މާލިއްޔަތު ކޮމިޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި މެމްބަރު އަހްމަދު ޝަމްހީދު (ކ) އާއި އަބްދުލްގަފޫރު މޫސާ.

އެސްއޯއީތަކުން މިހާރު ކުރާ ވައްކަމާ ގުޅޭ ލިޔެކިޔުންތައް މާލިއްޔަތު ކޮމިޓީން ގެއްލިއްޖެ

މެމްބަރު ޝަމްހީދު ވިދާޅުވީ މާލިއްޔަތު ކޮމިޓީން އަބަދުވެސް ބަލަން އުޅެނީ މީގެ އަހަރުތަކެއް ކުރިން ހިންގާފައި ހުރި ހިޔާނާތުގެ މައްސަލަތައް އެކަނި ކަމަށް. ނަމަވެސް އެކަން ހުއްޓުވޭނީ މިހާރު ހިންގަމުންދާ ހިޔާނާތްތައް ވެސް ހުއްޓުވައިގެން ކަމަށް އޭނާ ވިދާޅުވި
1 ގަޑިއިރު ކުރިން

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިހާރު ހިންގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް މާލިއްޔަތު ކޮމިޓީން ބަލަން ފެށި ކަމަށާއި ނަމަވެސް ވަކި ހިސާބަކުން އެ މައްސަލަތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ކޮމިޓީން ވީނުވީއެއް ނޭނގި ގެއްލުނީ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ދިރާސާކުރީ ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި ހިންގާ ބްރާންޗުތަކާއި މަޝްރޫއުތަކާ ގުޅޭގޮތުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓެވެ.

ބުނީ ކީކޭ؟ - އެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެން ބައެއް ކަންކަން އިތުރަށް ބެލުމަށް މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެކަމާ ގުޅިގެން މެމްބަރު ޝަމްހީދު ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ، އިއުލާން ނުކޮށް ވެހިކަލް ހޯދުމާއި ލިޔެކިޔުންތައް ފޯޖުކޮށްގެން ޕެޓީ ކޭޝްއިން ފައިސާ ނެގުން ފަދަ ކަންތައްތައް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ.

ނަމަވެސް އޭނާގެ ކަންބޮޑުވުމަކަށް ވީ މިހާރު ހިނގަމުންދާ ކަންކަން ނުބަލައި، އަބަދުވެސް 5 އަހަރު ނުވަތަ 10 އަހަރު ކުރިން ވެފައި ހުންނަ ކަންތައްތައް ބަލަން އުޅޭތީ އެވެ.

"މިއަދު ވެސް ކުރާ މީހުން އެބަ ކުރޭ. މި ކޮމިޓީގެ ޒިންމާއަކީ ހަމައެކަނި ކުރިން ހިނގާފައި ހުރި ކަންތައްތައް [ބެލުމެއް ނޫން]. މިއަދު ހިނގާ ކަންތައްތައް ހުއްޓުވައިގެން ނޫނީ ރައްޔިތަކަށް މީގެން ލިބޭ މަންފާއެއް ނެތް،" ޝަމްހީދު ވިދާޅުވި އެވެ.

"ރާއްޖޭގައި މިއިން ޒަމާނަކު ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުންގެ %1 ވެސް ކޮންވިކްޓް ނުކުރެވޭ، ފައިސާއެއް ދައުލަތަށް ނުލިބޭ. މީގައި ހެޔޮ ނިޔަތެއް އޮތިއްޔާ، އަޅުގަނޑު އަބަދުވެސް މި އެދެނީ، ހިނގާށޭ މިއަދު ވެސް މިކުރާ ކަންތައްތައް ހުއްޓުވަން."

ތަފްސީލު - ސަރުކާރު ކުންފުނިތަކުން ކުރާ އިސްރާފާއި ވައްކަންތަކާއި ހިޔާނާތުގެ ކަންތައްތައް ހުއްޓުވަން ބޭނުން ނަމަ، ޝަމްހީދު ވިދާޅުވީ މިހާރު ހިންގަމުންދާ އެފަދަ އަމަލުތައް ބަލަން ޖެހޭ ކަމަށެވެ.

"މި ކޮމިޓީން ފެށި އެ މަސައްކަތް. އެކަމަކު ކޮމިޓީން، ވަކި ހިސާބަކުން އެ ހުރިހާ ޑޮކިއުމަންޓްތައް ވެސް ގެއްލިއްޖެ،" ޝަމްހީދު ވިދާޅުވި އެވެ.

"އެކަން ނުކޮށް (މިހާރު ހިންގާ ވައްކަން ނުބަލައި) ހަމައެކަނި މިކަން (ކުރީގެ މައްސަލަތައް) ބަލަންޏާ ދުވަހަކު ވެސް މިކަމެއް ނުހުއްޓުވޭނެ."

ޝަމްހީދުގެ އެ ޝަކުވާއާ ގުޅިގެން ކޮމިޓީގެ ވަގުތީ މުގައްރިރު، އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ "ދެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ތި ހުރިހާ މައްސަލަތަކެއް ބަލާފައި އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅާފައި ކަމާބެހޭ ފަރާތްތަކަށް [ހުށަހަޅާނީ]" ކަމަށެވެ.

އެނގުން މުހިންމު - އައްޑޫ ފެނަކަ ބްރާންޗްތަކާއި މަޝްރޫއުތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް މައްސަލަތައް މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭތީ، އެކަމާ ގުޅޭގޮތުން ވަކި ތަހުގީގެއް ކުރަން ފުލުހުންނަށް ހުށަހަޅަން މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ނިންމާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް