ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މާޝާ ނައީމް)

އަނބިމީހާގެ 8 އަހަރުގެ ކޮއްކޮއަށް ޖިންސީ ގޯނާކުރި ފިރިހެންމީހާގެ 18 އަހަރުގެ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ަހައި ކޯޓުގައި ފިރިހެންމީހާ ބުނީ، އޭނާއަށް އެ ތުހުމަތުތައް ކުރަނީ އާ ކައިވެންޏެއް ކޮށްގެން އުޅޭތީ ކަމަށް؛ އެ ކުއްޖާއަކީ ވާހަަކަ ލިޔާ ކުއްޖެއް ކަމަށާއި އެ ތުހުމަތުތަަކަކީ ވެސް ހިޔާލީ ވާހަކަތަކެއް ކަމަށް ސިފަކުރި
2 ގަޑިއިރު ކުރިން

އަނބިމީހާގެ އުމުރުން 8 އަހަރުގެ ކޮއްކޮއަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ފިރިހެންމީހާގެ މައްޗަށް އިއްވި 18 އަހަރުގެ ޖަލު އަދަބު ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - އެ ފިރިހެންމީހާގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ، 2013 އަދި 2014 ވަނަ އަހަރު އެކި ދުވަސް މަތިން އޭރުގެ އަނބިމީހާގެ 8 އަހަރުގެ ކޮއްކޮއަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ދައްކާ ކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާ އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތުހުމަތުގަ އެވެ.

މި މައްސަލަ ފުރަތަމަ ރިޕޯޓުކުރީ ކުއްޖާގެ މަންމަ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. ދެވަނަ ފަަހަރަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ 2021 ވަނަ އަހަރު ކުއްޖާ އަމިއްލައަކަށެވެ.

އެއަށް ފަހު:

  • 9 އޮކްޓޫބަރު 2023 - ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑައްކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ފިރިހެންމީހާގެ މައްޗަށް ދައުލަތުން އުފުލި

  • 29 އެޕްރީލް 2025 - މި ކުށް ސާބިތުވެ އޭނާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި

  • 15 ސެޕްޓެމްބަރު 2025 - މި ހުކުމް ހައި ކޯޓުގައި ފިރިހެންމީހާގެ ފަރާތުން އިސްތިއުނާފުކުރި

ތަފްސީލް - މި މައްސަލަ އިސްތިއުނާފުކޮށް، ތުހުމަތުކުރެވޭ ފިރިހެންމީހާ ބުނީ، ކްރިމިނަލް ކޯޓުން އެ މައްސަލަ ނިންމާފައިވަނީ، ކުއްޖާގެ ހެކިބަހުގެ މައްޗަށް ކަމަށާއި އިސްތިއުނާފުކުރާ ފަރާތް ކުއްޖާއާ މެދު ޖިންސީ އަމަލެއް ހިންގި ތަން ލޮލުން ދުށް މީހަކު ނެތް ކަމަށެވެ. އެފަދަ އަމަލެއް ހިންގިކަން އަންގައިދޭ އިތުރު އެހެން އެއްވެސް މީހެއްގެ ބަޔާނެއް ވެސް ނެތް ކަމަށާއި ހަމައެކަނި އޮތީ ކުއްޖާ ކިޔައިދޭ ކަމަށް ބުނާ ވާހަކަ ތަކެއް ކަމަށް އޭނާ ބުންޏެވެ.

މި މައްސަލަ ސާބިތުކުރުމުގައި ކްރިމިނަލް ކޯޓުން ދެން އެންމެ ބޮޑު ބުރަދަނެއް ދީފައިވަނީ، އެކަން ކުރިކަން ފިރިހެންމީހާ އެއްބަސްވެފައިވާ ކަމަށް، ފިރިހެންމީހާގެ އޭރުގެ އަންހެނުން ހިމެނޭހެން ކުއްޖާގެ ތިން ދައްތަ ދީފައިވާ ހެކިބަހަށެވެ.

އެކަމަކު ފިރިހެންމީހާ ބުނީ:

  • ކުއްޖާގެ އާއިލީ މީހުން ހަދަނީ ދޮގު ކަމަށާއި މުޅި މައްސަލަ ވަނީ އޭނާއާ ދެކޮޅަށް ފްރޭމް ކޮށްފައި ކަމަށް

  • ކުއްޖާއަކީ ހިޔާލީ ވާހަކަ ލިޔާ ކުއްޖެއްކަން ފާހަގަކޮށް، ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނެ ކުއްޖާ ދީފައިވާ ހެކިބަހުގައިވާ ވާހަކަތަކީ ވެސް ހަދައިގެން ދައްކާފައިވާ ވާހަކަތަކެއް ކަމަށް

