ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ކ) އާއި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު.

ސޯދިގު އައްޑޫ ބަހުން ސުވާލު ކުރުމުން މިނިސްޓަރު ޖަވާބުދިނީ ހުވަދޫ ބަހުން

ސޯދިގު މެމްބަރުކަމަށް އިންތިހާބުވެވަޑައިގަތް ފަހުން މަޖިލީހުގެ ޖަލްސާތަކުގައި މުޅިން ވެސް ވާހަކަ ދައްކަވަނީ އައްޑޫ ބަހުރުވައިން
1 ގަޑިއިރު ކުރިން
1

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު އައްޑޫ ބަހުން ސުވާލުކުރެއްވުމުން، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ހުވަދޫ ބަހުން އޭނާއަށް ޖަވާބުދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މުއްތޮލިބު ހާޒިރުކުރީ މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށެވެ.

ސޯދިގު މެމްބަރުކަމަށް އިންތިހާބުވެވަޑައިގަތް ފަހުން މަޖިލީހުގެ ޖަލްސާތަކުގައި މުޅިން ވެސް ވާހަކަ ދައްކަވަނީ އައްޑޫ ބަހުރުވައިންނެވެ.

އޭގެ ސަބަބުން ބައެއް މިނިސްޓަރުންނަށް އޭނާގެ ސުވާލުތައް ސާފުނުވާތީ ޖަވާބު ނުދެއްވެ އެވެ. ސޯދިގު ވިދާޅުުވާ ގޮތުގައި އޭނާ އަންނަނީ މާލެ ބަހުރުވަ ދަސްކުރައްވަމުންނެވެ. ނަމަވެސް މީގެ ކުރިން އޭނާ މާލެ ބަހުން ވާހަކަދައްކަވާފައިވާ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ފެންނަން އެބަހުއްޓެވެ.

ބުނީ ކީކޭ؟ - ސޯދިގު ސުވާލުކުރެއްވީ ފެނަކައިގެ ފެން ޕްލާންޓަށް މައްސަލަ ޖެހި، ފެނުގެ ހިދުމަތަށް ބުރޫ އަރާތީ އާއި ހިތަދޫގައި ސަރުކާރުން އަޅާ ހައުސިން ޔުނިޓުގެ މަސައްކަތް ހުއްޓިފައިވާތީ އެ މަސައްކަތް އަލުން ފަށައި، ޔުނިޓުތައް ހަވާލުކުރާނެ ތާރީހަކާ ބެހޭގޮތުންނެވެ.

13 ޖުލައި 2026: ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު. (ފޮޓޯ/މަޖިލިސް)

ސޯދިގު އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން ގދ. ފިޔޯރީއަށް އުފަން މުއްތޮލިބު ޖަވާބުދެއްވީ ހުވަދޫ ބަހުރުވައިންނެވެ.

"އައްޑޫ ބަހުން ވާހަކަދެއްކީމަ އަޅުގަނޑުު ޖަވާބު ދޭންވީ ހުވަދޫ ބަހުންތޯ؟ ހުވަދޫ ބަހުން އަޅުގަނޑު ކުރިއަށްގެންދާނަން،" މުއްތޮލިބު ވިދާޅުވި އެވެ.

މެމްބަރު ސޯދިގުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މުއްތޮލިބު ވިދާޅުވީ ފެނުގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި މި ސަރުކާރު އައި ފަހުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން، ފެން ހޮޅިތަކުގެ މައްސަލަ މިހާރު ދިމާވެގެން އުޅެނީ، މުއްތޮލިބު ވިދާޅުވި ގޮތުގައި، މިދިޔަ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ސޯދިގު ހުންނެވިއިރު، މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔަ ގޮތުންނެވެ.

"ހީވެންނޫ މެމްބަރަސް ކޮންމިއަސް ވަރަކަން ޒިންމާ ނަގަން ޖެހެންނެއި ކަމެކެހެން މި ކަމާއްކޫ (ހީވަނީ މެމްބަރު ވެސް ކޮންމެވެސް ވަރަކަށް ޒިންމާ ނަގަން ޖެހޭ ކަމެއްހެން މި ކަމަކީ)،" މުއްތަލިބު ވިދާޅުވި އެވެ.

މެމްބަރުގެ ދެ ވަނަ ސުވާލަށް އެ ފުރުސަތުގައި މިނިސްޓަރު ޖަވާބެއް ނުދެއްވަ އެވެ.

ކޮމެންޓް (1)

profile-image-placeholder

އަހައްމަދު

15 މިނިޓު ކުރިން
ސާބަސް، ހުވަދޫ ބަހުރުވާކީއަސް އެވެރިން ވާހަކަ ދައްކާ ކަލަކި އަޑަ އަހާށް ހިއްނެކޯ ހީބިހި ނަގާހެއި ޗާލު ދިވެހި ބަހައް. ޝުކުރިއްޔާ ދެބޭފުޅުންނަށަސް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް