޒީފާތަކަށް މީހުން ނެގުމަށް ފިނޭންސް މިނިސްޓްރީން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް މިދިޔަ އޭޕްރީލްގައި ވަނީ އަންގާފަ އެވެ.

އޭގެ ފަހުން އެކި ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާއިރު، އިދިކޮޅު އެމްޑީޕީއިން ބުނާ ގޮތުގައި ހަރަދު ކުޑަކުރުމުގެ ނަމުގައި ވަކިކުރަނީ ސިޔާސީ ގޮތުން ސަރުކާރާ ދެކޮޅު މީހުންނެވެ.

އެޗްޑީސީގެ މައި އޮފީސް އިމާރާތް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބުނީ ކީކޭ؟ - ފައްޔާޒު ރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގާމު އުވާލުމަށް ފަހު އެޗުޑީސީގެ ވަޒީފާއިން އެތައް މުވައްޒަފުން ކަނޑަމުންދަނީ ވަޒީފާއާ ބެހޭ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

"24 ގަޑިއިރުގެ ނޯޓިސް ވެސް ނުދީ އެމްޑީޕީއަށް ތާއީދުކުރާ އެތައް ސަތޭކަ މުވައްޒަފުންނަށް ވަނީ ވަޒީފާއިން ވަކިވުމަށް މަޖުބޫރުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ތަފްސީލު - ފައްޔާޒު ވިދާޅުވި ގޮތުގައި، ވަޒީފާތަކުން މީހުން ވަކިކުރުމުގައި ބަލަނީ ޕީއެންސީގެ މަޖިލިސް މެމްބަރުން ތައްޔާރުކުރި ލިސްޓަކަށް ކަމަށެވެ.

"އެތައް އަހަރަކު ހިދުމަތްކޮށްފައި ތިބި ގާބިލު މުވައްޒަފުން ވަކިކޮށް، ސިޔާސީ އެކްޓިވިސްޓުންނަށް މަގާމުތައް ދަނީ ދެމުން،" އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ޓާގެޓުކޮށް އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވާލުމަކީ ދެވޭ ބޮޑު އަނިޔާއެއް."

ފައްޔާޒު ވިދާޅުވި ގޮތުގައި، ސަރުކާރު ކުންފުނިތައް 'ރައިޓް ސައިޒް' ކުރުމުގެ ނަމުގައި ސަރުކާރުން ކުރަމުންދާ ހަމައެކަނި ކަމަކީ ރައީސް މުހައްމަދު މުއިއްޒުއަށް ތާއީދުނުކުރާ މީހުން ވަކިކުރުމެވެ.

މިކަމުގައި ބައިވެރިވާ މީހުންނާ ގާނޫނު އަރާ ހަމާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުން ވަކިކުރަމުންދާ މައްސަލައިގައި 'ދައުރު'ން މިއަދު ސުވާލުކުރުމުން އެޗުޑީސީން އެއްވެސް ޖަވާބެއް ނުދެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި، އެ ކުންފުނިން މުވައްޒަފުން ކަނޑަމުން އަންނަތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަނީ ވެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް