އެޓްމޮސްފިއާ ފައުންޑޭޝަނުން ހިންގި ޑައިވް ސްކޮލަޝިޕް ޕްރޮގްރާމްގެ ތަމްރީނުތަކުގެ ތެރެއިން.

އެޓްމޮސްފިއާ ފައުންޑޭޝަންގެ ޑައިވް ސްކޮލަޝިޕްގެ ފުރަތަމަ ބުރު ނިންމާލައިފި

ހުރިހާ ހަރަދެއް ހަމަޖައްސައިދީގެން 'ޒީރޯ ޓު ޑައިވްމާސްޓާ'ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މޫދު ބުޅާ ޑައިވް ސެންޓަރާ ގުޅިގެން، ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރު ޒޫނާ ނަސީމްގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދިޔަ ޕްރޮގްރާމެއް
1 ގަޑިއިރު ކުރިން

އެޓްމޮސްފިއާ ފައުންޑޭޝަނުން ހިންގި ޑައިވް ސްކޮލަޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - މި ޕްރޮގްރާމްގެ ދަށުން ދިވެހި 10 ޒުވާނަކު ވަނީ ޑައިވިންގެ ފެށޭ ލެވެލްއިން ފެށިގެން ގޮސް 'ޕަޑީ ޑައިވްމާސްޓާ' ލެވެލްއާ ހަމައަށް ތަމްރީނު ފުރިހަމަކޮށްފަ އެވެ.

މި ދަރިވަރުން ކޯސް ނިންމާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

ހުރިހާ ހަރަދެއް ހަމަޖައްސައިދީގެން 'ޒީރޯ ޓު ޑައިވްމާސްޓާ'ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މޫދު ބުޅާ ޑައިވް ސެންޓަރާ ގުޅިގެން، ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރު ޒޫނާ ނަސީމްގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ތަފްސީލް - ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ޕްރޮގްރާމްގައި ފަސް އަންހެނުންނާއި ފަސް ފިރިހެނުން ބައިވެރިވިއިރު، އެ މީހުން ތިބީ ވިލިމާލޭގަ އެވެ. މި މުއްދަތުގައި ބައިވެރިންގެ ތަމްރީނާއި ހުރުމާއި ކެއުން އަދި ޑައިވް އިންޝުއަރަންސްގެ ހަރަދުތައް ބެލެހެއްޓީ އެޓްމޮސްފިއާ ފައުންޑޭޝަނުންނެވެ.

ޕްރޮގްރާމް ނިމުނުއިރު، މި 10 ދަރިވަރުން ވެސް ވަނީ 'ޕަޑީ އޯޕަން ވޯޓާ ޑައިވް' އިން ފެށިގެން 'ޕަޑީ ޑައިވްމާސްޓާ'އާ ހަމައަށް ހުރި ހުރިހާ ޕްރޮފެޝަނަލް ތަމްރީނުތަކެއް ފުރިހަމަކޮށްފަ އެވެ.

އެޓްމޮސްފިއާ ފައުންޑޭޝަނުން ހިންގި ޑައިވް ސްކޮލަޝިޕް ޕްރޮގްރާމްގެ ތަމްރީނުތަކުގެ ތެރެއިން.

މި ޕްރޮގްރާމްގެ ތެރޭގައި ދަރިވަރުން ވަނީ 'ޕަޑީ އޯޕަން ވޯޓާ ޑައިވް' ތަމްރީނު ފުރިހަމަކޮށްފަ އެވެ. މީގެ ތެރޭގައި:

  • ކަނޑަށް ބިރުގަންނަ ނުވަތަ ޖެހިލުންވާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން އިތުރު ފަތަން ދަސްކޮށްދޭ ކްލާސްތައް ކުރިއަށްގެންދިޔަ 

  • އެއަށް ފަހު، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ފަސްޓް އެއިޑް ސެޓްފިކެޓެއް ކަމަށްވާ 'އިމަޖެންސީ ފަސްޓް ރެސްޕޮންސް' ފުރިހަމަކޮށް، 'އެޑްވާންސްޑް އޯޕަން ވޯޓާ' ތަމްރީނުތަކަށް ބަދަލުވި