  • ކުއްޖާގެ އުމުރުން 16 އަހަރު ފުރިފައިވާތީ ހަދަހަދައިގެން އެފަދަ ވާހަކަތަކެއް ދެއްކުމުގެ ގާބިލުކަން ހުންނާނެ ކަމަށް ވެސް ބުނި

މީގެ އިތުރުން، ކުއްޖާގެ ހެކިބަސް ކޯޓުގައި ނަގާފައިވާތީ، އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނާއި ހިލާފު ކަމެއް ކަމުގެ ދިފާއު ވެސް ހައި ކޯޓުގައި ފިރިހެންމީހާ ނަގާފައިވެ އެވެ. ސަބަބަކީ، ކުޑަކުއްޖެއްގެ ހެކިބަސް ހޯދާ ކަމަށްވާނަމަ އެ ހެކިބަސް ހޯދަން ވާނީ ކޯޓުން ބޭރުގައި ކަމަށް އެ ގާނޫނުގައި ބަޔާންކުރާތީ އެވެ.

ދައުލަތުން ރައްދުގައި ބުނެފައިވަނީ، މި މައްސަލާގައި ކުއްޖާގެ ހެކިބަސް ކޯޓުގައި ނަގާފައިވަނީ 26 އޮގަސްޓް 2024ގަ ކަމަށެވެ. އޭރު ކުއްޖާގެ އުމުރުން 18 އަހަރު ފުރިފައިވާ ކަމަށާއި 18 އަހަރު ފުރިފައިވާ ފަރާތެއް ނަމަ ކޯޓަށް ހާޒިރުވެ ހެކިބަސް ދޭންޖެހޭނެ ކަމަށެވެ. ދައުލަތުން ބުނީ:

  • އެ ކުއްޖާއަށް ލިބިފައިވާ ޖިންސީ އަނިޔާގެ ވާހަކަތައް ހިއްސާނުކޮށް ގިނަ ދުވަސް ވުމަކީ އެކަށީގެންވާ ކަމެއް؛ ކުއްޖާއަށް ލިބިފައިވާ ނަފްސާނީ އަނިޔާގެ ސަބަބުންނާއި އާއިލާގެ ތެރޭގައި އޮންނަ ގާތްކަމުގެ ސަބަބުން އެ ވާހަކަތައް ދައްކަން އުނދަގޫވެދާނެ 

  • އެކަމަކު، ކުއްޖާގެ ވާހަކަތަކުގައި ހުރި ތަފްސީލުތަކާއި އެހެން ފަރާތްތަކަށް ކިޔައިދީފައިވާ ތަފްސީލުތައް އެއްގޮތްވެފައި އެހެން ހެކިތަކުން ކުއްޖާގެ ވާހަކަތަކާ ގުޅުވާލުމުން، ކުއްޖާ ދައްކާފައިވާ ވާހަކަތަކަކީ ތެދު ކަމަށް ގަބޫލުކުރެވޭނެ

ހައި ކޯޓުގެ ހުކްމް - މި އިސްތިއުނާފުގައި ހައި ކޯޓުން ނިންމީ، ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި ހުކުމަަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. މި މައްސަލަ ހައި ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ އަންގާރަ ދުވަހު އިއްވި ހުކުމްގައި ބުނީ:

  • މި ތުހުމަތުތައް ކުރީގެ އަނބިމީހާ ފިރިހެންމީހާއަށް ކުރަނީ، ފިރިހެންމީހާ އެހެން މީހަކާ ކައިވެނިކޮށްގެން އުޅޭތީ އެކަމާ މެދު ހިތްހަމަނުޖެހޭތީ ކަމަށް ފިރިހެންމީހާ ބުންޏަސް، އެކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައެއްނުވޭ

  • ކުއްޖާ ކިޔައިދޭ ވާހަކަތަކުގެ ޓައިމްލައިންތައް ދިމާނުވާ ނަމަ ނުވަތަ ހަމަނުޖެހޭ ކަންކަން ހުރި ނަމަ އެކަންކަން ސާބިތުކުރަން ހެކި ހުށަހެޅުމަކީ ތުހުމަތު ރައްދުވާ ފިރިހެންމީހާގެ ޒިންމާއެއް

  • އެ ހެކިތައް ހުށަަހަޅަން ދަށު ކޯޓުގައި ފުރުސަތު ލިބި، އެކަން ކޮށްފައެއްނުވޭ

  • ކުއްޖާގެ ހެކިބަސް ޝަރީއަތުގެ މަޖިލީހުގައި ނެގުމަށް ދަށު ކޯޓުގައި އިއުތިރާޒުކޮށްފައިނުވާކަން އެނގޭ؛ އެހެންކަމުން ހައި ކޯޓު މަރުހަލާގައި ބަލައިގަނެ ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫން

  • މިހެން މިކަންކަން ހުރުމުން ފިރިހެންމީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ނިންމައި އިއްވާފައިވާ ހުކުމަށް ތާއީދުކުރެވޭ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް