މާލޭގައި ބަހައްޓާފައިވާ ސްކްރީނެއްގައި ވޯލްޑްކަޕް މެޗެއް ބަޔަކު ބަލަނީ. (ދައުރު ފޮޓޯ / އަބްދުﷲ ރިޒާ)

ވޯލްޑް ކަޕް 2026

އާޖެންޓީނާ-އިންގްލޭންޑް މިރޭ ކުޅޭ މެޗު ބަލަން ނުކުމެ އުޅޭއިރު އަޑުގަދަކޮށް މަގުމަތި ހަލަބޮލިނުކުރަން ފުލުހުން އެދިއްޖެ

ދަންވަރުގެ ވަގުތުތަކަކީ ގިނަ ބަޔަކު ނިދާ ވަގުތު ކަމަށް ވާތީ އާންމުންނަށް އުނދަގޫވާނެ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައާއި މަގުމަތީގައި އަޑުގަދަކޮށް ނުހެދުމަށް ފުލުހުން އިލްތިމާސްކޮށްފައިވޭ
58 މިނިޓު ކުރިން

ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާ އާއި އިންގްލޭންޑް މިރޭ ކުޅޭ މެޗު ބަލަން ނުކުމެ އުޅޭއިރު އަޑުގަދަކޮށް މަގުމަތި ހަލަބޮލިނުކުރަން ފުލުހުން އެދިއްޖެ އެވެ.

ވީކިިހިނެއް؟ - ގިނަ އަދަދެއްގެ ބިދޭސީންނާއި ދިވެހިން ވެސް ހިމެނޭ ގޮތަށް އާޖެންޓީނާ މެޗު ކުޅޭ ރޭތަކުގައި، އެ ޓީމުގެ ސަޕޯޓަރުން މާލޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައި ހުންނަ ބޮޑު ސްކްރީންތައް ކައިރި ފުރާލާ ތިބެ އެވެ. އަދި އާޖެންޓީނާ މޮޅުވެއްޖެ ނަމަ މަގުމަތީގައި ތިބެގެން ސައިކަލު ބަރުގޮނު އެޅުމާއި އަޑުގަދަކޮށް ލަވަޖެހުން ފަދަ ކަންކަން ވެސް ކުރެ އެވެ.

ތަފްސީލް - މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ފަށާ މެޗާ ދިމާކޮށް ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުން އަންނައިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށްވުމާ އެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި ބާރަށް ލަވަޖެހުމާއި އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެން މީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދެމެވެ،" ފުލުހުން ކުރި ޕޯސްޓްގައިވެ އެވެ.

އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި މެޗު ނިމުމަށް ފަހު ބައިބަޔަށް އެއްވުމާއި ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެން މީހުންނަށް ދަތިތަކާ ކުރިމަތިވެދާނެ ކަންކަން ނުކުރުމަށާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަންދިނުމަށް ފުލުހުން ގޮވާލާފައިވެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މި ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑާ ބައްދަލުކުރާ މެޗު ކުޅޭނީ އެޓްލާންޓާ ސްޓޭޑިއަމްގަ އެވެ. އެ މެޗުން މޮޅުވާ ޓީމެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރާނީ އެންމެ ފަހުން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ސްޕެއިނާ ދެކޮޅަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް