ފުލުހުންގެ ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)
މަރުތަކުގެ ތަހުގީގާ ބެހޭ ބައިގެ ވެރިޔަކަށް ސާމިހު އަލުން އައްޔަންކޮށްފި
ފުލުހުންގެ ހޯމިސައިޑް އިންވެސްޓިގޭޝަން ނުވަތަ މަރުތަކުގެ މައްސަލަ ބެލުމަށް އޮންނަ ޔުނިޓުގެ ވެރިޔާގެ މަގާމު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހުއަށް އަލުން ދީފި އެވެ.
ވީ ކިހިނެއް؟ - ސާމިހު އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މެއިގެ ކުރީކޮޅުގަ އެވެ. އެއީ 18 އޭޕްރީލް 2025ގައި އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ އާއިލާއިން ވެސް އެކަމަށް ގޮވާލާފައި ވަނިކޮށެވެ.
ފުލުހުންގެ އިހުމާލު އޮތް ކަމަށް ތުހުމަތުކުރެވޭ އިރު، މި މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހުރީ، ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ވެސް ހެޑް ސާމިހެވެ. އެ ދުވަސްވަރު އެންމެ ފުރަތަމަ ނޫސްވެރިންނާ އެކު ފުލުހުން ބޭއްވި 'ސިއްރު' ބައްދަލުވުމުގައި ވެސް މައުލޫމާތު ދިން އެއް އޮފިސަރަކީ ސާމިހެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ފުލުހުންނާ ދޭތެރޭ އާންމުންގެ ނުރުހުން ބޮޑުވެފައި އޮއްވާ ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު ވެސް އޭރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ބުނީ ކީކޭ؟ - ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ސާމިހު ކުރިން ހުރި ހޯމިސައިޑް އިންވެސްޓިގޭޝަން ހެޑުގެ މަގާމަށް އަލުން އައްޔަންކޮށްފައިވާ ކަމަށެވެ.
އެއީ މިދިޔަ ޖޫންގައި ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މި ބަދަލުތަކާ ގުޅިގެން، އާ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އާ އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރަމުންދޭ،" ފުލުހުން އޭރު މީޑިއާތަކަށް ފޮނުވި މެސެޖުގައި ލިޔެފައިވެ އެވެ.
ކޮމެންޓް