އީރާނުގެ އެންމެ އިސް ވެރިޔާ އާޔަތުﷲ އަލީ ހާމަނާއީ. (ފޮޓޯ/ރޮއިޓާސް)

އާޔަތުﷲގެ ޖަނާޒާގައި ބައިވެރިނުވެވުނީ ކުއްލިއަކަށް ޕްރޮޓޮކޯލް ބަދަލުކުރުމުން: ދިވެހި ސަރުކާރު

އޯއައިސީން ރާއްޖެއަށް ކަނޑައަޅުއްވާފައި ސަފީރު ސަރީރު ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަން ދަތުރު ފައްޓަވާފައި ވަނިކޮށް ސަފީރު ލެވެލްގައި ބައިވެރިނުވެވޭނެ ކަމަށް އިރާން އެމްބަސީން އެންގި ކަމަށް ފޮރިން މިނިސްޓްރީން ބުނި
1 ގަޑިއިރު ކުރިން

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކަށް ބައިވެރިނުވެވުނީ ކުއްލި ގޮތަކަށް ޕްރޮޓޮކޯލަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށް ބުނެ ދިވެހި ސަރުކާރުން މިއަދު ބަޔާނެއް ނެރެފި އެވެ.

ވީކިިހިނެއް؟ - އާޔަތުﷲގެ ރަސްމީ ޖަނާޒާ ބޭއްވީ މިދިޔަ ހުކުރު ދުވަހުގަ އެވެ. އަދި ޖަނާޒާގެ ރަސްމިއްޔާތުތައް މިދިޔަ ހޮނިހިރު ދުވަހު ފެށީ ހަފުތާއެއްގެ މުއްދަތަކަށް ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް މިހާތަނަށް ވެސް ދިވެހި ސަރުކާރުގެ މަންދޫބަކު ގޮސްފައިނުވާތީ ގިނަ ބަޔަކު އަންނަނީ އެކަމާ މެދު ސުވާލު އުފައްދަމުންނެވެ.

ތަފްސީލް - ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އާޔަތުﷲގެ ޖަނާޒާގައި ބައިވެރިވުމުގެ ދައުވަތު ދިވެހި ސަރުކާރަށް އިރާނުގެ ސަރުކާރުން ފޮނުވާފައިވާ ކަމަށެވެ. ޖަނާޒާގައި ބައިވެރިވާނެ ސަރުކާރުގެ މަންދޫބަކަށް ރާއްޖޭން ސައުދީ އަރަބިއްޔާ އާއި އޯގަނައިޒޭޝަން އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ވެސް ހަމަޖެއްސި ކަމަށް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް އޭގެ ފަހުގައި ކަން ހިނގި ގޮތް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވަނީ:

  • ސަރީރު ފުރާވަޑައިގަންނަވާ ވަގުތު ކައިވެރިވެފައި ވަނިކޮށް، އިރާން އެމްބަސީން އެންގީ ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލު މިހާރު ހަމަޖެހިފައިވާ ގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް

  • އެ މައުލޫމާތު ލިބުމުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅެއް ރާއްޖެއިން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިރާނަށް ދަތުރުފުޅު ކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވުނެ

  • ނަމަވެސް ސްޓޭޓް މިނިސްޓަރަށް ތެހްރާނަށް ވަޑައިގެނެވޭނީ ޖަނާޒާގެ ރަސްމީ ބައި ނިމޭ ފަހުން ކަމަށްވާތީ، އިރާނުގެ ސަރުކާރުން ދެން ލަފާ ދެއްވީ މި ވަގުތު ދެން ދަތުރު ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާރީހެއްގައި އެ ދަތުރު ކުރެއްވުމަށް

ފަސްފަހަތް - އީރާނުގައި 37 އަހަރު ވަންދެން ވެރިކަން ކުރެއްވި ހާމަނާއީ އަވަހާރަވީ މިދިޔަ ފެބްރުއަރީގައި އެމެރިކާ އާއި އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގަ އެވެ. އޭނާގެ ހަށިގަނޑާއި އެ ހަމަލާގައި މަރުވި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ ހަށިގަނޑުތައް ބަހައްޓާފައިވަނީ އާޔަތުﷲ ރޫހުﷲ ހުމައިނީއަށް ނިސްބަތްކޮށް ހަދާފައިވާ ނަމާދުކުރާ ހޯލެއްގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް