މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުން (ފޮޓޯ/ މަޖިލިސް)
އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓާ ގުޅިގެން ފުލުހުން ތަހުގީގެއް ހިންގަން އަންގަން މާލިއްޔަތު ކޮމިޓީން ނިންމައިފި
އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓްތަކުން ފެންމަތިވި މައްސަލަތަކާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
ވީކިހިނެއް؟ - މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ އެޖެންޑާގައިވަނީ އައްޑޫ ސިޓީ ކައުންސިލުގެ 2022ވަނަ އަހަރާއި 2023ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު، އަދި 2024ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓު ދިރާސާކުރުމަށް ފަހު ގޮތެއް ނިންމުމެވެ.
ތަފްސީލް - އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫ ސިޓީ ކައުންސިލްގެ އެ އޮޑިޓް ރިޕޯޓްގައިވާ ކަންކަމަށް، މަޖިލީހުން ދެ ކަމެއް ކުރުމަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާނެވެ. އެ ގޮތުން ހުށަހެޅުއްވީ:
-
އޮޑިޓް ރިޕޯޓްތަކުގައިވާ ގިނަ ކަންކަމަކީ ޖިނާއީ ތުހުމަތުކުރެވޭ ކަންކަމަށްވާތީ، ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އެންގުން
-
އޭރު ތިބި ގިނަ ކައުންސިލަރުން އަދިވެސް ކައުންސިލަރުންގެ ގޮތުގައި ތިބުމުން އެ ކަމުގެ އިންކުއަރީއެއް ހިންގުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އެންގުން
އަޒާންގެ ހުށަހެޅުއްވުން، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރި އެވެ.
އެނގުން މުހިންމު - އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓްތަކުން ފާހަގަވި ބައެއް ކަންކަމަކީ:
-
2023 އާއި 2024ގައި ކައުންސިލުން ކުރި ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރ. ހަރަދުކޮށްފައިވަނީ ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީއާއި ކުރިން އޮތް ލޯކަލް ގަވަނަންސް މިނިސްޓްރީގެ އެންގުންތަކާ ހިލާފަށް
-
އައްޑޫގެ އެކި އަވަށްްތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ 52،000 އަކަފޫޓުގެ 10 ބިމަށް އިއުލާން ނުކޮށް، 166340 އަކަފޫޓޫގެ ބިމަކާއި 5،000 އަކަފޫޓުގެ ޕްލޮޓެއް އިތުރުކުރުން
-
162،540 އަކަފޫޓުގެ ބިމެއް އިތުރުކޮށް، އައްޑޫގެ މީދުއާއި ފޭދޫން އަށް ބިމެއްގެ ހެޑް ލީޒް ބަދަލުކޮށްފައިވުން އަދި ހިތަދޫން ދޫކުރި ބިމަކަަށް އިއުލާން ނުކޮށް3،800 އަކަފޫޓުގެ ބިމެއް އިތުރުކޮށްފައިވޭ
-
2024ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ އާމްދަނީ ފައިސާގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ އެމްްއެމްއޭގައި ހުންނަ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައިނުވޭ؛ އެގޮތުން، 492،533 ރުފިޔާ ޕަބްލިކް އެކައުންޓަށް ޖަމާނުކުރޭ
ކޮމެންޓް