އެޑްވާންސްޑް ތަމްރީނުތަކުގެ ތެރޭގައި:

  • ރޭގަނޑު ޑައިވްކުރުން (ނައިޓް ޑައިވް)، 

  • ފެތިފައިވާ އުޅަނދުތަކަށް ޑައިވްކުރުން (ރެކް ޑައިވް) 

  • ފުން ސަރަހައްދުތަކަށް ޑައިވްކުރުން (ޑީޕް ޑައިވް) 

  • އޮއިގަދަ ތަންތަނަށް ޑައިވްކުރުން (ޑްރިފް ޑައިވް) 

  • ފެނުގެ އަޑީގައި ހަށިގަނޑު އެއްވަރެއްގައި ހިފެހެއްޓުން (ޕީކް ޕާފޯމަންސް ބޯޔަންސީ) 

  • ދަރިވަރުން ވަނީ ގިނަ އަދަދެއްގެ ޑައިވްތައް ފުރިހަމަކޮށް، ޑައިވް ފިޒިކްސް، ފިޒިއޮލޮޖީ، ޑައިވް ޓޭބަލްތައް، ސަލާމަތީ ފިޔަވަޅުތައް އަދި ޕްރޮފެޝަނަލް ޑައިވިންގެ އަސާސްތައް ހިމެނޭ ތިއަރީ ސެޝަންތައް ނިންމާފައި

ކޯހުގެ އެންމެ ފަހު މަރުހަލާ އަމާޒުކުރީ 'ރެސްކިއު ޑައިވާ' ތަމްރީނާއި 'ޑައިވްމާސްޓާ' އަށެވެ. އެގޮތުން:

  • ފެނުގެ އަޑީގައި ދިމާވާ ކުއްލި ނުރައްކާތަކުގައި އަމަލުކުރާނެ ގޮތްތައް 

  • އެހެން ޑައިވަރުންނަށް އެހީތެރިވުން 

  • ޑައިވިން ހަރަކާތްތައް ސުޕަވައިޒްކުރުން 

  • ޕްރޮފެޝަނަލް ޑައިވަރުންގެ ކިބައިން ފެންނަންޖެހޭ ލީޑަޝިޕްގެ ޒިންމާތައް އުފުލަން ދަރިވަރުންނަށް ދަސްކޮށްދިނުން

މި ޕްރޮގްރާމްގެ ތެރޭގައި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާ ބެހޭ ބައެއް ވެސް ހިމެނެ އެވެ. ދަރިވަރުން ވަނީ 'ޕަޑީ އެވެއާ ކޮރަލް ކޮންސަވޭޝަން' ކޯސް ފުރިހަމަކޮށް، އެޓްމޮސްފިއާ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލް އަޒީޒް އަބްދުލް ހަކީމްގެ ފަރާތުން، ފަރު ހެއްދުމާއި މުރަކަ އިންދުން ހިމެނޭހެން ރާއްޖޭގެ ފަރުތައް އާލާކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން ލެކްޗާއެއް އަޑުއަހާފަ އެވެ.

ކޯސް އެއްކޮށް ނިމުމުގެ ކުރިން ވެސް ތިން ދަރިވަރަކަށް ވަނީ ވަޒީފާގެ އެއްބަސްވުންތައް ލިބިފަ އެވެ. މިއިން ދައްކުވައިދެނީ ރާއްޖޭގެ ކަނޑުގެ މަސައްކަތްތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި، ތަމްރީނު ލިބިފައިވާ ދިވެހި ޑައިވް ޕްރޮފެޝަނަލުންނަށް އޮތް ޑިމާންޑް ބޮޑުކަން ކަމަށް ފައުންޑޭޝަނުން ފާހަގަކުރި އެވެ.

އެނގުން މުހިންމު - އެޓްމޮސްފިއާ ފައުންޑޭޝަނުން ބުނި ގޮތުގައި، ދެވަނަ ޑައިވް ސްކޮލަޝިޕް ޕްރޮގްރާމުގެ ތަމްރީނުތައް މިއަދު ފަށާނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް