ކުޅުދުއްފުށީގައި ފެނަކައިން ހަދަމުން އަންނަ އެ ކުންފުނީގެ އިމާރާތެއް (ފޮޓޯ/ކުޅުދުއްފުށި އޮންލައިން)
ކުޅުދުއްފުށި ކައުންސިލަށް ފެނަކައިގެ މައްޗަށް ދައުވާނުކުރެވޭނެ ކަމަށް ހުކުމްކޮށްފި
ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލާ އެކު ފެނަކައިން އެއްބަސްވުމެއް ނުހެދުމުން، ސިޓީ ކައުންސިލްގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ ކުރި ދައުވާއަކީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - ކުޅުދުއްފުށި ސިޓީ ކައުންސިލުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ޖޫން މަހުގަ އެވެ. އެގޮތުން، އެ ކައުންސިލުން ފެނަކައިގެ މައްޗަށް ދައުވާކުރީ:
-
ލާމަރުކަޒީ ގާނޫނުގައި ރަށެއްގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައި ވާތީ
-
އެ ހިދުމަތް ތިންވަނަ ފަރާތަކުން ފޯރުކޮށްދޭ ނަމަ، އެ ފަރާތާއި ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވާތީ
ނަމަވެސް ފެނަކައިން އެއްބަސްވުން ހެދުމަށް ދެކޮޅު ހަދަމުން ދިޔައީ، އެ ކުންފުންޏަކީ ރައީސްގެ ގަރާރަކުން ރަށްތަކެއްގައި ފެނާއި ނަރުދަމާއާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏަކަށް ވާތީ، ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ތިންވަނަ ފަރާތުގެ ގޮތުގައި ފެނަކަ ކުންފުނި ނުހިމެނޭނެ ކަމަށް ބުނެ އެވެ.
ތަފްސީލް - ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ފެނަކައިން ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދެމުން ގެންދަނީ އެ ކުންފުނީގެ އަމިއްލަ އިހުތިޔާރުގައި ނޫން ކަމަށާއި ސަރުކާރުން އެ ކުންފުންޏަށް އެ ޒިންމާ ހަވާލުކުރެވުމުން ކަމަށެވެ. އެގޮތުން:
-
ފެނަކައިން ކުޅުދުއްފުށީގައި ދެމުންދާ ކަރަންޓުގެ ހިދުމަތަކީ އެ ކުންފުނި މެދުވެރިކޮށް ސަރުކާރުން ދެމުންދާ ހިދުމަތެއް
-
ކުޅުދުއްފުށި ސިޓީ ކައުންސިލުން އެ ދައުވާ އުފުލީ ދިވެހި ދައުލަތް ނުވަތަ ދިވެހި ދައުލަތް ތަމްސީލްކުރައްވާ ބަންޑާރަ ނައިބުގެ އޮފީހުގެ މައްޗަކަށް ނޫން
-
ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެދިފައިވާ މި ގާނޫނީ ބަހުސްކުރަން ބޭނުންވާ ނަމަ، އެ ކަން ކުރަން ޖެހޭނީ ދިވެހި ދައުލަތާ
-
މި މައްސަލާގައި ބަންޑާރަ ނައިބުގެ އޮފީހުގެ ބަހެއް ހޯދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލް ރުހިފައެއް ނުވޭ
ސިވިލް ކޯޓުގެ ގާޒީ ސިނާން އަލީ ހުކުމްކުރެއްވީ ފެނަކައާ އެކު ކޮށްގެން ގޮތް ކަނޑައެޅިދާނެ ގާނޫނީ ބަހުސަކަށް ނުވާތީ ކުޅުދުއްފުށި ސިޓީ ކައުންސިލުން ފެނަކަ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށެވެ.
ކޮމެންޓް