ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ސްކޫލުގައި ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށްދަނިކޮށް ހިންގި ހަމަނުޖެހުން.

ޕީއެންސީ

ޕީއެންސީ އިންތިހާބުގެ މާރާމާރީ: އަދި އެކަކު ވެސް ހައްޔަރު ނުކުރޭ

އިންތިހާބުގެ ވޯޓު ގުނުން ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ސްކޫލުގައި ކުރިއަށް ދަނިކޮށް، އެ ތަނަށް ގްރޫޕަކުން ވަދެ، މާރާމާރީ ހިންގައި އެ ސްކޫލުގެ މުދަލަށް ވަނީ ގެއްލުން ދީފައި
1 ގަޑިއިރު ކުރިން

އިއްޔެ ބޭއްވި ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ސްކޫލުގައި ކުރިއަށް ދަނިކޮށް، ގްރޫޕަކުން އެތަނަށް ވަދެ، މާރާމާރީ ހިންގި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ތަފްސީލު - ވަކި ޕާޓީއަކާއި ސްކޫލެއްގެ ނަން ނުބުނެ ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރޭ 9:15 ހާއިރު ބަޔަކު އެ ސްކޫލަށް ވަދެ، ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރު ތަފްސީލެއްގެ ގޮތުގައި ފުލުހުން މިރޭ ބުނީ އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަޔަކު ވަދެ، އެ ތަނުގައި ތިބި މީހުންނަށް ހަމަލާދީ، އެ ތަނުގައި ހުރި ގޮނޑި ފަދަ ތަކެތި އުކާ ހަދާފައިވެ އެވެ. 

އެނގުން މުހިންމު - އިއްޔެ ހެނދުނު 9 އިން ހަވީރު 4އަށް ކުރިއަށް ގެންދިޔަ އިންތިހާބުގައި އެކި މަގާމުތަކަށް 2،500އަށް ވުރެ ގިނަ މީހުން އިންތިހާބު ކުރި ކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ.

ޕީއެންސީގެ ކޮންގްރެސްގެ ކުރިން ބޭއްވި މި އިންތިހާބުގައި ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ޕާޓީގެ އެތެރޭގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބު ކުރި އެވެ.

އެ ޕާޓީގެ ކޮންގްރެސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް