ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތް ހަދައި އަލުން ބިލު ފާސްކޮށްފި

ބިލަށް އަލަށް ގެނައި އިސްލާހުގައި، ގުނަވަން ޓްރާންސްޕްލާންޓް ގާނޫނުގެ ދަށުން ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްފި މީހަކަށް ގިސާސް ހިފޭގޮތަށް އޮތް އޮތުން އުނިކޮށް އަދަބާއި ޖޫރިމަނާވެސް ލުއިކޮށްފައިވޭ
1 ގަޑިއިރު ކުރިން

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ޖަލު ބަންދުގައި ތިބޭ ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭގޮތް ހަދައި، އަދަބު ލުއިކޮށް އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ބިލު އަލުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މި ފުރަތަމަ ފާސްކުރީ މިދިޔަ މޭ މަހުގަ އެވެ. އެކަމަކު، އަލުން ވިސްނާވަޑައިގަތުމަށް އެދި، ބިލު ތަސްދީގުނުކުރައްވައި ރައީސް މުހައްމަދު މުއިއްޒު މި ބިލު އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ އެވެ. އެ ބިލު ރައީސް މުއިއްޒު ތަސްދީގުނުކުރެއްވީ ގުނަވަން ހަދިޔާކުރެވޭ މީހުންގެ ތެރޭގައި ގައިދީން ވެސް ހިމަނާފައިވާތީ އެވެ.

ތަފްސީލް - އަލުން ވިސްނާވަޑައިގަތުމަށް އެދި ބިލު އަނބުރާ މަޖިލީހަށް ފޮނުވާލެއްވިއިރު ރައީސް ފާހަގަކުރައްވާފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ، ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަން ގައިދުވެ، ހާއްސަ ހާލަތެއްގައި ތިބޭ ބައެއް ކަމަށްވާއިރު، އެ މީހުންނަކީ ފުރިހަމަ ރުހުމާ އެކު އަދި މަޖުބޫރުކަމެއްނެތި ގުނަވަން ހަދިޔާކުރުން ފަދަ ކަންކަމަށް ރުހުން ދެވިދާނެ ބައެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ގައިދީންނަށް އެ ފުރުސަތު ނުދެވޭނެކަމަށް ބިލުގައި ހިމެނީ، މި ބިލު އަލުން ދިރާސާކުރުމަށް ފަހު، މި މަހުގެ 1 ވަނަ ދުވަހު ބޭއްވި އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގެ އިއްތިފާގުންނެވެ. މި އިސްލާހާ އެކު ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މިއަދު ވަނީ 58 މެންބަރުންގެ ވޯޓާ އެކު އެ ބިލު ފާސްކޮށްފަ އެވެ.

މިހާރު ބިލުގައި އޮތް ގޮތުން ގުނަވަން ހަދިޔާކުރާ މީހާއަކީ:

  • ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހެއް ކަމުގައި ވެގެން ނުވާނެ

  • ކުށެއްގެ ތުހުމަތުގައި ނުވަތަ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެން ނުވާނެ

މީގެ އިތުރުން ބިލަށް އަލަށް ގެނައި އިސްލާހުގައި، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ގާނޫނުގެ ދަށުން ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްފި މީހަކަށް ދެވޭނެ އަދަބަށް ލުއި ދީފައިވެ އެވެ. އެގޮތުން:

  • އާ އިސްލާހުގައިވާ ގޮތުން - އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ، 150،000ރ. އާއި 250،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު 12 މަހާއި 18 މަސްދުވަހުގެ މުއްދަކަށް ޖަލަށް ލުން

  • ކުރިން ފާސްކުުރި ބިލުގައި އޮތީ - އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ، ގިސާސް ހިފުން ނުވަތަ އެ ގުނަވަނަކަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ދިޔައެއް ހޯދައިދިނުން

  • އަދި، 250،000ރ. އާއި 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު 18 މަސްދުވަހާއި 12 މަސްދުވަހުގެ މުއްދަކަށް ޖަލަށް ލުން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް