20 ސެޕްޓެމްބަރު 2019ގައި ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ނިއްވަން ސިފައިން މަސައްކަތްކުރަނީ: މިއީ މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ އެއް ހާދިސާ. (ފޮޓޯ/ހުސެއިން ވަހީދު، މިހާރު)

ހުއްދަ ނުނަގާ ނުރައްކާތެރި ކެމިކަލް ބޭނުންކޮށް ވިއްކާތީ، ހުއްދަ ނަގަން 1 މަސް ދީފި

އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ކެމިކަލް ވިއްކަމުންގެންދާ ފަރާތްތަކާ މެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވޭ
1 ގަޑިއިރު ކުރިން

ނުރައްކާތެރި ކެމިކަލް ބާވަތްތައް އެތެރެކޮށް، ގުދަންކޮށް، ވިއްކަމުންދާ ބައެއް ފަރާތްތަކުން އެކަން ކުރަމުން ދަނީ ނަގަން ޖެހޭ ހުއްދަތައް ނުނަގާކަން ފާހަގަކުރެވިގެން، ހުއްދަ ނެގުމަށް ޑިފެންސް މިިނިސްޓްރީން އެއް މަހުގެ މުއްދަތެއް ދީފި އެވެ.

ވީކިހިނެއް؟ - މާލޭގައި ކެމިކަލް ގުދަންކޮށްފައި ހުންނަ ގޮތުން އަލިފާނުގެ ހާދިސާތައް ހިނގައި ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލެމުންދާތީ މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރި އެވެ.

ކެމިކަލްތަކާ ބެހޭ ގަވާއިދުން މާލޭގައި ގުދަންކުރުން މަނާކުރި ނަމަވެސް އަދިވެސް ގަވައިދާ ހިލާފަށް މާލޭގައި ކެމިކަލް ގުދަންކޮށްފައި ހުންނަ ކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން އިވެ އެވެ. އަދި އެފަދަ ތަންތަނުގައި އަލިފާނުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ.

ތަފްސީލް - ޑިފެންސް މިނިސްޓްރީން ބުނީ ނުރައްކާތެރި ކެމިކަލް ގުދަންކޮށް ވިއްކާ ފަރާތްތަކުން، ކެމިކަލް ވިއްކުމުގެ ހުއްދަ ނުނަގާ ކެމިކަލް ގުދަންކޮށް ވިއްކަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދައިން އެކި ބާވަތް ބާވަތުގެ ނުރައްކާތެރި ކެމިކަލްތައް ސަލާމަތީ ކަންކަން ކަށަވަރު ނުވާ ތަންތަނުގައި ގުދަންކޮށް ވިއްކުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް ފުރުސަތު ބޮޑު ކަމެއް ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އެހެންވެ، ކެމިކަލް ވިއްކާ ފަރާތްތަކުން، ކެމިކަލް ވިއްކުމަށްޓަކައި މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ކެމިކަލް ވިއްކުމުގެ ހުއްދަ ހޯދުމަށާއި ކެމިކަލް ވިއްކުމަށްޓަކައި ކެމިކަލް ބަހައްޓާ ތަންތަން 'މަކުޑި' ޕޯޓަލްގައި ރަޖިސްޓްރީކުރުމަށް އަންގާފައިވެ އެވެ.

އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީނުކޮށް ކެމިކަލް ވިއްކަމުންގެންދާ ފަރާތްތަކާ މެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ނެރުނު އިއުލާނުގައިވެ އެވެ.

އެނގުން މުހިންމު - ޑިފެންސް މިނިސްޓްރީން ހުއްދަ ނަގަން ޖެހޭ ގޮތަށް އަދި މާލޭގައި ގުދަންކުރުން މަނާކޮށް ގަވާއިދެއް އެކުލަވާލީ ވެސް 2019 ވަނަ އަހަރު ހެންވޭރު އަބަދަށްފެހިމަގުގައި ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި ހާދިސާއަކަށް ފަހު އެވެ.

އަބަދަށްފެހި މަގު، ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ، ހިނގި ބިރުވެރި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، އެ ސަރަހައްދުގެ 26 ގެއަކަށް އެކިވަރުގެ ގެއްލުންވެ، 700އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވެ އެވެ.

އޭގެ ފަހުން ވެސް މާލޭގައި ހުރި ކެމިކަލް ގުދަންތަކެއްގައި ވެސް އަލިފާނުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް