ތައިލެންޑުގެ ވެރިރަށް ބެންކޮކް. (ފޮޓޯ/ރޮއިޓާސް)
ދިވެހިންނަށް ތައިލެންޑުގައި ވިސާއާ ނުލާ ތިބެވޭ މުއްދަތު 30 ދުވަހަށް އިތުރުކުރަނީ
ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކުގެ ފަތުރުވެރިންނަށް ތައިލެންޑުގައި ވިސާއާ ނުލާ ތިބެވޭ މުއްދަތު 30 ދުވަހަށް އިތުރުކުރަން އެ ގައުމުގެ ކެބިނެޓުން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ތައިލެންޑު ކެބިނެޓުން އިއްޔެ ނިންމީ 93 ގައުމުގެ ފަތުރުވެރިންނަށް ވިސާއާ ނުލާ ތިބެވޭ ގޮތަށް ދޭ 60 ދުވަހުގެ މުއްދަތު އުވާލުމަށެވެ.
އެގޮތަށް ނިންމީ ވިސާއާ ނުލާ ދޭ މުއްދަތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި، ގާނޫނާ ހިލާފު ކަންކަން ކޮށް، އެގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭ ކަމަށް ތައިލެންޑުގެ ކެބިނެޓު މިނިސްޓަރު އެއްބަސްވެވަޑައިގަތުމަށްފަހު އެވެ.
ތަފްސީލު - ވިސާއާ ނުލައި 60 ދުވަހަށް ތިބެވޭ މުއްދަތު އުވައިލި ނަމަވެސް، ކެބިނެޓުން ނިންމީ 59 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި ތިބެން 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.
މި ބަދަލާ އެކު ރާއްޖޭގެ އިތުރުން ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، އިންޑިއާ އަދި މަލްޓާގެ ފަތުރުވެރިންނަށް ވެސް ވިސާއާ ނުލައި ތިބެވޭ މުއްދަތު ކުރިއަށްވުރެ އިތުރުވާނެ އެވެ.
މި ބަދަލަށް އަމަލުކުރަން ފަށާނީ ތައިލެންޑުގެ ރޯޔަލް ގެޒެޓުގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ.
އެނގުން މުހިންމު - ތައިލެންޑުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ރާއްޖެ ހިމެނޭހެން 93 ގައުމަށް 60 ދުވަހުގެ ވިސާ-ފްރީ އުސޫލު ތައާރަފްކުރީ ޖުލައި 2024ގަ އެވެ.
ކޮމެންޓް