ކުރީގެ ކުޅުންތެރިޔާ އިބްރާހީމް ފަޒީލް؛ ފަޒީލްގެ ކުންފުންޏަށް މާފަންނު ދަނޑުން ދޫކޮށްފައިވާ ބިން އަތުލަން އުޅޭ މައްސާލަގައި ކޯޓުގައި ދައުވާކުރި (ފޮޓޯ/ ހަވީރު ފައިލްސް)
މާފަންނު ދަނޑުގެ ބިން އަތުލުން ހުއްޓުވަން ފަޒީލްގެ ކުންފުނިން ކޯޓަށް
ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު އިބްރާހީމް ފަޒީލް (އޮއްޕޮ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހިންގާ ފިއުޗާ ހޯމްސް ކުންފުންޏަށް މާފަންނު ސްޓޭޑިއަމް ސަރަހައްދުން ދޫކޮށްފައިވާ ބިމުގައި އެ ކުންފުނިން ހަދާފައިވާ އިމާރާތް ހުސްކުރުމަށް އެންގި މައްސަލާގައި އެ ކަން ހުއްޓުވަން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - ފަޒީލްގެ ކުންފުންޏާ އެކު، އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން 2023 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް 2،700 އަކަފޫޓުގެ ބިމެއް ދޫކޮށްފައިވަނީ 25 އަހަރުގެ މުއްދަތަަކަށެވެ.
އެފްއޭއެމަށް ފުޓުބޯޅަ އެރީނާއެެއް ހަދަން ދޫކޮށްފައިވާ އެ ބިމުގައި މިހާރު ދެ ބުރި އިމާރާތެއް ވަނީ އަޅައިފަ އެވެ. އެ ތަން ހުސްކުރުމަށް އެފްއޭއެމުން ތަކުރާރުކޮށް އެދުމުން ވެސް އެ ތަން ހުސްނުކުރާތީ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ތަފްސީލް - ފިއުޗާ ހޯމްސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސާލަގައި ބުނެފައިވަނީ އެ ތަނުގައި އިމާރާތެއް އެޅީ އެފްއޭއެމާއެކު ހެދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކަމަށެވެ. ހުށަހެޅި މައްސާލަގައި ބުނެފައިވާ ގޮތުގައި:
-
އެ އިމާރާތަކީ ޓާފް ދަނޑުގެ ދެކުނުގައިވާ ކުނިތައް ނެގުމާއި، ސާފުކުރުމާއި ޗޭންޖިން ރޫމެއްގެ ބޭނުމުގައި ހެދި އިމާރާތެއް
-
ކުއްޔަކާ ނުލާ ބިން ދޫކޮށްފައިވަނީ އެ މަސައްކަތުގެ ބަދަލެއްގެ ގޮތުގައި
-
އިމާރާތުގެ މަސައްކަތް ނިމެންދެން ތިރީ ފަންގިފިލާގައި ބަހައްޓާފައިވަނީ ކޮންސްޓްރަކްޝަނަށް ބޭނުންވާ އެކި މުދާ؛ އެ ތަނުގައި ހުރި މުދަލުގެ އަގު ތިން މިލިއަން ރުފިޔާއަށް އަރާނެ
-
ފުރަތަމަ ފަންގިފިލާގައި އިވެންޓް ހޯލެއް ހެދުމަށް ނިންމާފައިވަނީ ވެސް އިމާރާތް ހެދުމާ ހަވާލުވީ އެއިން ވެސް ކުންފުންޏަށް މަންފާ ލިބޭނެ ގޮތަކަށް އަޅަން ވެގެން؛ ނަމަވެސް ތަން ހުސްކުރަން އެންގީ އެއިން މަންފާއެއް ވެސް ނުނެގެނީސް
-
އެ ބިމުގައި ހުރި ގާކުނޑިއާއި އިމާރާތްކުރަން ބޭނުންވާ ސާމާނުގެ ތެރެއިން ކުންޏަށް ވެފައި ހުރި ބަރުތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް ވެސް ކޮށްދިން؛ މި މަސައްކަތްތައް ވެސް އެ ކުންފުނިން ކޮށްދީފައިވަނީ ބިން ދިނުމުގެ ބަދަލެއްގެ ގޮތުގައި
ފިއުޗާ ހޯމްސްއިން ސިވިލް ކޯޓުގައި އެދިފައިވަނީ އެއްބަސްވުމަށް އަމަލުނުކުރަން އެފްއޭއެމުން ނިންމީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި މަސައްކަތް ކުރަމުން ދަނިކޮށް ހުއްޓާލުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އޭގެ އިތުރުން އެ މައްސަލާގައި ސިވިލް ކޯޓުން ގޮތެއް ނިމެންދެން، އެފްއޭއެމްގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމާއި އިމާރާތް ހުސްކުރުމަށް އެއްވެސް ފިޔަވަޅެއް އެޅުން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.
ކޮމެންޓް